ފިނިޕޭޖް

ލިއަމް ޕޭން ބަލިވެގެން ޓުއާ ކެންސަލްކޮށްފި

ވަން ޑައިރެކްޝަންގެ ކުރީގެ މެންބަރު ލިއަމް ޕޭން، 29، ބަލިވުމާ ގުޅިގެން އޭނާ ތައްޔާރުވަމުން ދިޔަ ޓުއާ ކެންސަލްކޮށްފި އެވެ.

އެކްސް (ކުރީގެ ޓްވިޓާ)ގައި ކުރި ވީޑިއޯ ޕޯސްޓެއްގައި ލިއަމް ބުނީ މިދިޔަ ހަފްތާއިން ފެށިގެން ސީރިއަސް ކިޑްނީ އިންފެކްޝަނަކާ ގުޅިގެން އޭނާ ހޮސްޕިޓަލްގައި އޮތް ކަމަށެވެ. އަދި ރިހާސަލް ފެށި ނަމަވެސް ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް އަރާމުކޮށް، ރަނގަޅުވާންޖެހޭ ކަމަށާއި މިއީ ޓުއަ ދިނުން ރަނގަޅު ވަގުތެއް ނޫން ކަމަށެވެ.

އެހެންވެ ޕެރޫގެ ލިމާގައި ސެޕްޓެމްބަރު އެކެއްގައި ފަށާ، ސެޕްޓެމްބަރު 12 ގައި މެކްސިކޯ ސިޓީގައި ނިންމުމަށް ކިުރިން ހަމަޖެހިފައިވާ ލިއަމްގެ ދެކުނު އެމެރިކާގެ ޓުއާ ރީޝެޑިއުލް ކުރާނެ ކަމަށާއި މިވަގުތަށް ޓިކެޓްތައް ރިފަންޑް ކުރާނެ ކަމަށްވެސް ލިއަމް ބުންޏެވެ.

ލިއަމް، މިދިޔަ ޖުލައި މަހު ލުއިޒިއަނާގެ ރީހެބް ސެންޓަރެއްގައި ގާތްގަނޑަކަށް 100 ދުވަސް ހޭދަކުރި ކަމަށާއި އެއްވެސް ވަރަކަށް ބަނގުރާ ނުބޯތާ ހަމަސް ދުވަސް ވެއްޖެ ކަމަށްވެސް ބުންޏެވެ. އަދި މުސްތަގްބަލަށް ކުރިމަތިލާ، އާ އަލްބަމެއް ނެރެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ވަން ޑައިރެކްޝަންގެ މަސައްކަތް ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލީ 2015 ގައެވެ. އަދި މި ބޭންޑްގެ މެންބަރުން ވަނީ އެމީހުންގެ ސޯލޯ ކެރިއާ ފަށާފަ އެވެ.