ޑރ. މުހައްމަދު މުއިއްޒު

ކޮންމެ މީހަކަށް ޕާކިން ސްލޮޓެއްދީ ރަޖިސްޓްރީކޮށްދޭނަން: މުއިއްޒު

ވެރިކަން ލިބިވަޑައިގެންފިނަމަ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރާނީ ކޮންމެ މީހަކަށްވެސް ޕާކިން ސްލޮޓެއް ދޫކޮށް އެ މީހަކަށް އެތަންތަން ރަޖިސްޓްރީކޮށްދީގެން ކަމަށް ޕީޕިއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގައި މިރޭ ކެމްޕޭން ޖަގަހައެއް ހުޅުވުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް ވިސްނާފައިވާ ގޮތްތަކެއް ހިއްސާކުރައްވާފަ އެވެ.

މާލޭގެ މޭޔަރު ކަމުގައިވެސް މިވަގުތުވެސް ހުންނެވި މުއިއްޒު ވިދާޅުވީ އޭނާ މޭޔަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މާލެއަށް ދިމާވެފައި އޮތް ޕާކިން މައްސަލަ ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް މުޅި މައްސަލައަށް ހައްލު ގެނައުމަށް ކުރަން ބޭނުންވި ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން އެއްބާރުލުން ނުދެއްވި ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޕާކިން މައްސަލަ ހައްލުކުރުމަށް ބޭނުންވާ އިންވެސްޓަރުންނާއި ވަސީލަތް ހޯދި ނަމަވެސް އެކަން ކުރިއަށް ގޮސްފައި ނުވަނީ ސަރުކާރުގެ ތެރެއިން ލިބެންޖެހޭ ހުއްދަތަކެއް ނުލިބިގެން ކަމަށެވެ.

މުއިއްޒު ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި ޕާކިން ބިލްޑިންތަކެއް އަޅާނެ ކަމަށެވެ. އަދި އެފަދަ ބިލްޑިންތަކުގައި ކޮންމެ މީހަކަށްވެސް ޕާކިން ސްލޮޓެއް ހާއްސަކޮށް އެމީހަކަށް އެ ސްލޮޓް ރަޖިސްޓްރީކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި ގަރާޖު ސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެންނާނަން،" މާލޭގައި ކާރެއް ރަޖިސްޓްރީކުރުމަށް ހޯދަން ޖެހޭ ގަރާޖު ސިޓީއަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުން އޭނާއަށް ފުރުސަތު ދީފިނަމަ މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލްތަކާ ގުޅިގެން މިހާރު ހުރި ގިނަ މައްސަލަ ތަކަކަށް ހައްލު ހޯދައިދޭނެ ކަމަށެވެ.

"ހޮވައިދީފިނަމަ ފެންނާނީ އިހްލާސްތެރި މަސައްކަތްތަކެއް ކުރާތަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާ މާލޭގެ މޭޔަރު ކަމަށް ހޮވުނު ފަހުން ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ހިޔާލު ހޯދައި ރައްޔިތުންނަށް ފެންނަ މީހަކަށް ވެފައިވާ ކަމަށެވެ. އޭނާ އަށް ވެރިކަން ލިބިވަޑައިގެންފި ނަމަވެސް ރައްޔިތުންނަށް ފެންނާނެ ކަމަށާއި ރައްޔިތުންގެ ގާތަށް ދާނެ ކަމުގައި ވިދާޅުވި އެވެ. އަދި އޭނާ ކުރާނީ ރައްޔިތުންނަށްޓަކައި އިހްލާސްތެރި ވެރިކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.