އެމްޑީޕީ

ގައުމުގެ މިނިވަންކަން ދެމިއޮންނާނީ ރައްޔިތުން މިނިވަންވެގެން: ރައީސް

ސަރުކާރުން މިއަދު ކުރާ މަސައްކަތަކީ ރަށްރަށަށް ބޭނުންވާ ހިދުމަތްތައް ގާއިމުކޮށްދީގެން ރައްޔިތުން ބޭނުންވާ މިނިވަންކަން ހޯދައިދިނުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ލ. މުންޑޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެންމެންވެސް ބޭނުންވާނީ ރާއްޖެއަކީ އަބަދުވެސް މިނިވަން ގައޮމެއްގެ ގޮތުގައި އޮތުމަށް ކަމަަށެވެ. އެހެންކަމުން ދައުލަތަކުން އެންމެ އިސްކަން ދޭންޖެހޭނީ ރައްޔިތުންނަން މިނިވަންކަމާއެކު އެބަޔަކު އުޅެން ބޭނުންވާ ތަނެއްގައި އެއްވެސް މަޖުބޫރުކަމެއް ނެތި ހަމަޖެހުމާއެކު ދިރިއުޅެވޭނެ ގޮތްތައް ފަހިކޮށްދިނުމަށް ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކޮންމެ ބޭފުޅަކުވެސް މިނިވަން ދައުލަތެއްގެ ވާހަކަ ދައްކަވާ ކަމަށާއި އެކަން ކުރެވޭނީ ކޮންމެ ރަށެއްގައިވެސް ދިރިއުޅޭ ރައްޔިތުންނަން ދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދީގެން ކަމަށެވެ.

ރަށެއްގައި ރައްޔިތުން ދިރިއުޅޭނަމަ ކުޑަރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ހަމަހަމަކަމާ އެކު ހިދުމަތް ދޭންޖެހޭ ކަމުގައި ރައީސް ވިދާޅުވި އެވެ. ނިމިދިޔަ ސަރުކާރުގެ ފަސް އަހަރާއި މިސަރުކާރުގެ ފަސް އަހަރު ރަށްތަކުގައި ކުރެވުނު މަސައްކަތްތައް ރައްޔިތުން މިނެކިރާލުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ އެންމެ އިސް އަމާޒަކީ ރަށްތައް ތަފާތުކޮށްފައި އޮތް އޮތުމަށް ނިމުން ގެނެސްދީ ރައްޔިތުން ބޭނުންވާ ހިދުމަތްތައް ގާއިމުކޮށް ރައްޔިތުންނަށް މިނިވަންކަމާ އެކު އުޅެވޭނެ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.

"ރައްޔިތުންނަން ހިދުމަށް ދިނުމުގައި ސަރުކަރުތަކުން އެބަހުރި ތަފާތުކުރުންތައް ގެންގުޅެފައި. އެކަންތައްތައް ނައްތާލަން އަޅުގަނޑުމެން މިއުޅެނީ. މުންޑޫ އަކީ ކިތަންމެ އާބާދީ ކުޑަ ރަށެއް ކަމުގަވިއަސް މިސަރުކާރެއްގައި މުންޑޫ ބާކީއެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި އާބާދީ ކުޑަ ރަށްތަކުގެ ތެރޭގައި ހިމެނޭ މުންޑޫއާ ގުޅޭގޮތުން ރައީސް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމަނިކުފާނު މުންޑޫއަށް ވަޑައިގެންނެވިއިރު އެރަށަކީ ހަނަފަސް ސަރަހާއެއްހެން އޮތް ރަށެއް ކަމަށެވެ. އެކަމަކު މިސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މުންޑޫއަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދެވިފައިވާތީ މިއަދު މުންޑޫއިން އުފާވެރި މަންޒަރެއް ފެންނަމުންދާ ކަމުގައި ވިދާޅުވި އެވެ. އަދި ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އަދިވެސް މުންޑޫއަށް ކުރިއެރުމާއި ތަރައްގީ ގެނެސްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

"މިއަދުވެސް އަޅުގަނޑުމެންގެ ވާދަވެރިން ބުނަނީ ހަމަ ކުރީގަ ދެއްކި ވާހަކަ. އެރަށަށް އެބަޔަކަށް ސަރުކާރުން ކޮށްދެން ޖެހޭ ކަންތައްތައް ކޮށްދެން ޖެހޭނީ ކުޑަ ބޮޑުމިނެއް ބަލާފައޭ. އެއީއެއް ނޫން އަޅުގަނޑުމެންގެ ސިޔާސަތަކީ. އެކަން ވަރަށް ރަގަޅަށް މުންޑޫގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވި އެވެ.