ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް އެމްޑީޕީން ރިޝްވަތު ދީފައި ނުވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން އެމްޑީޕީއަށް ގެންދާ ކަމަށް ތުހުމަތުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ. ނަޝީދު ވަނީ ރިޝްވަތުގެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފަ އެވެ.
ރިޝްވަތުގެ މައްސަލަ ނަޝީދުގެ ފަރާތުން ފުލުހަށް ހުށަހެޅީ އެމްޑީޕީގައި ތިއްބެވުމަށްފަހު ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ.
ރައީސް ނަޝީދުގެ ތުހުމަތާ ގުޅިގެން އެމްޑީޕީގެ ސްޕޯކްސްޕާސަން އަނަސް އަބްދުއްސައްތާރު ވިދާޅުވީ ކުރިން އެމްޑީޕީގައި ތިއްބެވި ދެ މެންބަރަކު ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު އަލުން އެމްޑީޕީއާ ގުޅުނީ އެ މެންބަރުން ނިސްބަތްވާ ރައްޔިތުންގެ ވިންދު ހުރި ގޮތަށް ބެލުމަށްފަހު ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ.
"އެބޭފުޅުންނަށް އެބޭފުޅުން ދާއިރާގެ ތާއީދު އޮތް ގޮތާއި އެބޭފުޅުންގެ ވިސްނުމުގެ މައްޗަށް ބިނާވެ ރާއްޖޭގެ ރައްޔިތުންނަށް އެންމެ މަންފާކުރާނެ އަދި ގައުމު ކުރިއެރުވޭނެ ވެރިކަމެއް ކުރެވޭނީ އެމްޑީޕީއަށް ކަމަށް ގަބޫލުކުރެވިގެން އެމްޑީޕީއަށް އެ އަންނަނީ. އެމްޑީޕީއަކީ ރިޝްވަތު ހުށަހަޅާނެ ޕާޓީއެއް ނޫން،" އަނިލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ތުހުމަތަކީ އެއްވެސް ހަގީގަތެއް އޮޓަރެއް ހުރި ތުހުމަތެއް ނޫން ކަމަށެވެ. އެމްޑީޕީއަކީ މިއަދުވެސް ރައްޔިތުންގެ މަޖިލީހުގައި ބޮޑު އަގުލަބިއްޔަތަކާ އެކު މެޖޯރިޓީ އޮތް ޕާޓީ ކަމަށްވާތީ ބޮޑު އަގު ދީފައި އެމްޑީޕީއަށް މެންބަރުން ގަތުމުގެ އެއްވެސް ބޭނުމެއް ނޯންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ރައީސް ނަޝީދު ރައްޔިތުން މަޖިލީހުގެ އެއްވެސް މެންބަރަކާއި މެދު އެހާ ގޯސްކޮށް ދެކިވަޑައިގަންނަވާކަށް ނުވާނެ. ރައީސް ނަޝީދު ފަދަ ބޭފުޅަކު މެންބަރުންނަށް ތުހުމަތު އަމާޒުވާ ގޮތަށް އެފަދަ ބަސްފުޅެއް ވިދާޅުވުމަކީ ހިތާމަކުރައްވާ ކަމެއް،" އަނިލް ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންވެސް ތުހުމަތުކުރައްވާ ގޮތުގައި އެ ޕާޓީގެ މެންބަރުން އެމްޑީޕީއަށް އަލުން ގެންދަނީ ފައިސާ ދީގެންނެވެ. އެކަމަކު އެކަމަށް ބާރުދޭ ވާހަކަތަކެއް ހިއްސާއެއް ނުކުރައްވަ އެވެ.
ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވިއިރު އޭރު ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ނެތުމުން ބޮޑު އަގުގައި އެހެން ޕާޓީތަކުން މެންބަރުން ގަނެލި ކަމަށް ބުނާ އެތައް މައްސަލަތަކެއް އެދުވަސްވަރު އޭސީސީއާއި ކަމާ ގުޅޭ އެހެން އިދާރާތަކުން ބަލާފައިވެ އެވެ.