ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތަރައްގީ ގެނެސްދޭނެ ވާދަވެރިޔަކު ނެތް: ރައީސް

އެމަނިކުފާނު ފިޔަވާ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ބޭނުންވާ އެއްވެސް ބޭފުޅަކު ރިޔާސީ ރޭހުގައި ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ތ. ދިޔަމިގިލީގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ކޮވިޑުގެ ދަތި ހާލަތުގައި ސަރުކާރުން މަސައްކަތް ކުރަމުންދިޔައިރު އެމްޑީޕީގައި އޭރު ތިބި ބައެއް ބޭފުޅުންނާއި އިދިކޮޅު ޕާޓީގެ ބޭފުޅުން ކުރި އުނދަގުލާއި ޖެއްސުން ރައްޔިތުން މިއަދު ވިސްނަން ޖެހޭނެ ކަމަށެވެ. އެ ޕާޓީތަކުގެ ތެރޭގައި ރައްޔިތުންގެ ތަރައްގީއަށްޓަކައި ރައްޔިތުންނަށް ހިދުމަތްކޮށްދޭނެ ބޭނުންވާ އެއްވެސް ބޭފުޅަކު ނެތް ކަމުގައިވެސް ވިދާޅުވި އެވެ.

"އެހެންނޫންނަމަ އެބޭފުޅުންނަށް ލިބުނު ފުރުސަތުގައި އެކަން ކޮށްފައި އޮންނާނީ. އެއާއި ހިލާފަށް ރައްޔިތުންނަށް ވީ އިހްމާލު. ރައްޔިތުންގެ ފައިސާއަށްވީ އިހްމާލު. އެހެންނޫންނަމަ މިހާރު މި ރާއްޖެ އޮންނާނީ މިހިސާބަކު ނޫން،" ވާދަވެރިންނަށް ފާޑުކިޔުއްވައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވި އާލަމީ ބޮޑު ވަބާ -- ކޮވިޑުގެ ދަތި އުނދަގުލުގައި ރައްޔިތުންނާއި ސަރުކާރު ތަހައްމަލް ކުރި ދަތި އުނދަނގޫ ދުވަސްތައް އެއީ ގައުމާ ދޭތެރޭ ވިސްނާ ކޮންމެ މީހަކުވެސް ވިސްނަން ޖެހޭ ކަންތައްތައް ކަމަށެވެ. އެތައް އުނދަގުލަކާއި މަލާމާތެއްގެ ތެރެއިންވެސް ރައްޔިތުންގެ ތަރައްގީއަށްޓަކައި މި ސަރުކާރުން މިދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތާމެދު ހެޔޮ ވިސްނުމަކުން ވިސްނުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

"އެއިން ޕާޓީއެއް ވެރިކަމަށް އައިސްފިނަމަ ކަންވެގެން ދާނެ ގޮތް އެއީ ވިސްނަވަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް އެމަނިކުފާނު ކުރިމަތިލެއްވީ މިހާރު ރާއްޖެއަށް ގެނެސްފައިވާ ބަދަލަށް ވުރެވެސް ބޮޑު ބަދަލެއް ރާއްޖެއަށް ގެނައުމަށް ކަމަށެވެ. އަދި މިހާރު ފެށިފައި ހުރި މަސައްކަތްތަކުގެ މަތީގައި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދެވިއްޖެނަމަ 2028 ވަނަ އަހަރާއި ހަމައަށް ދާއިރު ރާއްޖެއަށް އޮންނާނީ ވަރަށް ރަނގަޅު، ބޮޑު ބަދަލެއް އައިސްފައި ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އެޅި ބިންގަލުގެ މަތީގައި ރާއްޖޭ ތަރައްގީކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުން، މުޅި އިގުތިސޯދު އަދި ހާއްސަކޮށް ދެގުނަ ކުރުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް އައިސްފައި ހުރި ބޮޑެތި ބަދަލުތަކަކީ މިވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ގެނެވިފައިވާ ބޮޑެތި ބަދަލުތައް ކަމަށެވެ. އަދި މި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ކުރިއަށް މި އޮތް ފަސް އަހަރު ވެގެން ދާނީ ރައްޔިތުންނަށް އަދިވެސް އެތައް ކަމެއް ފުއްދައިދޭނެ ފަސް އަހަރު ކަމުގައި ވިދާޅުވި އެވެ.

"ހަމަޔަގީނުންވެސް އަޅުގަނޑަށް ދަންނަވަން ކެރޭ، މި ވޭތުވެދިޔަ ތަނުގައި މި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް މިއިން ދުވަހަކު ނުހިނގާ ވަރަށް މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިނގައިފި،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ދިޔަމިގިލީގެ ވައުދުތައް

  • ރަށް ކައިރީގައި އޮތް މެދުފުށި އެ ރަށާއި ގުޅާލުން
  • މަޑިފުއްޓާއި އެ ރަށާއި ކޯޒްވޭއަކުން ގުޅާލުމަށް ދިރާސާކޮށް ގޮތެއް ނިންމުން
  • ބިން ހިއްކުން
  • ފްލެޓް ނުވަތަ ރޯހައުސް އަޅައިދިނުން
  • މަގުތައް ޒަމާނީ ފެންވަރަށް ހަދައިދިނުން
  • ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތައް ފޯރުކޮށްދިނުން
  • ސްކޫލުގެ މަލްޓިޕާޕަސް ހޯލް އަޅަިއިދިނުން
  • ދިހަ ޓަނު އުފެއްދޭ އައިސް ޕްލާންޓެއް ހަދައިދިނުން

ރައީސް އިތުރަށް ވިދާޅުވީ މިހާތަނަށް 100 އަށް ވުރެ ގިނަ ރަށްތަކަށް ކެމްޕޭންގައި ދަތުރުކުރެވިއްޖެ ކަމަށާއި އެއިން ކޮންމެ ރަށަކުންވެސް އެމަނިކުފާނަށް ފެނިގެން ދަނީ މިހާރު ގެނެވިފައިވާ ބަދަލާއެކު ކުރިއަށް ދާން ތިބި ރައްޔިތުންތަކެއް ކަމަށެވެ.