ފިނިޕޭޖް

ޑެރެކް އާއި ހޭލީ ކައިވެނިކޮށްފި

އެމެރިކާގެ ނެށުމާ ބެހޭ މަޝްހޫރު ޝޯ "ޑާންސިން ވިތް ދަ ސްޓާޒް"ގެ ދެ ތަރިން ކަމަށްވާ ޑެރެކް ހަފް، 38، އާއި ހޭލީ އާބާޓް، 28، ކައިވެނިކޮށްފި އެވެ.

ހަފްތާ ބަންދުގައި ކެލިފޯނިއާގެ މޮންޓެރޭ ކައުންޓީގެ ކާމެލްގެ ރީތި އިސްޓޭޓެއްގައި އޮތް މި ކައިވެނީގެ ހަފްލާގައި 106 މެހެމާނުން ވަނީ ބައިވެރިވެފަ އެވެ.

މީގެތެރޭގައި ޑެރެކްގެ ކޮއްކޮ އަދި "ޑާންސިން ވިތް ދަ ސްޓާޒް"ގެ ތަރި ޖޫލިއޭން ހަފް، ނީނާ ޑޮބްރޭވް، ފްރީޑާ ޕިންޓޯ، ޖެނާ ޖޯންސަން، އޭމީ ޕާޑީ، މަރިއާ މެނޫނޯސް، ޝޯން ޖޯންސަން، ޝޯން ވައިޓް، ރޮބަޓް އާއި ކިމް ހާޔަވެކް އަދި އަލްފޮންސީ ރިބިއޭރޯ ހިމެނެ އެވެ.

ކައިވެނިކުރުމަށް ހޭލީ ލާފައިވަނީ މާކޭސާގެ ޖޯޖީނާ ޗެޕްމަން ޑިޒައިންކުރި ހުދުކުލައިގެ ސެޓިން ގައުންނެކެވެ. ޑެރެކް ލާފައި ހުރީ ޓޮމް ފޯޑްގެ ކަޅުކުލައިގެ ސޫޓެކެވެ.

ހޭލީގެ އެންގޭޖްމަންޓް އަދި ކައިވެނީގެ އަގޮޓިތަކަކީ ޕެރިސް ޖުވެލާސްގެ ކަސްޓަމް އުފެއްދުމެކެވެ.

ޑެރެކް އާއި ހޭލީ ދިމާވީ 2015 ގައި "ޑާންސިން ވިތް ދަ ސްޓާޒް" ޝޯއިންނެވެ. އޭގެ ފަހުން ލޯބީގެ ގޮތުން ގުޅި އެންގޭޖްވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

ކައިވެނީގެ ކަންކަމުގެ ވާހަކަ ހިއްސާކުރުމުގެ ގޮތުން، ޑެރެކް އާއި ހޭލީ "ބްރައިޑްސް" މެގަޒިންގެ އިޝޫއަކަށް މޮޑެލްކޮށްފައިވެ އެވެ.

މި ދެމަފިރިން ހަނީމޫން ހޭދަކުރަނީ އިޓަލީ ގައެވެ.