އަމާޒަކީ ދެވަނަ ދައުރު ނިމޭއިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ ބެލެންސް ނުވަތަ އަރަނި ބަޖެޓަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ތ. ގާދިއްފުށީގައި މިއަދު ބޭއްވި ކެމްޕޭނު ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ 2028 ވަނަ އަހަރު މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ ބެލެންސް ނުވަތަ އަރަނި ބަޖެޓަކަށް ދައުލަތުގެ ބަޖެޓް ހެދުން ކަމަށެވެ. މިކަން ކުރެވޭނީ މިސަރުކާރުގެ ސިޔާސަތުތައް ދެމެހެއްޓުމަށް ރިޔާސީ އިންތިހާބުގެ ވޯޓުގައި ރައްޔިތުން ފުރުސަތު ދެއްވައިގެން ކަމުގައިވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވެރިކަމުގައި ކުރަން ބޭނުންވި އެތައް ކަމެއް ކޮވިޑުގެ އާލަމީ ވަބާއާއި ގުޅިގެން މަޑުޖެހިފައިވާތީ އެ މަސައްކަތްތައް ނިންމުމަށް އަދި ދެތިން އަހަރު ބޭނުންވާ ކަމުގައި ރައީސް ވިދާޅުވި އެވެ. އަލަށް ކުރަން ރާވާފައި ހުރި ކަންތައްތަކެއްވެސް އެބަހުރި ކަމަށް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމަށް ވައުދުވާއިރު ދައުލަތަށް އާމްދަނީ ހޯދޭނެ ގޮތްތައްވެސް ބަލަމުންދާ ކަމަށެވެ. އެއީ އިގްތިސޯދީ ގޮތުން ބޮޑު ބަދަލެއް ގެނައުމަށް ބޭނުންވާތީ ކަމަށާއި މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިގްތިސޯދީ ބޮޑެތި މަސައްކަތްތައް ފެށިގެން ބާރަށް ކުރިއަށްދާ ކަމުގައިވެސް ވިދާޅުވި އެވެ.
"އިގްތިސޯދު ޑަބަލް ކުރުމަށްޓަކައި ކުރަންޖެހޭ އުމްރާނީ މަސައްކަތްތައް، ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިގްތިސޯދު ޑަބަލް ކުރުމަށް ފެށިފައިވާ މަސައްކަތްތަކަކީ އޭގެ ކޮންމެ ކަމަކުން ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުސަތެއް ފަހިވެގެން ދާނެ ކަމެއް ކަމަށެވެ. އަދި އާމްދަނީ އިތުރުވެ ދައުލަތަށް ވަންނަ ފައިސާވެސް އިތުރުވެގެން ދާނެ ކަމަށެވެ.
"އަޅުގަނޑުމެން މިވާ ވައުދުތައް މިވަނީ އޭގެ މައްޗަށް ބިނާކޮށްގެން. ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެބަ ފެނޭ ދައުލަތުގެ އާމްދަނީ އިތުރުވަމުންދާ ތަން. އިތުރުކުރެވޭނެކަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަމާޒަކީ 2018 ވަނަ އަހަރު ފެށި މަސައްކަތްތަކާ އެކު 2028 ވަނަ އަހަރާ ހަމައަށްދާއިރު އިގްތިސޯދު ދެގުނަކޮށް ރާއްޖޭގެ އިގްތިސޯދު 170 ބިލިއަން ރުފިޔާއަށް ވުރެ މައްޗައް ގެންދިއުން ކަމަށެވެ. މިގޮތަށް އިގްތިސޯދު ފުޅާކުރެވުމުން ދައުލަތަށް ވަންނަ ފައިސާ އިތުރުވެގެން ދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް ވިދާޅުވި އެވެ.
"2028 ވަނަ އަހަރު އަންނަ އިރުގައި 45 ބިލިއަން ރުފިޔާ ހުރަސްކޮށް 50 ބިލިއަންއާ ދިމާއަށް އަމާޒު ހިފާނީ. ނަތީޖާއަކަށް ވެގެންދާނީ އަޅުގަނޑުމެން މިކުރަން ބޭނުންވާ ކަންތައްތައް ކުރުމަށް ދައުލަތުގައި ފައިސާ ހުރުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މީގެކުރީ ސަރުކާރުތަކުގެ ސިޔާސަތު ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި އެ ސަރުކާރުތަކުން ކުދި ރަށްތައް ބާކީ ކޮށް، އެ ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަކީ އެބޭފުޅުންގެ އެޖެންޑާގައި ވަރަށް ފަހަތުގައި ނުވަތަ އެއް ގޮތަކަށްވެސް ނެތް ކަންތައްތައް ކަމަށެވެ.
ޖަޒީރާ ރާއްޖޭގެ ތަސައްވުރާއެކު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ނިކުންނެވީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސް، ރައްޔިތުންނަށް ހަމަހަމަކަން ހޯދައިދިނުމަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވެނީ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދީގެން ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ބާކީކޮށް އަޅާނުލެވި ހުރި ކިތަންމެ ރަށަކަށް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު އެތައް ކަމެއްކޮށްދީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދީފައިވާނެ ކަމުގައި ވިދާޅުވި އެވެ. އެގޮތުން ގާދިއްފުށީގައިވެސް އިންޖީނުގެއަށް ގެނެވުނު ބަދަލާއި، ފެނާ ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، އަދި ބަނދަރު ހެދުމަށް ކޮންޓްރެކްޓު ކޮށްފައިވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ގާދިއްފުށި ސްކޫލަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައިވެސް ގާދިއްފުއްޓާއި މިހެން ހުރި ކުދި ރަށްރަށް ތަރައްގީކުރުމަށްޓަކައި އަދިވެސް އިތުރަށް ކުރަންޖެހޭ ކަންތައްތައް އެބަހުރި،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ގާދިއްފުށީ ވައުދުތައް
- ބިން ހިއްކައިދިނުން
- އުސްފުށި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހަދައިދިނުން
- މޫދަށް އެރޭ ސަރަހައްދެއް ހަދައިދިނުން
- ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް އަޅައިދިނުން
- ހެލްތް ސެންޓަރުން ލިބޭ ހިދުމަތްތައް އިތުރުކޮށްދިނުން
- އައުޓްޑޯ ޖިމެއް އަޅައިދިނުން
- ވޮލީ ކޯޓެއް ހަދައިދިނުން
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު މިހާތަނަށް ކެމްޕޭނުގައި ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް ފެނިގެންދަނީ އުފާވެރި އަމާން ރާއްޖެ ހޯދުމަށް ރައްޔިތުން އެމަނިކުފާނާއިއެކު ތިބިތަން ކަމަށެވެ. އެހެންވެ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގައިވެސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.