ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ އޮންލައިންކޮށް ބެލޭ ގޮތަށް ހާއްސަ ވެބްސައިޓެއް ހަދައިފި އެވެ.
ޑރ. މުއިއްޒުގެ މެނިފެސްޓޯ އޮންލައިންކޮށް ބެލޭ ގޮތް ހަދާފައިވާއިރު މެނިފެސްޓޯ ރަސްމީކޮށް ލޯންޗުކުރީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފޭސް ދެއެއްގައި ބޭއްވި ޖަލްސާއެއްގަ އެވެ.
މެނިފެސްޓޯގައި 19 ދާއިރާއަކުން މުއިއްޒުގެ ވެރިކަމެއްގައި ކުރަން ނިންމާފައިވާ ކަންތައްތައް ވަނީ ހިމަނާފަ އެވެ.
މެނިފެސްޓޯގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ކުރަން ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ޑިމޮކްރެޓިކް އުސޫލުން ސަރުކާރަކާ މަތިކުރެވޭ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ގައުމުގެ ތަރައްގީއަށް މަޝްރޫއުތަކެއް ހިންގުމަށް ވައުދުވެއްޖެނަމަ އެ ކަންކަން ކޮށް ނިންމާފައިވާކަން ރައްޔިތުންނަށް ފެންނަންވާނެ ކަމަށާއި އޭގެ އުފަލާ ހިތްހަމަ ޖެހުމާ ފަސޭހަކަން ރައްޔިތުންނަށް ލިބިލިބި އޮންނަންވާނެ ކަމަށެވެ.
މެނިފެސްޓޯގައި ހިމެނޭ 19 ދާއިރާ
- ޒުވާނުން
- ކަނބަލުން
- މަސްވެރިކަން
- ގެދޮރުވެރިކަމާއި އާބަނައިޒޭޝަން
- އޯގާތެރި މުޖުތަމައު
- އިސްލާމީ ނޫރާއި ދީނީ އަގީދާ
- ވަޒީފާއާއި ވުނޭރުކަން
- ތައުލީމާއި ތަމްރީން ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަން
- ފިލްމީ ދާއިރާ، ފަންނުވެރިކަން އަދި މިއުޒިކް
- ކުޅިވަރާއި ކަސްރަތު
- ސިއްހީ ނިޒާމާއި ފަރުވާ
- ސަރުކާރު ހިންގުމާއި ސިޔާސަތު ރޭވުން
- އިގުތިސާދާއި މާލިއްޔަތު
- އުމްރާނީ ތަރައްގީ އާއި މަޝްރޫއުތައް
- ފަތުރުވެރިކަން
- ދަނޑުވެރިކަމާއި ކާބޯތަކެތި
- ތިމާވެއްޓާއި ހަކަތަ އަދި ދެމެހެއްޓެނިވި ތަރައްގީ
- ދުސްތޫރީ، ގާނޫނީ އަދި ޝަރުއީ އިސްލާހު
ޕީޕީއެމް މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ޕޭޕެލް، ޕެއޮނިއާ، ސްޓްރައިޕް، ސްކްރިލް އަދި ނެޓެއްލާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބުން ހަމަޖެއްސުން ހިމެނެ އެވެ.
މަސް ކިރާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި މަސް ރައްކާކުރެވޭ ކެޕޭސިޓީ ދެގުނައަށް އިތުރުކުރުމަށް ވަނީ ހިމަނާފަ އެވެ.
ބޯހިޔާވަހިކަމަށް އެދޭ އަދި ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރުކޮށްދިނުމަށް ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ޑޮލަރުގެ ދަތިކަން ހައްލުކޮށް ޑޮލަރުގެ ކަޅު ބާޒާރު ކުޑަކުރުމަށް މެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ.