ރައީސް މުހައްމަދު ނަޝީދު

މަޖިލިސް މެންބަރުން އެމްޑީޕީއަށް ގެންދާތީ ރައީސް ނަޝީދު ކޯފާވެއްޖެ

އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވި ބައެއް މަޖިލިސް މެންބަރުންނާއި ބައެއް އާންމު މެންބަރުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަންނަވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޯފާވެއްޖެ އެވެ.

ރައީސް ނަޝީދު ކޯފާވެފައި މިވަނީ އެމްޑީޕީގައި ތިއްބެވުމަށްފަހު ދަ ޑިމޮކްރެޓްސް ސޮއި ކުރެއްވި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނިކޮށެެވެ.

އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް ނަޝީދު މިއަދު ކޯފާ އިސްކުރައްްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހް ގެންދަވަނީ ލަދެއްނެތި، ބިރެއްނެތި، ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވަމުން ކަމަށެވެ.

"ތިޔަކަމުން ވާނެ މޮޅެއް ނޯންނާނެ. ވާނީ މަނިކުފާނު ފަލީހަތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މީގެކުރިން ވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ އެ ޕާޓީއަށް އިންޒާރު ދެއްވާފަ އެވެ. ނަމަވެސް ދަ ޑިމޮކްރެޓްސްގެ ޅަފަތުގައި އެ ޕާޓީން ބަޔަކު ވަކިވެގެންދާތަން އެބަ ފެނެ އެވެ.

ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންވެސް ތުހުމަތުކުރައްވާ ގޮތުގައި އެ ޕާޓީގެ މެންބަރުން އެމްޑީޕީއަށް އަލުން ގެންދަނީ ފައިސާ ދީގެންނެވެ. ނަމަވެސް އެމްޑީޕީން އެ ތުހުމަތު ދޮގުކުރެ އެވެ.