ފިނިޕޭޖް

ކެވިން ކޮސްޓްނާގެ ވަރީގެ ކުޅިގަނޑަށް ސަމާލުކަން

ޔެލޯސްޓޯންގެ ތަރި ކެވިން ކޮސްޓްނާ، 68، ގެ ވަރީގެ ކުޅިގަނޑަށް އަނެއްކާވެސް ސަމާލުކަން ލިބިއްޖެ އެވެ.

ކެވިން އާއި އަންހެނުން ކްރިސްޓީން ބޯމްގާޓްނާ ކޮސްޓްނާ، 49،ގެ 18 އަހަރުވީ ކައިވެނި މިއަހަރުގެ އޭޕްރީލް 11ގައި ރޫޅުނު ކަމަށް ބުނެ، ކްރިސްޓީން ވަރިވާން އެދުނީ މިދިޔަ މޭ މަހު އެވެ.

އޭރު ކެވިންގެ ގާތް މީހަކި ބުނި ގޮތުގައި ކެވިންގެ ބާރުގެ ދަށުގައި ނުވާ ކަންތައްތަކަކާ ގުޅިގެން ކައިވެނި ރޫޅާލަން ޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް ވަރީގެ ކަންކަމާ ގުޅިގެން ދެމީހުން ވަނީ ކޯޅެން ފަށާފަ އެވެ. އަދި ކޯޓުގައި ކުރިއަށްދާ ދައުވާތަކަށް ހުށަހަޅާ ލިޔެކިޔުންތަކާ ބެހޭ މައުލޫމާތު މީޑިއާތަކުން ދަނީ ދައުރުކުރަމުންނެވެ.

މިގޮތުން އެންމެ ފުރަތަމަ މައްސަލައަކަށް ދިމާވީ، ކެވިން އާއި ކްރިސްޓީން ކައިވެނި ކުރުމުގެ ކުރިން އެއްބަސްވި "ޕްރިނަޕްޝަލް އެގްރިމެންޓް"ގައި ބަޔާންކޮށްފައިވާ ގޮތަށް ކްރިސްޓީން ވަރިވާން އެދުމަށްފަހު 30 ދުވަސް ތެރޭގައި އެ އެދެމަފިރިން ދިރިއުޅެމުން ދިޔަ ބޮޑު ގެއިން ނުނިކުތުމެވެ. އެއީ ކްރިސްޓީންއަށް އެހެން ގެއެއްގެ އިންތިޒާމު ހަމަޖެއްސުމަށާއި ބަދަލުވާ ހަރަދުތައް ދޭން ބުނުމަށްފަހު އެވެ.

މި ދެމަފިރިންގެ ތިން ކުދިންގެ ހަރަދުތަކަށް ކްރިސްޓީން އެދުނީ މަހަކު 248،000 ޑޮލަރެވެ. އެއީ އެ ކުދިން އާދަވެފައިވާ ފެންވަރަށް ބެލެހެއްޓުމަށް ކުޑަ އަދަދެއް ކަމަށާއި އެ އަދަދުގެ އިތުރުން ކެވިން އެ ކުދިންގެ ޕްރައިވެޓް ސްކޫލްގެ ފީތަކާއި އިތުރު ހަރަކާތްތަކާއި ކުޅިވަރުގެ ހަރަދުތަކާއި ސިއްހީ ފަރުވާގެ ހަރަދުތައް ދޭން ޖެހޭނެ ކަމަށް ކްރިސްޓީން ދައުވާކޮށްފައިވެ އެވެ.

ކެވިން ވަނީ އެއީ މާބޮޑު އަދަދެއް ކަމަށް ބުނެފަ އެވެ. ކުދިންގެ ހަރަދަށާއި ބޭނުންވާ ކަންތައްތަކަށް ހަރަދުދިނުމުގެ މާނައަކީ ކުދިން ބަލަހައްޓަމުން ގެންދާ މަންމަ/ބައްޕަގެ ބޭނުންތައް ފުއްދުމަށާއި ފައިދާވާ ގޮތަށް އަޖައިބުވާ ފަދަ އަދަދެއް ދިނުން ނޫން ކަމަށް ބުނެ ކެވިން ވަނީ ރައްދު ދީފަ އެވެ.

ކްރިސްޓީން ބޮޓޮކްސް ހެދުމާއި ޕްލާސްޓިކް ސާޖަރީއަށް ކްރެޑިޓް ކާޑަށް ލައްކައިން ހަރަދުކުރާ ކަމަށްވެސް ކެވިން ތުހުމަތުކޮށްފައިވެ އެވެ. ކެވިންއަށް މަހެއްގެ މައްޗަށް ދެ މިލިއަނަށްވުރެ ގިނައިން ލިބޭ ކަމަށާއި އޭނާގެ ހަގީގީ އާމްދަނީ ފޮރުވާ ކަމަށް ކްރިސްޓީން ތުހުމަތުކުރެ އެވެ.

ކޯޓުން ވަނީ ދެމީހުންގެ ވަރީގެ މައްސަލައިގައި ގޮތެއް ނިމެންދެން ވަގުތީ ގޮތުން މަހަކު 129،755 ޑޮލަރު ކްރިސްޓީންއަށް ދިނުމަށް ކެވިން އަށް އަންގާފަ އެވެ. އަދި ކްރިސްޓީންއަށް ކޯޓުން އެންގީ ދެމަފިރިން ދިރިއުޅެމުން ދިޔަ ގެއިން އެހެން ގެއަކަށް ބަދަލުވެ، އަމިއްލަ ހެދުމާއި ޒީނަތްތެރިވާ ތަކެއްޗާއި ގަހަނާ ފިޔަވައި އެއްވެސް އެއްޗެއް ކެވިންގެ ހުއްދަނެތި އެ ގެއިން ނުނެރުމަށެވެ.

ކެވިން ފަހުން ބުނެފައިވާ ގޮތުގައި ކްރިސްޓީން ވަރިވާން އެދުމުގެ އެތައް މަހެއް ކުރިން ދިޔައީ އެކަން ރާވަމުންނެވެ. އެގޮތުން އެ ދެމަފިރިން ބޭނުންކުރާ ކާރުތައް އަބަދުވެސް ލީޒްކުރާއިރު، ކްރިސްޓީން ވަނީ އަގު ބޮޑު ކާރެއް ކެވިންއަށް ނޭގި ގަނެފަ އެވެ. އަދި ކްރިސްޓީންގެ ކްރެޑިޓް ކާޑުގެ ހަރަދުތައް އެތައް ލައްކައަށް އަރާއިރު، ސްޓާފުންނަށް ގޭގެ ހަރަދުތަކަށް ދީފައިވާ ކްރެޑިޓް ކާޑުތަކުންވެސް އެޑްވާންސްކޮށް ފައިސާ ނަގާފައިވާ ކަމަށް ކެވިން ތުހުމަތުކުރެ އެވެ.

ދެމީހުންގެ ޕްރިނަޕްޝަލް އެގްރީމަންޓްގެ ދަށުން ކްރިސްޓީން ވަރިވާން އެދިއްޖެނަމަ، އޭނާ އަށް 1.5 މިލިއަން ޑޮލަރު ލިބި، ހެދުމާއި ގަހަނާ އާއި އެކްސެސަރީޒްގެ އިތުރުން ކާރެއް އޮވެއްޖެނަމަ އެ ލިބޭނެ އެވެ.

ކްރިސްޓީން ކައިވެނީގެ ކުރިން ހަމަ ބުއްދިއާއި އެއްވެސް ބާރަކާ ނުލައި ޕްރިނަޕްޝަލް އެގްރީމަންޓްގެ ހަމަތަކަށް އެއްބަސްވާ ކަމަށް ބުނެ ސޮއިކުރި އެގްރިމަންޓްވެސް ކުއްލިއަކަށް އޭނާއަށް ސައްހަ އެއްޗަކަށް ނުވި އެވެ.

