ރިޕޯޓް

މަނަވަރަށް ދިޔަ ދިވެހިން ކޮސްވެއްޖެ!؟

Feb 16, 2016
7
  • މިއީ އިންޑިޔާގެ އެންމެ ބޮޑު މަނަވަރު
  • މަނަވަރު ބަލާލަން ގިނަ އަދަދެއްގެ ދިވެހިން ދިޔަ
  • މަނަވަރުގައި 1800 ފަޅުވެރިންގެ ގޮތުގައި އުޅޭ

ވިކްރަމަދިއްތިޔާ މަނަވަރުން: މުހައްމަދު އަފްރާހު

އިންޑިޔާގެ ޝަރަފު އެ އޮތީ މާލޭ ބަނދަރުގަ އެވެ. ދުނިޔޭގެ ބޮޑު އެއް ބާރުގެ އިންޑިޔާ ކަނޑުގެ ސިފައިންގެ އެންމެ ބިޔަ އުޅަނދަކީ މިއީ އެވެ. "ވިކްރަމަދިއްތިޔާ" ގެ ނަން ދީފައިވާ ނުވަސަތޭކަ ފޫޅަށްވުރެ ބޮޑު މަނަވަރު ހަމަ ލޮލުން ބަލައިލުމުގެ ނަސީބު ދިވެހިންނަށް ވަނީ ދީފަ އެވެ. މި ފުރުސަތުގެ ބޭނުން ހިފައި، ގިނަ ބަޔަކު މި މަނަވަރަށް އަރައިފި އެވެ. އުޅަނދު ބަލައިލަން އެރި މީހުންގެ ފަހަތުން އަހަރެން ވެސް އެރީމެވެ. މި މަނަވަރަށް އެރި މީހުންގެ މޫނުމަތިން އަރައިފައިބަމުން ދިޔަ ކުލަ ތަކުން ފެނުނީ ހައިރާންކަމެވެ. މަނަވަރުގައި ތިބި ބައެއް ދިވެހިންނާ ވާހަކަ ދައްކާލުމުން އެނގުނީ ދިވެހިން ތިބީ ކޮސްވެފައިކަމެވެ.

"ވަރަށް ބޮޑަަށް ހައިރާންވެފައި މި ހުންނަނީ. މިހުރީ މީހުންގެ ކޮށްފައި ހުންނަހާ ބުރަ މަސައްކަތް. މިތަން ހީވަނީ ބޮޑު އެއާ ޕޯޓެއްހެން،" މާލެ ބަނދަރުގައި މިހާރު އޮތް އިންޑިޔާގެ މަނަވަރު "ވިކްރަމަދިއްތިޔާ" އަށް ގޮސްހުރި އަހުމަދު މޫސާ ހައިރާންކަމާއެކު ބުންޏެވެ.

އަހުމަދު ފަދަ، އެތަށް ބަޔަކު މިއަދު މިބިޔަ އުޅަނދަށް އަރާފައިވެ އެވެ. މަނަވަރު ބަލަން ދިޔަ ގިނަ މީހުންނަށް އެންމެ ހައިރާން ކުރުވަނިވި ކަމަށް ވެގެން ދިޔައީ މި އުޅަނދުގައި ހަދާފައިވާ ބޮޑު އެއާ ފީލްޑެވެ. އަދި އެތަނުގެ އެއް ފަރާތުގައި ޕާކުކޮށްފައި ހުރި ބޮން އަޅާ މަތިންދާ ބޯޓު ތަކެވެ. އަދި ހެލިކޮޕްޓަރު ތަކެވެ.

"ވަރަށް ތަފާތު އިހުސާސް ތަކެއް ކުރެވެނީ. އެނގޭ! މިނިވަންކަން ދަމަހައްޓަން އެ [އިންޑިޔާ] މީހުން ކުރާ މަސައްކަތް. ވަރަށް ހިތްހަމަ ޖެހޭ. އިހުސާސެއް ވެސް ނުވޭ އުޅަނދެއްގައި އުޅޭ ހެނެއް،" މަނަވަރުގެ ރަންވޭ މަތީގައި ހުރެ "އަވަސް" އަށް ވާހަކަ ދައްކަމުން އަހުމަދު ނިޒާ ބުންޏެވެ.

މަނަވަރުގެ ޝައުގުވެރިކުރުވަނިވި ބައެއް ކަންތައްތައް:

  • ދުވާލަކު އެއް ލައްކަ ބިސް ކެއުމަށް ބޭނުން ކުރޭ
  • ކޮންމެ ދުވަހަކު 4،800 ކެއުން ތައްޔާރު ކުރޭ
  • ސުޕަ- ސްޕެޝަލިސްޓުންނާއެކު ބޮޑު ހޮސްޕިޓަލެއް ހުރޭ
  • ދުވާލަކު 300 ކިލޯގެ އަންނައުނު ދޮންނަންޖެހޭ

މި އުޅަނދު ފަރުމާކޮށްފައިވަނީ މީހުން ހައިރާން ކުރުވަނި ގޮތަކަށެވެ. މި މަނަވަރުގައި 1،800 ސިފައިން ފަޅުވެރިންގެ ގޮތުގައި އުޅެ އެވެ. މީގެ ތެރޭގައި ފައިޓާ ޖެޓް ޕައިލޮޓުންނާއި ޑޮކްޓަރުން ވެސް ހިމެނެ އެވެ.

"ވިކްރަމަދިއްތިޔާ" ގައި އުޅޭ ސިފައިންގެ ކެއިން ބުއިމުގެ ކަންތައް ފުރިހަމަ ކުރުމަށް ބޮޑު ޓީމެއް އޮވެ އެވެ. މި މަނަވަރުގެ ބަދިގެ އިން ކޮންމެ ދުވަހަކު 4،800 ވައްތަރުގެ ކެއުން ތައްޔާރު ކުރެ އެވެ. ކޮންމެ ދުވަހަކު ކެއުންތަކުގައި ލައްކަ އަކަށް ވުރެ ގިނަ ކުކުޅު ބިސް ބޭނުންކުރާ ކަމަށްވެ އެވެ. މީގައި ކެއިން ބުއިމުގެ ސާމާނު ރައްކާ ކުރުމަށް ބޮޑު ދެ ގުދަން ވެސް ހުރެ އެވެ. މީގެ އިތުރުން މިއީ ހަނގުރާމަމަތީ އުޅަނދަކަށް ވުމުން އަނިޔާވެ، ނުވަތަ ގެއްލުންވާ މީހުންނަށް ފަރުވާ ދިނުމުގެ ކަންތައް ވެސް ހުންނަނީ ވަރަށް ފުރިހަމައަށް އިންތިޒާމު ވެފަ އެވެ. މީގައި ދެ އޮޕަރޭޝަން ތިއޭޓަރާއެކު 30 އެނދުގެ ހޮސްޕިޓަލެއް ހުރެ އެވެ. މި ހޮސްޕިޓަލުގައި އައިސީޔޫ އެއް ހުރެ އެވެ. މީގެ އިތުރުން ބޮޑު ޑެންޓަލް ޑިޕާޓްމަންޓަކާއި ފިޒިއޮތެރަޕީ ޑިޕާޓްމަންޓެއް ވެސް ހުރެ އެވެ. އަދި މަނަވަރުގައި ތިބެނީ އެންމެ ފެންވަރު ރަނގަޅު މިލިޓަރީ ޑޮކްޓަރުންނެވެ.

މި ހާއްސަ ގިނަ ކަންތައްތަކާއެކު ގިނަ ބަޔަކު ބުނަނީ މިއީ ވަރަށް ފައްކާ އެއްޗެއް ކަމަށެވެ. ހަމަ ހަގީގަތުގައި ވެސް ކޮސްވެއްޖެ ކަމަށެވެ.

މަނަވަރަށް ގޮސް ހުރި ސަރުކާރު ކުންފުންޏެއްގެ ދެ މުވައްޒަފުން "އަވަސް" އަށް ވާހަކަ ދައްކަމުން ބުނީ ދުވަހަކު ވެސް މިވަރުގެ ބޮޑު ބޯޓަކަށް ނާރާ ކަމަށެވެ.

"ހީވަނީ ބޮޑު، ބޮޑު ރަށަކަށް އައިސްގެން އުޅޭހެން. ވަރަށް ބޮޑު. ހީވަނީ ހުޅުމާލޭގައި އުޅޭހެން. ދުވަހަކު ވެސް މިހާ ބޮޑު ޝިޕަކަށް ނާރަން. ވަރަށް އުފާވެއްޖެ،" މަނަވަރަށް ގޮސްހުރި އަންހެން ކުއްޖަކު ބުންޏެވެ.

"ވިކްރަމަދިއްތިޔާ" ރާއްޖެއަށް ކުރާ ޒިޔާރަތް ކުރަނީ ރަހުމަތްތެރިކަމުގެ ދަތުރެއްގަ އެވެ. މަނަވަރުގެ ސެކަން ކޮމާންޑާ، ޖަނަތް ދޭވްލީ ވިދާޅުވީ މި ދަތުރުން ރާއްޖެ އާއި އިންޑިޔާގެ ގުޅުން ރަމްޒުކޮށްދޭ ކަމަށެވެ.

"މީގެން ދައްކުވައި ދެނީ ދެ ގައުމުގެ ގުޅުން ބަދަހިކަން. ދެ ގައުމު ގުޅިފައިވާ ވަރު،" ޖަނަތް ވިދާޅުވި އެވެ.

ކޮންމެއަކަސް ވިކްރަމަދިއްތިޔާ ފެނިފައި ދިވެހިން ކޮސް ވެއްޖެއެވެ. މި އުޅަނދު ރާއްޖޭގައި 18 ވަނަ ދުވަހުގެ ނިޔަލަށް އޮންނައިރު، މި އަށް އެރުމުގެ ފުރުސަތު ގިނަ ބަޔަކު ހޯދާނެ ކަމަށް ބެލެވެ އެވެ.