އޮފްބީޓް

ބެލޫނެއްގައި ފޮނުވާލި ސިޓީ 145 އަހަރު ފަހުން އޮސްޓްރޭލިއާއަށް!

ފަރަންސޭސި ވިލާތުގެ ޒުވާން ހަނގުރާމަވެރިޔަކު ހަނގުރާމައިގެ ތެރޭގައި އޭނާގެ މަންމައަށް ލިޔެ ހޮޓް އެއާބެލޫނެއްގައި ދޫކޮށްލި ސިޓީއެއް 145 އަހަރު ފަހުން އޮސްޓްރޭލިޔާއިން ފެނިއްޖެ އެވެ.

ޗާލްސް ނަމަކަށް ކިޔާ ޒުވާން ހަނގުރާމަވެރިޔާ އޭނާގެ މަންމައަށް ސިޓީ ލިޔުނީ ޑިސެމްބަރު 6، 1870 އިގެ ތެރޭގައި ފްރެންކޯ ޕްރަޝިއަން ހަނގުރާމައިގާ ޖަރުމަނު ވިލާތުގެ ލަޝްކަރީ ބާރުތައް ފްރާންސްގެ ވެރި ރަށް ޕެރިސް ވަށާލައިފާ އޮއްވަ އެވެ.

އެދުވަސްވަރު ސިޓީ އެއް ނުވަތަ ނޯޓެއް ޕެރިހުން ބޭރަށް ފޮނުވަން ބޭނުންނަމަ އޮތް ހަމައެކަނި ގޮތަަކީ ހޮޓް އެއާ ބެލޫން މެދުވެރިކޮށް ސިޓީ ދޫކޮށްލުމެވެ. އަދި އެ ހަނގުރާމައިގެ ތެރޭ ޕެރިހުގައި ތާށިވެފައި ތިބި މީހުންނާއި ސިފައިން ވަނީ އެތަކެއް ސަތޭކަ ސިޓީތައް އާއިލާ އަށާއި ލޯބިވެރިންނަށް ލިޔެ ރޭގަނޑުގެ ހިމޭން ވަގުތުތަކުގައި ބެލޫން މެދުވެރިކޮށް ސިޓީ އުފުލައިގެން ޖައްވާ ހަވާލުކޮށްފަ އެވެ.

އެ ހަނގުރާމައިގާ ޖަރުމަނު ހަނގުރާމަވެރިން ހަތަރު މަސް ވަންދެން ޕެރިސް ވަށާލައި އެއްވެސް މުދަލެއް، ހަތިޔާރެއް އަދި ކާއެއްޗެއް ވަނަ ނުދީ ހިފެހެއްޓި އެވެ.

ޗާލްސްގެ ސިޓީ 145 އަހަރު ފަހުން ފެނުނު އިރު އޭގައި އޭނާ ބުނެފައިވަނީ ޕެރިސް އެއްކޮށް ވަށާލައިފާވާތީ ކެއުމަށް ބޭނުންވާ އެއްގަމު މަސް ހޯދަން ދަތިވެފައިވާ ކަމާއި ނަމަވެސް ޝަކުވާ ގިނަ ނުކޮށް ހުރި އެއްޗަކުން އެންމެންވެސް ފުއްދާލާއިން އުޅޭ ކަމަށެވެ. އަދި ލިޔެ އެވެ: "އަމާޒަކީ ޖަރުމަން ބަލިކުރުން، ކޮންމެ ހާލެއްގަ ޖެހުނަސް ޕެރިހުގެ ދޮރާށި ދުޝްމަނުންނަށް ނުހުޅުވައެއް ނުލާނަން،"

އެ ހަނގުރާމަ ތެރޭގައި ހިނގައިދި އެކި ހާދިސާތަކުގެ ވާހަކަވެސް ޗާލްސްގެ ސިޓީގައި ހިމަނާފައިވާއިރު އޭނާގެ ހާލާއި ބެހޭގޮތުން ލިޔުނު އިރު ބުނެފައި ވަނީ އޭނާގެ ހާލު އެންމެ ރަނގަޅު ކަމަށާއި ވަރަށް ހިތްވަރާއެކު ޖަރުމަނުގެ ލަޝްކަރު ބަލިކުރަން ތައްޔާރަށް އެންމެން ތިބި ކަމަށެވެ.

އެ ސިޓީގައި އޭނާގެ އުންމީދުތައް ބަންޑުން ކޮށްފައި ހުރި ނަމަވެސް ޖެނުއަރީ 1871 ގައި އޭނާގެ އުންމީދުތައް ފެނަށް ދިޔައެވެ. ޖަރުމަނުގެ ލަޝްކަރު ޕެރިހަށް ބޮން އެޅުމުން ފަރަންސޭސީން އަމާން ދިނުމާއެލު ޖަރުމަނުންގެ އަތް ދަށުވީއެވެ.

ހަނގުރާމައިގެ ތެރޭގައި އާދައިގެ ސިފައިން ނުވަތަ އެންމެ ކުރިއަށް ނުކުމެ ހަނގުރާމައިގެ މައިދާނުގައި އުޅޭ ސިފައިންނަށް ކުރިމަތިވާ ކަންތައްތައް އަންގައިދޭ ވަސީލަތަކަށްވާތީ، ޗާލްސްގެ ސިޓީއަކީ ތާރީހާއި ކުރީގެ ހަނގުރާމަތައް ބަލާ ދިރާސާ ކުރާ މީހުންނަށް ވަރަށް ބޭނުންތެރި އަދި ފައިދާ ހުރި އެއްޗަކަށް ވަނީ ވެފައެވެ.