ކްރިސްޓީން ބުނީ އޭނައަށް އޭގައި ސޮއިކުރުމަށް ބާރުއެޅި ކަމަށާއި އޭގެ ބައެއް ކަންތައްތައް އޭނާ އަށާއި އޭނާގެ ވަކީލުންނަށް ދޭހަ ނުވާ ކަމަށެވެ. އެކަމަށް ކެވިންގެ ވަކީލުން ރައްދުގައި ބުނީ ކްރިސްޓީން އާއި އޭނާގެ ވަކީލުންނަށް އެ އެއްބަސްވުމުގައި ދޭހަނުވަނީ ކޮންކަމެއްކަން ހާމަކުރަން އެތައް ފަހަރަކު އެދިގެންވެސް ހާމަނުކުރާ ކަމަށާއި އެހެންވެ ކޯޓުގައި އެކަންކަމާ ބެހޭ މައުލޫމާތު ދޭން ތައްޔާރުވާން ނޭނގޭ ކަމަށެވެ.

ކްރިސްޓީން އާއި ކެވިންގެ ވަރީގެ މައްސަލަ ހިނގަމުންދާއިރު ކެވިން ދިރިއުޅުނު ގޭގެ ކައިރީގައި ދިރިއުޅޭ ރައްޓެއްސެއް ކަމުގައިވާ މުއްސަނދި ފައިނެންސިއާ ޖޯޝް ކޮނޯއާއެކު ހަވާއީގައި ކެވިން ޗުއްޓީ ހޭދަކުރަނިކޮށް ޓީއެމްޒީ އިން ރިޕޯޓްކޮށްފައިވެ އެވެ. ކެވިންގެ ގާތް މީހުން ބުނަނީ ވަރަށް ފަހުން ވަރިވި ޖޯޝްއާއި ކެވިންއާ ދެމެދު އަދި ލޯބީގެ ގުޅުމެއް ނެތް ކަމަށެވެ.

ޕީޕަލް އިން ދެ ދުވަސް ކުރިން ރިޕޯޓްކުރި ގޮތުގައި ކްރިސްޓީން އަނެއްކާވެސް ކުދިންގެ ހަރަދަށް ދޭ ފައިސާ މަދުވެގެން، އިތުރު ކުރުމަށް ކޯޓުގައި އެދިއްޖެ އެވެ. ކްރިސްޓީން އެދެނީ މިހާރު ލިބެމުންދާ 129،000 ލައްކަ ޑޮލަރުގެ އިތުރުން 175،057 ޑޮލަރު ދިނުމަށެވެ.

ކްރިސްޓީން ބުނީ މިދިޔަ ޖޫން މަހާ ހަމައަށް ކެވިންގެ އެކި އެކައުންޓްތަކުގައި އާއި އެންޓިޓީސްތަކުގައި ޖުމްލަކޮށް 17.29 މިލިއަން ޑޮލަރު ހުރި ކަމަށާއި އެހެންކަމުން ކްރިސްޓީން އެދޭ އަދަދާއި ވަކީލުންގެ ފީތައް ދައްކާނެ ތަނަވަސްކަން ކެވިންގެ ކިބައިގައި ހުރި ކަމަށެވެ.

ކްރިސްޓީންއާ އެކު ލިބިފައިވާ ތިން ކުދިންގެ އިތުރުން ކެވިންގެ ކުރީގެ ގުޅުންތަކަށް ހަތަރު ކުދިން ލިބިފައިވެ އެވެ. ކެވިންގެ ފުރަތަމަ ކައިވެނި ރޫޅުނީ 16 އަހަރަށް ފަހު 1994 ގައެވެ. ކެވިން އާއި ސިންޑީ ސިލްވާގެ ވަރީގެ ކޭސް އަކީ ވެސް ވަރަށް މަޝްހޫރު ކޭސް އެކެވެ. އޭރު ޕްރިނަޕްޝަލް އެގްރިމެންޓެއް ނެތުމުގެ ސަބަބުން، ކޭސް ނިމުނު އިރު ސިންޑީ އަށް 80 މިލިއަން ޑޮލަރު ދޭން ޖެހިފައިވެ އެވެ.