މިދިޔަ އަހަރު ފެށިގެން ދިޔައީ، ސިޔާސީ ލީޑަރުންތަކެއް މައްޗަށް ބޮޑެތި ޖަލު ހުކުމްތަކަކާއެކު އެވެ. މި އަހަރުގެ ފެށުން ވެސް އެފަދަ ގޮތަކަށް ބައްޓަންވަމުންދާ ކަމުގެ މަލަމަތި ދަނީ ފެންނަމުންނެވެ. އަހަރުގެ މެއި އެއްވަނަ ދުވަހު، ހައްޔަރުކުރި އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ގެ ދިގު ދެމިގެން ގޮސްފައިވާ ޝަރީއަތް މިއަދު ނެމޭނެ އެވެ. މިއަދު މި މައްސަލާގެ ހުކުމް އިއްވުން ހަވީރު ހަތަރެއް ޖަހާއިރަށް ވަނީ ތާވަލުކޮށްފަ އެވެ.
އިމްރާނު މައްސަލާގައި އިއްޔެ ހުލާސާ ބަޔާން އިއްވާފައިވާއިރު، ދެ ފަރާތަށް ވެސް ގިނަ ކަންތައްތައް ފުރިހަމައަށް ސާބިތުނުކޮށްދެވޭކަން ފާހަގަކޮށްލެވެ އެވެ.
ހުލާސާ ބަޔާން އިއްވާ މިއަދު ހުކުމް އިއްވާނެ ކަމަށް ގާޒީ އިއުލާންކޮށްފައިވާއިރު މިއީ ސިޔާސީ ފަރާތަކަށް މި އަހަރުގެ ތެރޭގައި އިއްވާ ފުރަތަމަ ހުކުމެވެ. މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި 13 އަހަރަށް ޖަލަށްލާފައިވަނީ، މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.
އިމްރާނުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު އިމްރާނަށް އިއްވާ ހުކުމަކީ އާ ގާނޫނުލްއުގޫބާތުގެ ދަށުން އިއްވާ ހުކުމަކަށްވުމުން އެ ހުކުމަށް ލުޔެއް ލިބިގެންދާނެ އެވެ. އިމްރާންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދެ ވަނަ މާއްދާގެ (ކ)ގެ ދަށުން އުފުލާފައިވާ ދައުވާއެކެވެ. އިމްރާނުގެ މައްޗަށް އަންނާނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ހުކުމެކެވެ.
މިދިޔަ އަހަރު ދައުލަތުން ޓެރަރިޒަމް ދައުވާ އުފުލި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް އިއްވާފައިވަނީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ ހުކުމް އިއްވީ އޭޕްރީލް މަހުގެ ތެރޭގަ އެވެ. މި ދެ އަހަރު ތެރޭގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި ސިޔާސީ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކު މިހާތަނަށް ސަލާމަތްވެފައި ނުވާކަން ފާހަގަކޮށްލެވެ އެވެ. ނަޝީދާއި ތޮލްހަތު ޖަލަށްލާފައިވާއިރު ދެން އޮތީ އިމްރާނު ކަމަށްވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.
މިދިޔަ އަހަރުގެ ތެރޭގައި ހުކުމްކުރި ސިޔާސީ ފަރާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަނެއް ބޭފުޅަކީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. ހަތިޔާރު އެތެރެކޮށް ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ އޭނާ ވަނީ 11 އަހަރަށް ޖަލަށްލާފަ އެވެ. މިދިޔަ އަހަރު ދައުވާ އުފުލި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާ ސާބިތުވެފައެއް ނުވެ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ، ކުށް ނުކުރާ މީހަކު ހިފާ ހައްޔަރުކުރުމުގެ ދައުވާއެވެ. ކުށް ސާބިތުނުވާ ކަމަށް ކޯޓުން ނިންމިއިރު ޖަލީލު ހުންނެވީ ޑިފެންސް މިނިސްޓަރުގެ ގޮތުގަ އެވެ.
އިމްރާނުގެ މައްޗަށް މިއަދު ހުކުމް އިއްވާނެއިރު މައްސަލަ ބައްލަވަނީ މިހާރު ކްރިމިނަލް ކޯޓުން ހިންގުން ހަވާލުކޮށްފައިވާ، ގާޒީ އަބްދުލް ޔޫސުފް ބާރީ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލު ކުރުމަށް ޖޭއެސްސީއިން ނިންމާފައިވާއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ދެން އައްްޔަން ކުރައްވާނީ ގާޒީ ބާރީ ކަމަށް ބެލެވެ އެވެ. ގާޒީ ބާރީ ވަނީ ހައިކޯޓު ފަނޑިޔާރު ކަމަށް ވެސް ކުރިމަތިލައްވާފަ އެވެ. ގާޒީ ބާރީއަކީ ނާޒިމްގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ވެސް ހިމެނިވަޑައިގެން ގާޒީ އެކެވެ.
އިމްރާނަށް މިއަދު ހުކުމް އަންނަ ގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެ އެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ސިޔާސީ ޕާޓީތަކަށް މަޝްވަރާތަކަށް ގޮވާލައްވާފަ އެވެ. އެ ދައުވަތު އަދާލަތު ޕާޓީއަށް ވެސް ދީފައިވެ އެވެ. މީގެކުރިން ވެސް އަދާލަތު ޕާޓީން ވަނީ އިމްރާނު ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލާފަ އެވެ.
ރައީސް އިއްޔެ މަޝްވަރާތަކާ ގުޅޭ ގޮތުން ވިދާޅުވީ މަޝްވަރާ ކުރަން ވާނީ ހައްޔަރުގައި ތިބި ބަޔަކު ދޫކޮށްލުމަށް ނޫން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ހަމަޖެހޭ ރާއްޖެ އެއް ބިނާކޮށް ގުޅިގެން ތަރައްގީ ގެނައުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.