ވާހަކަ

ގަހަނާ ފޮށި

( 27 އޯގަސްޓް 2023 އާ ގުޅޭ )

"ކޮންއިރަކުން ދާން ތިއައީ." އިތޫ އަހާލިއެވެ.

"އެހެންޏާ ވެސް ދާގަޑީގައި އެކޮޅަށް ދާނީ. ފައިސަލް އަންނާނެ ބަލާ." އަހަރެން ބުނީމެވެ. އެއާއެކު ހަނދާންވީ މިރެއަކީ ބޮޑު ރެއެއް ކަމެވެ. ފައިސަލް ދިރިއުޅޭ ގެއަށް ފުރަތަމަ ފަހަރަށް އަހަރެން ވަންނާނޭ ރެއެވެ. އެ ޚިޔާލާއެކީ މެޔަށް ފިނިވެލިއެވެ.

* * * * *

ރޭގަނޑު ކައިނިމިގެން ސީރަތާއި އިތޫއާއެކީ އަހަރެން ވެސް ބަދިގޭގައި އިނީމެވެ. އިތޫއަށް ހޫދު ގުޅީ އެވަގުތެވެ. އަހަރެން އެ ގޭގައި އިންކަން އެނގުމާއެކު އިތޫއަށް ކުރި ކޯލު ނިންމާފައި އަހަރެންގެ ފޯނަށް ހޫދު ގުޅިކަން އެނގުނީ ކޮޓަރިއަށް ވަދެ އަތްދަބަހުން ފޯނު ނެގި ވަގުތެވެ. ގެސްޓްހައުސްއިން ނުކުންނަމުން އަހަރެން އައީ އަލަމާރީގައި އޮތް ފޯނުގެ ބަދަލުގައި ފަހުން ހޫދު ދީފައި އޮތް ފޯނު ހިފައިގެންނެވެ. ފައިސަލް ޝައްކުނުކުރާނީ އޭރުންކަން އެނގޭތީއެވެ. ފޯނު ހިފައިގެން އަހަރެން ނުކުމެ މަޑުކޮށްލީ ބޭރު ގޯތިތެރޭގައެވެ. ހޫދަށް ގުޅުމާއެކު ކޯލު ކަނޑާލާފައި އަހަންނަށް ގުޅައިފިއެވެ.

އަހަރެން ހީކުރީ ފައިސަލްއާ ގުޅުން ހުރި ވާހަކަތަކެއް ހޫދު ދައްކާނެ ކަމަށެވެ. ނަމަވެސް އެހެނެއްނުވިއެވެ. ސަމާސާ ކުރާހިތްވެފައި ހުރި ވަގުތެއް ކަހަލައެވެ. އަހަންނަށް ހޫދުގެ އެ ސިފަ ބަލައިގަންނަން އުނދަގޫވަނީ ކީއްވެކަމެއް ނޭނގެއެވެ. ފޮރުވުމެއްނެތި އޭނާގެ ހިތުގެ އެދުން ހާމަކުރެއެވެ. އެހެންވިޔަސް އަހަރެންގެ ހިތާއި ޖަޒުބާތުތައް އެކަމަށް އިޖާބަ ނުދެނީ ކީއްވެކަމެއް ނޭނގެއެވެ. ބައެއްފަހަރު އަހަރެންގެ ޟަމީރު ހޫދަކީ ރަނގަޅު ޒުވާނެއްކަމުގައި ހިތަށް ބުނެދޭން އުޅެއެވެ. އެހެންވިޔަސް ހިތާއި ސިކުނޑި ތައްޔާރެއްނޫނެވެ. ޒިޔާނަށްފަހު ފައިސަލްދެކެ އަހަރެންނަށް ލޯބިވެވުނީ އަޖައިބެއްފަދައިންނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭ ފައިސަލް ވަނީ އަހަރެންގެ ހިތް މިލްކުކޮށްފައެވެ. އެކަމަކު އަހަރެންނަށް ވެވުނު ލޯބީގެ ނަތީޖާ ނިކަން ދެކެބަލާށެވެ. އޮޅުވާލުމުގައި ފައިސަލްއާ ބަލާފައި ޒިޔާން މީހަކަށް ނުވެއެވެ. ފައިސަލް ހަމައެކަނި އޮޅުވާލީއެއްނޫނެވެ. އޭނާއަކީ ނުރައްކާތެރި ގާތިލެކެވެ. ލޯބީގެ ނަމުގައި އަހަރެން ޖެހިފައި މިވަނީ އަހަރެންގެ ފުރާނައަށް ދަހިވެތިވެ ބަލަމުންދާ ޝިކާރަވެރިއެއްގެ ދަލުގައެވެ. ލޯބީގެ ކުޅިގަނޑެއް އަލުން ފަށާނޭ ހިތްވަރެއް ދެނެއް ނެތެވެ. މިހާރު އަހަރެން ބޭނުމީ ފައިސަލްގެ އަތްދަށުން ސަލާމަތްވެ މި ރަށާ ދުރަށް، އަހަރެންގެ ޢާއިލާ ކައިރިޔަށް ދާށެވެ. އަހަރެންގެ މަޑުޖެހިފައިވާ ދިރިއުޅުމަށް އަލުން ރުޖޫޢަވާށެވެ. ހޫދު ހުރީ އަހަރެންނާ ވާހަކަދައްކާ ހިތުންކަން އެނގެއެވެ. ނަމަވެސް ބަހަނާއެއް ދައްކައި ކޯލު ކުރުކޮށްލީ އަހަރެންނެވެ.

