ލ. ފޮނަދޫ އަދި ލ. ގަމަށް ތަރައްގީގެ ބޮޑު އިންގިލާބެއް ގެންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މިރޭ ލ. ފޮނަދޫ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވާ އެމަނިކުފާނު ވިދާޅުވީ ފޮނަދޫ އަދި ގަމަށް ތަރައްގީގެ ބޮޑު އިންގިލާބެއް ގެނެސް ދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި 25،000 މީހުންގެ އާބާދީ އަކަށް މި ދެ ރަށް ތަރައްގީކުރުން ކަމަށެވެ.
ލ. އަތޮޅު ގަމާއި ފޮނަދޫ ތަަރައްގީކުރުމުގެ ގޮތުން ކުރަންހުރި ބައެއް ކަންކަން ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ގަމުގައި ޓާޝަރީ ހޮސްޕިޓަލަކާއި ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ހާއްސަކޮށްގެން ހަދާ ހޮސްޕިޓަލެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ގަމުގައި ކޮމާޝަލް ސީޕޯޓަކާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ މުބާރާތްތައް ބެއްވޭނެ ކުޅިވަރު ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށާއި ސަރުކާރުގެ ބައެއް އިދާރާތްތަކުގެ މަސައްކަތްތައް ގަމަށް ބަދަލުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފޮނަދޫއަށް ކޮށްދެއްވާނެ ކަންކަން ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ޒަމާނީ ވަސީލަތްތަކާ އެކު ފޮނަދޫގައި އޮފީސް އިމާރާތެއް ގާއިމުކޮށް އެރަށުގައި ހިންގާ ސަރުކާރުގެ އޮފީސްތައް އެ އިމާރާތަށް ބަދަލުކުރާނެ ކަމަށެވެ. ފޮނަދޫ ސްކޫލަށް ބޭނުންވާ ސްޓާފް ރޫމް، އޮފީސް ބިލްޑިން އަޅައިދީ ސްކޫލަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ފޮނަދޫގައި މިހާރު ހަދަމުންދާ މަގުތަކުގެ އިތުރުން ބާކީ ހުރި މަގުތައްވެސް ޒަމާނީ ފެންވަރަކަށް ހަދައިދީ، ފޮނަދޫގައި ބޯޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސް، ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ. ފޮނަދޫ ބަނދަރުގެ ބޭރު ތޮށި ރަނގަޅުކޮށްދީ، މޫދަށް އެރޭނެ ސަރަހައްދެއް ގާއިމުކޮށް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދިނުމަށްވެސް ވައުދުވެވަޑައިގެންނެވި އެވެ.
"ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންނާއި މުދާ ޑައިރެކްޓްކޮށް ލާމަށް އައުމުން މުޅި އަތޮޅަށްވެސް ބޮޑު އިންގިލާބެއް އަންނާނެ،" ލ. ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށް ކުރަމުންދާ މަސައްކަތް ނިމުމުން އަންނާނެ ބަދަލުތައް ހިއްސާކުރައްވަމުން ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުުދުތަކުގެ ތެރެއިން ގިނަ މަސައްކަތްތައް ކުރެވިއްޖެ ކަމަށެވެ. އެކަން ރައްޔިތުން ގަބޫލުކޮށް ރާއްޖޭގެ ގިނަ ރަށްތަކެއްގެ މެޖޯރިޓީ ލިބޭނެ ކަމުގެ ރައްޔިތުން ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށެއްގެ ތެރެއިން 59 ރަށް ފިޔަވާ ހުރިހާ ރަށެއްގެ މެޖޯރިޓީ އެމްޑީޕީން ހޯދާނެ ކަމަށާއި ބާކީ ހުރި ރަށްތައް ވެސް ބަދަލުވަމުންދާ ކަމަށް ވިދާޅުވި އެވެ.