ގާސިމް އިބްރާހިމް

ގާސިމު ހުށަހެޅުއްވީ ދެވަނަ ދައުރަށް ކުރިމަތިނުލެވޭ ގޮތް ހެދުމަށް

ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކަށް ދެވަނަ ދައުރަށް ކުރިމަތިނުލެއްވޭ ގޮތަށް ހަދަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އދ. ދިއްދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ގާސިމު ވަނީ ގާނޫނު އަސާސީގައި ދެ ދައުރަށް ވެރިކަންކުރުމަށް އޮތް އުސޫލު ބަދަލުކުރަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ގާސިމު ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަށް ކުރިމަތިލާއިރު ސަރުކާރުތަކުން އިންތިހާއަށް ހަރަދުކުރާ ކަމަށެވެ.

"ދެވަނަ ދައުރެއް ނޯންނަންޏާ ދެން މައްސަލައެއް ނެތްތާ. މިހާރު މި އޮންނަ ފަސް އަހަރު ހަތް އަހަރަށް ދިގު ކޮށްގެންވެސް އެއް ދައުރު ކަމަށް ކޮންމެ މީހަކަށްވެސް ލިބޭނީ ބުނެފިއްޔާ ދެން އޭނަ އަންނާކަށް ގާނޫނާއި ހިލާފުވެގެން މަސައްކަތްކުރުމުގެ ބޭނުމެއް ނެތްތާ،" ގާސިމު ވިދާޅުވި އެވެ.

ދެވަނަ ދައުރެއް ނޯންނަ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމުން އެއިރެއްގައި ވެރިކަންކުރާ ޕާޓީން އެހެން ކެންޑިޑޭޓެއް ނެރުން އެކަށީގެންވާ ކަމަށާއި އެއީ "ކުޑަކަމެއް ނޫން" ކަމަށް ގާސިމު ވިދާޅުވި އެވެ.

ކަންކަން ހައްލުކުރުމަށް އުނދަގޫތަކެއް ހުރިކަން ފާހަގަކުރައްވާ ގާސިމު ވިދާޅުވީ ދައުލަތުގެ ހަރަދު ގާނޫނާ ހިލާފަށް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.