ޖަޒީރާ ރާއްޖޭގެ ބިންގާ އެޅިއްޖެ ކަމަށާއި ދެން އޮތީ ރައްޔިތުންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯދައިދިނުމަށް މަސައްކަތްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ލ. މާވަށުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ޖަޒީރާ ރާއްޖޭގެ ތަސައްވަރާއެކުގައި ކަމަށާއި މިހާރު ޖަޒީރާ ރާއްޖޭގެ ބިންގާ އެޅި ދެން އޮތީ އުފާވެރި އަމާން ރާއްޖެއެއް ހޯދައިދިނުން ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ އޭރު އޮތް ބިރުވެރިކަމާއި އަނިޔާވެރިކަމާއި ދެކޮޅަށް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން ކުރިން އެ އޮތް އަނިޔާވެރިކަމާއި ނާމާންކަން ވަނީ މާޒީގެ ތެރެއަށް ދޫކޮށްލެވިފައި ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ގެންދެވުނީ ސިޔާސީ ހަލަބޮލި ކަމާއި ދުރުވެ ރައްޔިތުންނަށް ހިދުމަތް ކުރުމަށް އަމާޒު ހިފުމުން ކަމަށެވެ.
މިހާރު ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ސިޔާސީ ކަންތައްތަކާއި މެދު ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން އަދި ޝުއޫރު ފާޅު ކުރުމުގެ މިނިވަންކަން އެބަ އޮތް ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
"އެއީ އެއްވެސް މައްސަލަ އެއް ނޫން. އެ ބޭފުޅަކު އެ ހުންނެވި ގަބޫލުކުރާ ސިޔާސަތެއް، ސިޔާސީ ފިކުރެއް ހާމަ ކުރުމަކީ މިއަދު މައްސަލައެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ވޭތުވެގެންދިޔަ ފަސް އަހަރަކީ އެންމެ ފަހުގެ ތާރީހުގައި މުޅި ރާއްޖެއަށްވެސް ފެނުނު އެންމެ އަމާން، ހަމަޖެހޭ ފަސް އަހަރު ކަމަށެވެ. ރާއްޖޭގައި ކުރިން ހިނގައިދިޔަ މާރާމާރިއާއި، ވައްކަމާއި، ފޭރުން އަދި ގެވެށި އަނިޔާގެ އިތުރަށް މި ކަހަލަ ހުރިހާ މައްސަލައެއްވެސް އެތައް ގުނައެއް ކުޑަ ކުރެވިއްޖެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ މީގެ ކުރިންވެސް އެމަނިކުފާނުގެ ކެމްޕޭން ޖަލްސާތަކުގައި ކުށުގެ ރެކޯޑުތަކުގެ ވާހަކަ ދައްކަވާފަ އެވެ. ފުލުހުންގެ ރިޕޯޓުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި ވޭތުވެގެން ދިޔަ ފަސް އަހަރަކީ އެންމެ ކުށް މަދު ފަސް އަހަރުކަމަށް ރައީސް ވަނީ ތަކުރާރުކުރައްވާފަ އެވެ.
"ކޮންމެސް ކަންތައްތަކެއް ރާއްޖޭގެ ހަމަޖެހުމަށް ކުރެވިއްޖެ ކަން އަޅުގަނޑަށް މި ތަފާސްހިސާބުތަކުން އެބަ ފެނޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނަށް މިކަންތައްތަކަށް ބަލާލިކަމުގައިވިޔަސް ސިފަވެގެން ދާނެ ކަމަށާއި އެތައް ކަމަކަށް ހައްލު ގެނެސްދެވިފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ސިއްހީ ދާއިރާއަށް ކޮށްދީފައިވާ ކަންތައްތައް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
މީގެއިތުރުން ތައުލީމީ ދާއިރާއަށް ކޮށްދެއްވި ކަންތައްތައް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލްތަކަށް 1،578 ކުލާސްރޫމް އިތުރުކުރަން ޖެހުނު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ލަފާ ފުރުމުގެ ދަތިތަކަށްވެސް މިހާރުވާނީ ވަރަށް ބޮޑު ހައްލެއް ގެނެވިފައި ކަމަށެވެ. އެގޮތުން ރާއްޖޭގެ 125 އަށް ވުރެ ގިނަ ރަށެއްގައި އެކަން ހައްލުކޮށްދެވިފައި ވާނެ ކަމަށް ވިދާޅުވި އެވެ. އަދި ހަމައެއާއެކު 141 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމު ކުރެވިއްޖެ ކަމަށްވެސް ވިދާޅުވި އެވެ. ކަރަންޓުގެ ހިދުމަތް ރަނގަޅު ކޮށްދިނުމުގެ ގޮތުން 150 އަށް ވުރެ ގިނަ ރަށުގައި އިންޖީނުގެ އަޅައިދީ ޖެނެރޭޓަރުތައް ބަދަލުކޮށް ކަރަންޓު ނެޓުވޯކު ގާއިމުކުރަން ޖެހުނު ކަމަށްވެސް ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ މިހާ ގިން މަސައްކަތްތައް ކޮށްދޭނެ ޖެހުނީ ކުރިން މި ކަންތައްތަކަށް އެއްވެސް ވަރަކަށް އަޅާނުލެވުމުގެ ސަބަބުން ކަމަށެވެ.
ރައީސްގެ މާވަށުގެ ވައުދުތައް
- ފުޓުބޯޅަ ދަނޑުގެ ތާފް ބަދަލު ކޮށްދިނުން
- ވޮލީ ކޯޓެއް އަޅައިދިނުން
- ރޯހައުސް އަޅައިދިނުން
- ސިއްހީ މަރުކަޒު އަޕްގްރޭޑު ކުރުން
- ސިއްހީ މަރުކަޒުން ލިބޭ ހިދުމަތްތައް އިތުރު ކުރުން
- ބިން މިހާރު އޮތް ވަރަށް ވުރެ ބޮޑަށް ހިއްކުން
- ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދައި ތާރު އެޅުން
މީގެ އިތުރަށް ރައީސް ވިދާޅުވީ އަދިވެސް މާވަށުގެ ރައްޔިތުން ބޭނުންވާ އިތުރުކަމެއް އޮވެއްޖެ ނަމަ އެކަމެއް ކޮށްދިނުމަށްވެސް ކައުންސިލާއި، ރައްޔިތުންނާއި މަޝްވަރާކުރުމަށް ފަހު ގޮތް ނިންމާނެ ކަމަށެވެ.
ލ. އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އަޅާނެ ކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.