ދަ ޑިމޮކްރެޓްސް

މާލޭގެ މައްސަލަތައް ހައްލުކުރުމުގައި ކާމިޔާބު ހޯދާނަން: އިލްޔާސް

ވެރިކަން ލިބިވަޑައިގެންފިނަމަ މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ކާމިޔާބު ހޯއްދަވާނެ ކަމުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އިލްޔާސް ވަނީ އޭނާގެ ވެރިކަމެއްގައި މާލެ ތަރައްގީކުރުމަށް ގެންގުޅޭ "ވެށިފަހި މާލެ ވިޝަން" ސިޔާސަތު ހާމަކުރައްވާފަ އެވެ.

މިޖަލްސާގައި އިލްޔާސް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާލެއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ކުރިއަށް ގެންދިޔަ "ވެށިފަހި މާލެ ޕްރޮގްރާމް" އޭނާ ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. މާލޭގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ބޮޑު ހޭދައެއް ކޮށްގެން ވިޔަސް އެ މައްސަލަތައް ހައްލުކުރުމުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމުގައި ވިދާޅުވި އެވެ.

"ވެށިފަހި މާލެ ވިޝަންގެ ދަށުން މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމަށް ހައްލު ލިބޭނެ،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގައި 16،193 އާއިލާއެއް މިހާރުވެސް 600 އަކަފޫޓަށް ވުރެ ކުދި ތަންތަންކޮޅުގައި ދިރިއުޅެމުންދާ ކަމަށެވެ. ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ބޯހިޔާވެހިކަމަށް ބޭނުންވެފައި ތިބި އެފަދަ އެތައް އާއިލާއަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށްވެސް އިލްޔާސް ވައުދުވެވަޑައިގެންނެވި އެވެ.

އިލްޔާސް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އަޅަން ނިންމާފައިވާ ކޮންޑޯ ފްލެޓްތަކުގެ ތެރެއިން ފްލެޓެއް 18 އަހަރު ވެފައިވާ ކޮންމެ ކުއްޖަކަށް ކަށަވަރުވެގެން ދާނެ ކަމަށެވެ. ކޮންމެ ކޮންޑޯ އެއްގައި 500 އާއިލާއަށް ދިރިއުޅެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ވެށިފަހި މަލެ ވިޝަންގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ. މާލޭގެ މަގުތައް ހެދިގެންދާއިރު މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ހެޔޮ ބަދަލެއް ގެނެވި މަގުތަކަކީ ހިނގާފައި އުޅޭ މީހުންނަށް އަމާން ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ހެދިގެން ދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މާލޭގައި ރަނގަޅު ޑޭކެއާ ތަކެއް ނެތުމުން ވަޒީފާއަށް ދާން ބޭނުންވާ މައިންނަށް ދަތިތަކެއް އެބަހުރި ކަމުގައި އިލްޔާސް ވިދާޅުވި އެވެ. އޭނާގެ ވެރިކަމެއްގައި ތުއްތު ކުދިންނާއި ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ޑޭކެއާތަކެއް ގާއިމުކުރާނެ ކަމުގައި ވިދާޅުވި އެވެ. އަދި ސުކޫލް ދަރިވަރުންނަށް ހާއްސަ ބަސްތަކެއް ހަމަޖައްސައިދީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ފޯނު މެދުވެރިކޮށް ސުކޫލަށް "ޓްރޭސް" ކުރެވޭނެހެން އެޕްލިކޭޝަނެއް ހަދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.

"މިގެންނަން އުޅޭ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތަކުގައިވެސް އެއްވެސް ހާލެއްގައި މިކަހަލަ [ކޮރަޕްޝަން]ގެ އަމަލެއް ކުރައްވަން އުޅުއްވާ އެއްވެސް ބޭފުޅަކާއި އެއްކޮށް މަސައްކަތް ނުކުރާނަން،" އިލްޔާސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓުލާން ނިކުމެ ރަނގަޅަށް ވިސްނުމަށްފަހު އޭނާގެ ކެންޑިޑޭޓް ނަންބަރު ކަމަށްވާ ހަތް ނަންބަރަށް ވޯޓު ދެއްވުމަށްވެސް އިލްުޔާސް އެދިވަޑައިގެންނެވި އެވެ.