ދިހަގަޑި ބައިވާން ފަސް މިނެޓަށް ވުމުން އަހަރެން ދޮރޯށި ކައިރިޔަށް ނުކުތީމެވެ. ފައިސަލް ކާރުގައި މަގަށް ވަނީ ބަރާބަރު ގަޑިއަށެވެ. އަހަންނާއެކީ ދޮރޯށި ކައިރީ ހުރި އިތޫއަށް ބަލާލީއެވެ.

"މާދަން މެންދުރު ކާނީ މިކޮޅުން. އެހާއިރަށް އަންނާތި." އަހަރެން ހިނގައިގަތުމުގެ ކުރީން އިތޫ ބުންޏެވެ. މާދަމާ އަކީ ހުކުރު ދުވަހަށްވާތީ ސީރަތު ވެސް އަހަރެން ކައިރީ މެންދުރު ވާންވާއިރަށް އަންނާން ބުންޏެވެ. އިތޫއަށް ބޯޖަހާލާފައި ދަނީ ކަމުގައި އަހަރެން ބުނެ ހިނގައިގަތީމެވެ.

އަހަރެން ކާރަށް އެރުމުން ފައިސަލް ކާރު ދުއްވާލިއެވެ. އަހަރެން އިސްވެ އޭނާއަށް ގޮވާލީމެވެ. ހޫން ލައްވާލާފައި ވެސް ފައިސަލް ބަލައެއް ނުލިއެވެ. އަހަރެން އިނީ އޭނާގެ މަންމަ ގާތަށް ދިއުމުން ކަންތައްވީގޮތް އަހާނޭ ވަގުތެއްގެ އިންތިޒާރުގައެވެ. އޭނާގެ މަންމަ އަހަރެން އެގެއަށް ގެންގޮސް ދެއްކި ވާހަކައެއް އޮޅުން ފިލުވަން ގައިމު ވެސް ބޭނުންވާނޭތާއެވެ.

"ގެސްޓްހައުސްއަށްތަ މިދަނީ." އާންމުކޮށް ދަތުރުކުރާ މަގުތައް ފާހަގަ ކުރަން އެނގިފައިވުމުން އަހަރެން އަހާލީމެވެ. އެއާއެކު ފައިސަލް އާނއެކޭ ބުނެލިއެވެ.

"ކުޑަކޮށް ދުއްވާލަން ހިނގާ." އަހަރެން ބުނީމެވެ. ފައިސަލްގެ ނަޒަރު އަހަރެންނަށް އަމާޒުވެލީ ދެނެވެ.

އަހަރެން އެދުނު ފަދައިން ފައިސަލް މިސްރާބު ބަދަލުކޮށްލައިފިއެވެ. ރަށުގެ ބޮޑެތި މަގުތަކުން ބަނދަރު މައްޗަށް ނުކުތެވެ. އެއްވެސް ތަނަކަށް އޭނާ މަޑެއް ނުކުރެއެވެ. ވާހަކައެއް ނުދައްކާތީ އަހަރެންނަށް އުނދަގޫވިއެވެ. ފައިސަލް ކަމަކާ ހިތްހަމަނުޖެހިފައިތޯ އަހަރެން އަހާލީމެވެ. އޭނާ ނޫނެކޭ ބުނެ ބޯހޫރާލީއެވެ. ވަކި ހިސާބަކުން ދެން ގެއަށް ދަމާއޭ ފައިސަލް ބުނެލިއެވެ. އެންމެ ރަނގަޅުކަން އަންގާލުމަށް އަހަރެން ބޯޖަހާލީމެވެ. އަދި ގެސްޓްހައުސްއާ ހަމައަށް އާދެވެންދެން ދޮރުފަތުގެ ބިއްލޫރިގަނޑާ ދިމާއަށް އެނބުރި އިނީމެވެ. ފައިސަލްގެ ޠަބީޢަތް ރަނގަޅުނޫންހެން ހީވަނީއެވެ.

ގެސްޓްހައުސްއަށް އައިސް ވަނުމާއެކީ އަހަރެންނަށް ލިބުނީ ހައިރާންކަމެވެ. އަބްދުލްއާ ވާހަކަދައްކަން ސޯފާގައި އިނީ ފަޒީލެވެ. ވަގުތުން އަހަރެންނަށް ފައިސަލްއަށް ބަލާލެވުނެވެ. އޭނާގެ ފުށުން އިޝާރާތެއް ނުފެނުނެވެ.

"އާނަ." ފަޒީލު ގޮވާލިއެވެ. އަހަރެން ހޫން ލައްވާލީމެވެ. އަދި އެ ތަނުގައި މަޑުކުރުމުގެ ބަދަލުގައި ހިނގައިގަތީ ސިޑިއާ ދިމާއަށެވެ. ކޮޓަރިއަށް ދާށެވެ.

"ދަނީތަ؟." ފަޒީލު އަހާލިއެވެ.

"އާން. ރެސްޓްކޮށްލަން." އަހަރެން ބުނީމެވެ. ފައިސަލް ގޮސް އިށީނީ ފަޒީލުގެ ވައަތް ފަރާތުން ހުރި ސޯފާގައެވެ. އޭނާ ބަހެއް ނުކީތާ އަހަރެންނަށް ބަލާ ވެސް ނުލިއެވެ.

"ޝިޓް... ޝިޓް..." ސިޑިން އަރަމުން އަހަރެން ކުދިކިޔައިގަތީމެވެ. ފަޒީލާ ހެދި މިރޭގެ ހުރިހާކަމެއް ހަރާބުވީއޭ ހިތަށް އެރިއެވެ. ފައިސަލްގެ ޠަބީޢަތަށް ވެރިވެފައިވާ ހިމޭންކަމުގެ އަސްލަކީ ފަޒީލޭ ހިތަށް އެރިއެވެ. އޭނާއަކީ އެހެންޏާ މިގަޑީގައި ގެސްޓްހައުސްއަށް އަންނަ މީހެއް ވެސް ނޫނެވެ. މިރޭ ކުއްލިއަކަށް އައިސް އެ އިނީ ކީއްވެ ހެއްޔެވެ.

"ފައިސަލް ކައިރީ ބުނީބާ އެމީހުންގެ ގޭގައި އަހަރެން ހުންނަން މަންމަ ބޭނުންވާކަން." ކުއްލިއަކަށް އަހަރެންގެ ސިކުނޑިއަށް ވެރިވިއެވެ. ފަޒީލު އައިސް އެ އިނީ ފައިސަލް މެދުވެރިކޮށް އެކަން ކުރާން ބާއެވެ. ގެސްޓްހައުސްގައި ހުރުމަށްވުރެ އެމީހުންގެ މަންމަ ކައިރިޔަށް ބަދަލުވާން ފައިސަލް ލައްވާ ބުނުވަން ބޭނުންވަނީ ކަންނޭނގެއެވެ. އެކަމަކު ފައިސަލް އެގޮތާ ރުހިދާނެބާއެވެ. ގައިމު ވެސް އަހަރެމެންގެ ދެމެދަށް ދުރުކަމެއް އޭރުން އަންނާނެއެވެ.

"ފަޒީލު ވެސް އެ އުޅެނީ އޭނާގެ އަމިއްލަ އެދުމަށްހެން ހީވޭ." އެކިއެކި ޚިޔާލުތައް ހިތާއި ސިކުނޑިއަށް ވެރިވަމުން ދިޔައެވެ.
ކޮޓަރިއަށް ވަދެ ދޮރުތަޅުލީމެވެ. އަދި ގައިދޮވެލައިގެން ނުކުމެ ނިދާ އެއްޗެހީގައި އައިސް އެނދަށް އަރައި ޓީވީ ހުޅުވާލީމެވެ. ދެން މަންމައަށް ގުޅާލީމެވެ. އިތޫގެ ކައިވެންޏަށްފަހު ގިނަ ދުވަހެއްނުކޮށް މާލެދާނަންކަން އަހަރެން ބުނީމެވެ. އެ ޚަބަރުން މަންމަ އިނީ އުފަލުންކަން ދެއްކި ވާހަކައިން އަހަރެންނަށް އެނގުނެވެ. މި ރަށަށް އައިސް މި ރަށުން މީހަކާ ހިތާވެގެންކަމެއް އަހަރެން އުޅެނީ މަންމައަކަށް ނޭނގެއެވެ. އެހެންވެ މަންމަ ދެއްކީ ޒިޔާންގެ ވާހަކައެވެ. ހީކޮށްގެން ހުރީ އަދިވެސް އަހަރެން މިއުޅެނީ އެ ހިތާމަތަކުން އަރައި ނުގަނެވިގެން ކަމެވެ. އަހަރެން އެއްޗެކޭ ނުބުނެ މަންމަ ދެމުންދިޔަ ނަޞޭޙަތް އަޑުއެހީމެވެ. ފޯނުކޯލު ނިންމާލުމުގެ ކުރީން އިތޫއަށް ވަރަށް ގިނައިން ސަލާމް ބުނަން މަންމަ ބުނެލިއެވެ. އަދި ކައިވެނި ކުރާ ދުވަހު މަންމައަށް ފޮޓޯއެއް ފޮނުވަންވާނޭކަން އަހަރެން ކައިރީ ބުންޏެވެ.

ފޯނުން ޓިކްޓޮކް ބަލަން އޮއްވާ އަހަރެންނަށް ނިދުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ދެ ލޯ ހުޅުވުނު އިރު ހުރީ އަނެއް ދުވަހަށް އިރު އަރާފައެވެ. އެނދުން ތެދުވި ގޮތަށް ކޮޓަރިތެރެއަށް ބަލާލީމެވެ. ރޭގައި ފައިސަލް އަހަރެން ކައިރިޔަށް އައިކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. ކޮޓަރީގައި އޮތީ އަހަރެން އެކަންޏެވެ. ހީކުރީ ފަޒީލު ދިއުމުން ފައިސަލް އަންނާނޭ ކަމަށެވެ.

"ކީއްވެބާ ނައީ." ދުލުން ސުވާލު ބޭރުކޮށްލެވުނެވެ.

ފެންވަރާލައިގެން އަވަހަށް ކޮޓަރިން ނުކުމެގެން ތިރިއަށް އައީމެވެ. ބަދިގޭގައި މީހަކު އުޅޭ އަޑު އިވުމުން ފިޔަވަޅު ހަލުވިކޮށްލައި ދުވަމުން ކަހަލަ ގޮތަށް އައީމެވެ. އުނދުން ކައިރީ ހުރި ފައިސަލް ފެނުމުން ގޮވާލަން ހުޅުވާލި އަނގަ ލައްޕާލެވުނީ ކޮފީޖޯޑު ހިފައިގެން ހުރި ފަޒީލު ފެނުމުންނެވެ.

"ގުޑް މޯނިން." ހިނިތުންވުމަކާއެކު ފަޒީލު ބުންޏެވެ.

"މީނަ އަދިވެސް މިތަނުގައިތަ." ހިތާ ހިތުން އަހަރެންނަށް ބުނެލެވުނެވެ. މިފަހަރު އަހަރެންނަށް ފަޒީލު ފެނުމުން ވީ ބޮލުގައި ރިހުމަކަށެވެ. އަހަރެންގެ ރޭވުންތައް ފެއިލްވަމުންދާތީއެވެ. ހޫދު އަންނަންވާއިރަށް ފައިސަލްއާއެކު އޭނާ ދިރިއުޅޭ ގެއަށް މިވަރުން ދަންޏާ ވަންނާނީ ކިހިނެއް ހެއްޔެވެ. މިޖެހުނީ ކިހާ ބޮޑު އުނދަގުލެއް ހެއްޔެވެ. ފައިސަލް ރޭގައި އަހަރެން ކައިރިއަށް ނައީ ފަޒީލު ގެސްޓްހައުސްގައި މަޑުކުރީމާކަން ޔަގީނެވެ. މަންމައާ ގުޅިގެން ފަޒީލު ކުޅޭން މިއުޅެނީ ކޮންކަހަލަ ކުޅިގަނޑެއްބާއެވެ.

"ޖޫސް، ސައި ނޫނީ ކޮފީތަ؟. ދޮންބެ އެބަހުރި ފްރެޝް އޮރެންޖު ޖޫސް ހަދާފައި. ބްރެކްފަސްޓް ވެސް އެ ރެޑީވަނީ." ފަޒީލު ވާހަކަދެއްކިއެވެ.

"އަހަރެން ކޮފީއެއް ހަދާލަފާނަން." ކޮފީ މެޝިނާ ދިމާއަށް ހިނގައިގަންނަމުން އަހަރެން ބުނީމެވެ.

"އަހަރެން ހަދައިދޭ ހިތުންނޭ މިބުނީ. އާނަ ގޮސް އިށީނދެބަލަ." ފަޒީލު ބުންޏެވެ. އޭނާ ކޮފީ މެޝިނު ކައިރީ ހުއްޓުނެވެ. އަހަރެން ފައިސަލްއަށް ބަލާލީމެވެ. އެހިނދު ނިކަން ނޫން ގޮތަކަށް ފައިސަލް ބަލާލިތަން ދުށީމެވެ. އަހަރެން ހިތްހަމަނުޖެހިފައިކަން ދައްކަން ވަގުތުން ދެބުމަގޮށްޖަހާލައި ލޯ ހަނިކޮށްލީމެވެ. ފައިސަލް މޫނު އަނބުރާލި ނަމަވެސް އޭނާއަށް ފެންނާނޭކަން އަހަރެންނަށް އެނގެއެވެ.

"މެންދުރު ރެޑީ ވައްޗޭ ކާންދާން." ކޮފީޖޯޑު ގެނެސް އަހަރެންގެ ކުރިމަތީ މޭޒުގައި ބަހައްޓާލަމުން ފަޒީލު ބުންޏެވެ.

"މެންދުރުވާންވާއިރަށް އިތޫމެން ގެއަށް ދާން ބުނެފައި އޮންނާނީ. އެހެންތާކަށް ނުދެވޭނެ. މިދުވަސްކޮޅު އިތޫއަށް އަހަރެންގެ އެހީ ވަރަށް ބޭނުންވާނެ. އަހަރެން މިކޮޅަށް އައީ އޭނާއަށް ޓަކައި. ދެތިން ދުވަސްތެރޭ އޭނާގެ ވެޑިން އޮންނާނެ." ނުދާނަމޭ ސީދާ ނުބުނަންވެގެން އަހަރެން އިއްވާލީމެވެ.

ހުކުރު ވަގުތު ޖެހެންވާއިރަށް ފަޒީލު ގެއަށްދާން ނުކުތެވެ. އަހަރެން އިތޫމެން ގެއަށް ލާފައި އޭނާ ހިނގައިދާނަން ކަމަށް ބުނުމުން މިފަހަރު އަހަރެން ނޫނެކޭ ނުބުނަމެވެ. އެ ހުރިހާއިރު ފައިސަލް އެއްޗެކޭ ނުބުންޏެވެ. އޭނާ އަހަރެން ހުއްޓުވަން އިޝާރާތެއް ވެސް ކޮށްނުލިއެވެ. ފަޒީލާއެކު ދާން އެއްބަސްވީ އެހެންވެއެވެ. ފައިސަލްއަށް ވާގޮތެއް ބަލާށެވެ.

"ރޭގައި އެކޮޅުގައިތަ ނިދީ." ފަޒީލާއެކު އިތޫމެންގެއަށް އައި މަގުމަތީ އަހަރެން އަހާލީމެވެ.

"އާން. މިއަދު ހުކުރުވީމަ ހިތަށް އެރީ މަޑުކޮށްލަން. އާނަ މާ އަވަހަށް ނިދަން ދިޔައީ ވިއްޔާ. ވަރުބަލިވެފައޭ ބުނީމަ ނުހުއްޓުވީ." ފަޒީލު ބުންޏެވެ.

އިތޫމެން ގޭ ދޮށަށް އަހަރެން ފޭބުމުން ސައިކަލުގައި ފަޒީލު ނައްޓާލައިފިއެވެ. ބަލާ އަންނަންވީމާ ގުޅަން އޭނާ ބުންޏެވެ. އެހެންވިޔަސް އޭނާއަށް ގުޅުމުގެ ވިސްނުމެއް އަހަރެންގެ ނެތެވެ. ގޭތެރެއަށް ވަންއިރު ސީރަތު އިސްތިރިކުރަން ހުއްޓާ ފެނުނެވެ. އަހަރެން ކައިރީ އަންނާށޭ އޭނާ ގޮވާލިއެވެ. މެންދުރަށް ކަސްޓަޑް ހަދަން އިތޫ ބަދީގޭގައި އުޅޭ ވާހަކަ ސީރަތު ބުނުމުން މަޑުނުކޮށް އަހަރެން ދިޔައީ ބަދިގެއަށެވެ.

"އާނަ. ރަހަބަލާބަލަ. ފޮނިރަހަ މަޑުތަ." އުނދުން ކައިރީ ހުރި އިތޫއަށް އަހަރެން ފެންނައިރަށް ބުނެފިއެވެ. އަހަރެން ގޮސް އޭނާ ދިއްކޮށްލި ސަމްސަލުން ރަހަބެލީމެވެ. އޭނާ ކައްކާ ނިމެންދެން ބަދިގޭގައި އިނީމެވެ.

"ބެކްޑްރޮޕްގެ ފްރޭމްގަނޑު ނިމިއްޖެއޭ ޒަފަރު ބުނި. އަހަރެން ހުރީ ހަވީރުން އާނަ ގޮވައިގެން ބަލާލަން ދާން ކަމަށް. އެކަމަކު އެންމެން ކިޔައިފި މެރީ ކުރާ ވަގުތުގައި ނޫނީ އަހަރެންނަކަށް ނުދައްކާނަމޭ." އިތޫގެ ވާހަކަގަނޑު ފެށިއެވެ. ނަމަވެސް އަހަރެންނަށް އޭނާގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އަދިވެސް ސިކުނޑީގައި ހިނގަނީ ފަޒީލުގެ ޚިޔާލެވެ. މިރޭ ވެސް އޭނާ ގެސްޓްހައުސްގައި މަޑުކޮށްފާނޭތީ އެކަމާ ހިތް ނުތަނަވަސްވަނީއެވެ.

އަސުރުން ފަސްވެފައި ވަނިކޮށް ހޫދު ގުޅަންފެށިއެވެ. އަހަރެން އިނީ ސިޓިންރޫމުގައި އެކަންޏެވެ. ދަބަސްތެރެއިން ފޯނު ނެގި ގޮތަށް ކޯލަށް ޖަވާބު ދިނީމެވެ. އޭނާ ދިނީ އަހަރެން ކަންބޮޑުވާ ފަދަ ޚަބަރެކެވެ.

"މާލެއިން ޓީމު އަތުވެއްޖެ. ރަށުކޮޅުން އެންމެ އިސްކޮށް ހުރި އޮފިސަރާ ވެސް ވާހަކަދައްކައިފި. މިރޭގެ ވަގުތެއްގައި ރަށަށް ދެވޭތޯ އެބަލަނީ. އާނަ ބުނީމެންނު އަނުމް ކިޔާ ކުއްޖަކު މަރުވެފައި ވޭ ހެއްޔޭ... އެނގޭތަ... މި ރަށާ އެންމެ ކައިރީގައި އޮންނަ މީހުން އުޅޭ ރަށަކުން އަންހެންކުއްޖަކު ގެއްލިފައިވަނީ. ތޭވީސް އަހަރުގެ އައިޝަތު އަނުމް އިބްރާހީމް. އޭނާ ގެއްލުނު ފަހުން 5 އަހަރުވެއްޖެ." ހޫދު ބުންޏެވެ.

(ނުނިމޭ)