އިލެކްޝަންސް ކޮމިޝަން

ވޯޓު ކަރުދާސް މާދަމާ އަތޮޅުތަކަށް ގެންދަނީ

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭނުންވާ ވޯޓު ކަރުދާސް މާދަމާ އަތޮޅުތަކަށް ފޮނުވުމަށް ތައްޔާރުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް މިރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗެކްކޮށް ޕެކްކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ. އެހެންވެ އަތޮޅުތަކަށް ސެކިއުރިޓީ ސާމާނު ޑިސްޕެޗް ކުރުމުގެ މަސައްކަތްތައް މާދަމާ ފެށޭނެ ކަމަށެވެ.

"މިގޮތުން އުތުރުގެ އަތޮޅުތަކަށް މާދަމާ އަދި ދެކުނުގެ އަތޮޅުތަކަށް 30 އޮގަސްޓުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާއެކު، އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުން، ޑިސްޕެޗް މަސައްކަތްތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައި،" ހަބީބް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ އަތޮޅު ތެރެއަށް ގެންދާ ތަކެއްޗާ ހަވާލުވަނީ ސިޓީ ކައުންސިލް ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާ އިން ކަމަށެވެ. އަތޮޅު ތެރެއަށް ފޮނުވާ ތަކެތި ވަކިވަކި ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށަނީ ކުރިއަށް އޮތް ސެޕްޓެންބަރު ހަވަނަ ދުވަހު ކަމަށްވެސް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ހުރިހާ ތަކެއްޗެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް އެކަން އެގޮތުގެ މަތިން ކުރިއަށްދާ ކަމަށެެވެ.

"ރިޔާސީ އިންތިހާބުގެ މަސައްކަތްތަކުގައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އަދި ފޯކަލް ޕޮއިންޓުންގެ ފަރާތުން ދެއްވާ އެއްބާރުލުން އީސީއިން ފާހަގަކުރޭ،" ހަބީބް ވިދާޅުވި އެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ނަންބަރު ތަރުތީބުން

  • ކެންޑިޑޭޓު ނަންބަރު 1 - އުމަރު ނަސީރު
  • ކެންޑިޑޭޓު ނަންބަރު 2 - ހަސަން ޒަމީލް
  • ކެންޑިޑޭޓު ނަންބަރު 3 - އިބްރާހިމް މުހައްމަދު ސޯލިހު
  • ކެންޑިޑޭޓު ނަންބަރު 4 - ޑރ. މުހައްމަދު މުއިއްޒު
  • ކެންޑިޑޭޓު ނަންބަރު 5 - ގާސިމް އިބްރާހިމް
  • ކެންޑިޑޭޓު ނަންބަރު 6 - އަހުމަދު ފާރިސް މައުމޫނު
  • ކެންޑިޑޭޓު ނަންބަރު 7 - އިލްޔާސް ލަބީބު
  • ކެންޑިޑޭޓު ނަންބަރު 8 - މުހައްމަދު ނާޒިމް

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަ ގޮތުން ތިން ބޭފުޅަކު ވާދަކުރައްވަ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ވަރަށް ބޮޑަށް ވާދަވެރި އިންތިހާބަކަށް ވެގެން ދާނެ ކަމަށް ބެލެވެ އެވެ. އެއީ މި ފަހަރަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބު ކަމުގައިވާތީ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެެވެ.