ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ވައުދު: ގެދޮރު އެޅުމަށް ފައިނޭންސް ސްކީމެއް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އަމިއްލަ ގޯތިތަކުގައި ގެދޮރު އެޅުމަށް ފައިނޭންސް ސްކީމެއް ތައާރަފު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ތ. މަޑިފުށީގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ލިބުނު ގޯތިތަކުގައި ގެދޮރު އެޅުމަށް ހާއްސަ ފައިނޭންސް ސްކީމެއް ރިޔާސީ ދެވަނަ ދައުރުގައި ތައާރަފު ކުރައްވާނެ ކަމަށެވެ. އެއާއެކު ދިގު މުއްދަތުގައި ދެއްކުމަށް ލުއި ލޯނު ލިބިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތަކާއި އިތުރު ވަސީލަތްތަކަކީ އެކީ އެއްފަހަރާ އެއް ދުވަހަކުން ނިންމޭ ކަންތައްތަކެއް ނޫން ރައީސް ވިދާޅުވި އެވެ. ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަންތައްތައް ޕްލޭންކޮށް ނިންމަމުންދާ ކަމަށާއި މިހާރު ކުރަމުންދާ ކަންތަކަށް މަޑުޖެހުމެއް އަތުވެއްޖެނަމަ އަނެއްކާވެސް އެތައް ތަނެއް ފަހަތައް ޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުނގަޑުމެން ފަށާފައި ހުރި މަސައްކަތްތަކާއި ކުރިއަށް ރާވާފައި ހުރި ކަންތައްތަކަކީ ގުޅިލާމެހިފައިވާ ކަންތައްތައް. އެއިން ކަމެއް ހުއްޓުމަކަށް އަތުވެއްޖެ ނަމަ އަނެއްކާވެސް މިދެންނެވި ދަތި އުނދަގޫ އަޅުގަނޑުމެންނާއި ކުރިމަތިވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ކަންކުރައްވަމުން ދިޔަ ގޮތުގެ ސަބަބުން ރައްޔިތުންގެ އެތައް ކަންބޮޑުވުންތަކެއް އެމަނިކުފާނު ވެރިކަމަށް އައި އިރު އޮތް ކަމަށެވެ. ބިރުވެރިކަމާއި އަނިޔާވެރިކަން އޭރުވަނީ އިންތިހާއަށް ގޮސްފައި ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

އޭރު ކިރިޔާވެސް ސަރުކާރާއި އިދިކޮޅު ޝުއޫރެއް ފާޅުކޮށްފިނަމަ އާއިލާއާއި ވަކިކޮށްލާ ކަމަށާއި ނަމަވެސް މިހާރު އެކަން އެ ގޮތަށް ނޯންނާނެ ކަމަށާއި މުޅި ރާއްޖޭގެ އެންމެވެސް ބޭނުންވަނީ އެ އަނިޔާވެރިކަމާއި ބިރުވެރިކަން މާޒީގެ ތެރެއަށް ދޫކޮށްލަން ކަމަށް ވިދާޅުވި އެވެ.

"މާލެ އެކަންޏެއް ނޫން ރަށެއްގައިވެސް ސަރުކާރާއި ހިޔާލުތަފާތުވާ މީހަކު ހުރެއްޖެ ކަމަށް ވަންޏާ އެޅެން އޮތް ފިޔަވަޅެއް އައީ އަޅަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމާއި އެކީގައި އެމަނިކުފާނު މަސައްކަތް ފެށީ ރާއްޖެއަށް ހަމަޖެހުން ހޯދައިދިނުމަށް ކަމަށެވެ. އަދި އެއާއި އެއްގޮތަށް މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި ރާއްޖޭގައި ސުލްހަ ގާއިމްކުރެވިއްޖެ ކަމަށް ފާހަގަ ކުރެއްވި އެވެ. އަދި ތަފާތު ހިޔާލުތަކަށް ޖާގަ ދެވިއްޖެ ކަމަށާއި ބިރުވެރިކަމެއް ނެތި ބަސް ބުނުމުގެ ފުރުސަތުވެސް ފަހިކޮށްދެވިއްޖެ ކަމަށް ވިދާޅުވި އެވެ.

"ވެރިކަމެއް ކުރުމުގައި ސަރުކާރަށް ފާޑު ކިޔުމަކީ އަދި ސަރުކާރުން ކުރާ ކަންތަކަަށް ހިޔާލު ފާޅު ކުރުމަކީ އެއީ މައްސަލަ އެއްނޫން ކަމަށް ބަލައި މިހާރު ސަރުކާރު އެބަ ހިންގޭ" ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ތާނގައިވެސް ކަންކުރަމުންދާނީ އެގޮތަށް ކަމަށާއި ރާއްޖެއަށް ތަރައްގީ ގެނެވިފައި މިވަނީ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ނުވަދެ ރައްޔިތުންނާއި އެކީ މަސައްކަތް ކުރުމުން ކަމަށް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮވިޑުގެ ދަތި ހާލަތުގެ ސަބަބުން ހަމައެކަނި ރައްޔިތުންގެ ސިއްހީ ހާލަތާމެދު ފޯކަސް ކުރަން ޖެހުނު ކަމަށާއި އެއާއެކު ކުރަން ފަށާފައި ހުރި އެތައް ކަމެއް މަޑުޖެހުނު ކަމަށްވެސް ވިދާޅުވި އެވެ.

އޭރު އުންމީދު ކުރި ސްޕީޑުގައި ބައެއް މަސައްކަތްތައް، ބައެއް ރަށަރަށުގައި ކުރިއަށް ނުގެންދެވި އެބަ ހުރި ކަމަށްވީނަމަވެސް އޭރު ވީ ވައުދުތަކުގެ 90 އިންސައްތަ ވަނީ މިހާރު ނިމިފައި ކަމަށް ވިދާޅުވި އެވެ.

ރައީސްގެ މަޑިފުށީގެ ވައުދުތައް

  • ބޮޑެތި މަގުތައް ޒަމާޏީ ފެންވަރަށް ހެދުން
  • ދިޔަމިގިއްޔާއި މަޑިފުށި ގުޅާލުން
  • ސިއްހީ މަރުކަޒު އަޕްގްރޭޑު ކުރުން
  • ދޯނި އެހެލާ ތަނެއް ހަދައިދިނުން
  • ސްކޫލަށް ބޭނުންވާ 10 ކުލާސްރޫމް އަޅައިދިނުން
  • ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދައދިނުން
  • ހައުސިން ޔުނިޓު އަޅައިދިނުން
  • ބަނދަރު ވަށައިގެންވާ ރިވެޓްމެންޓު އުސް ކުރުން

މީގެ އިތުރުން ރައީސް ވިދާޅުވީ ދެން ކުރަން އޮތް ކަމަކީ އޭރު ފެށި މަސައްކަތައް މުޅިން ނިންމާލައި ކުރިއަށް އޮތް ތަނުގައި އުފާވެރި އަމާން ރާއްޖެ އެއް ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ. މާޒީއަށް ބަލާއިރު އަދިވެސް އެތައް ކަމެއް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.