އިންޑިއާ

އިންޑިޔާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު އާއްމުންނަށް ދައްކާލައިފި

Feb 16, 2016
  • މަނަވަރުގައި 1،800 ކްރޫއިން އުޅޭ
  • މަނަވަރުގެ އުސްމިން 26 ބުރީގެ އިމާރާތެއް ވަރުވޭ
  • މަނަވަރުގައި ރަންވޭއެއް އޮވޭ

އިންޑިޔާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު "ވިކްރަމަދިއްތިޔާ" އާއްމުނަށް މިއަދު ދައްކާލައިފި އެވެ.

ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު، އާއްމުނަށް ދައްކާލި މި މަނަވަރަކީ އިންޑިޔާގެ ޝަރަފެއްގެ ގޮތުގައި ބަލާ ބޮޑު ބިޔަ އުޅަނދެކެވެ. މި އުޅަނޅުގެ ދިގުމިނުގައި 930 ފޫޓު ހުރެ އެވެ. އަދި މި އުޅަނދުގައި 24 ގަޑިއިރު 1،800 ކްރޫއިން ހަރަކާތެރިވިވެ އެވެ. މި އުޅަނދުގެ އުސްމިނުގައި 26 ބުރީގެ އިމާރާތެއްގެ އުސްމިން ހުރެ އެވެ. އަދި ފެނުގެ އަޑިއަށް 13 ބުރި ހަދާފައިވެ އެވެ. އަދި މި އުޅަނދުގައި ބޮން އަޅާ މަތިންދާ ބޯޓާއި ހެލިކޮޕްޓަކާއެކު 35 އުޅަނދު ޕާކް ކުރާނެ ޖާގަ އޮވެ އެވެ.

ވިކްރަމަދިއްތިޔާ ނަވަރުގައި މައުލޫމާތު ދެއްވަމުން، ސެކަން ކޮމާންޑާ، ޖަނަތް ދޭވްލީ ވިދާޅުވީ މިއީ މި އުޅަނދު މި ދަތުރުގައި ބަނދަރުކުރި ދެވަނަ ގައުމުކަމަށާއި، މި ދަތުރުގެ ބޭނުމަކީ ދިވެހިންނާ މެދު އޮތް ރަހުމަތެރިކަން ދައްކުވައި ދިނުން ކަމަށެވެ.

"މީގެން ދައްކުވައި ދެނީ ދެ ގައުމުގެ ގުޅުން ބަދަހިކަން. ދެ ގައުމު ގުޅިފައިވާ ވަރު،" ޖަނަތް ވިދާޅުވި އެވެ.

ވިކްރަމަދިއްތިޔާގެ މި ދަތުރުގައި އިންޑިޔާ ކަނޑުގެ ސިފައިންގެ އިތުރު ދެ މަނަވަރު ކަމަށްވާ "އައިއެންއެސް މައިސޫރު" އަދި "އައި އެން އެސް ދީޕަކް" ވެސް ވަނީ މާލެއަށް ބަނދަރުކޮށްފަ އެވެ.

މާލެ ބަނދަރުގައި މިހާރު އޮތް އިންޑިޔާ ކަނޑުގެ ސިފައިންގެ ތިން މަނަވަރު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި އޮންނާނެ އެވެ. މި އުޅަނދަކީ ރަޝިޔާއިން ކުރިން ބޭނުންކުރި މަނަވަރެކެވެ. ނަމަވެސް 2004 ވަނަ އަހަރު އިންޑިޔާއިން މި މަނަވަރު 2.3 ބިލިއަން ޑޮލަރަށް ގަނެ ވަނީ މޮޑިފައިކޮށްފަ އެވެ.