އެމްޑީޕީން ވަކިވެގެންދިޔަ މަޖިލިސް މެންބަރުން އަނބުރާ ގެނައުމަށް ރިޝްވަތު ދެއްވި ކަމަށް ކުރާ ތުހުމަތުތައް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ދޮގުކުރައްވައިފި އެވެ.
ލ. ފޮނަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވަނީ އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި ބައެއް މެންބަރުން އަނބުރާ އެމްޑީީޕީއަށް ގުޅުނީ ރިޝްވަތު ދިނުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.
"އަޅުގަނޑުމެން އެއްވެސް މެމްބަރަކަށް އެއްވެސް ކަހަލަ ފައިސާގެ މުއާމަލާތެއް އަދި ރިޝްވަތޭ ތި ވިދާޅުވާ ފުޅާ މާނައިގައި ވެސް އެ ކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ" ރައީސް ސޯލިހް ވިދާޅުވި އެވެ.
އެމްޑީޕީގައި ތިއްބެވުމަށްފަހު ދަ ޑިމޮކްރެޓްސް ސޮއި ކުރެއްވި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަލުން އެމްޑީޕީއަށް ގުޅުނީ ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދިނުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް މެންބަރުން ގުޅޭ ސަބަބު ވަރަށް ސާފު ކަމަށާއި ރަށްރަށަށް ތަރައްގީ ގެނެވެން އޮތީ އެމްޑީޕީއާ ގުޅިގެން ކަމަށް އެ މެންބަރުން ގަބޫލުކުރައްވާ ކަމަށެވެ.
ރައްޔިތުން ވެސް އެދެނީ އެބޭފުޅުން އެމްޑީޕީ އާއި ގުޅުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވަނީ އެމްޑީޕީއާ އަލުން ގުޅެން ޑިމޮކްރެޓުންނަށް އަރުވަމުން ގެންދަވާ ދައުވަތު ތަކުރާރުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ދޫކޮށް ދިޔަ މެންބަރުންނަށްް އަލުން ޕާޓީއާ ގުޅި، ކުރިން ތިއްބެވި މަގާމުގައި ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށާއި އަދި މިހާރު ވެސް އިތުރު މެންބަރުން އެމްޑީޕީ އާއި އަލުން ގުޅުމަށްޓަކައި މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މަޖިލީހުގެ މެންބަރުންނަށް ރައީސް ސޯލިހު ރިޝްވަތުދޭ ކަމުގެ ތުހުމަތުކޮށް ރައީސް ނަޝީދު ވަނީ މަޖިލީހުގެ އިދާރާ މެދުވެރިކޮށް ފުލުހުންނަށް މި މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް ފުލުހުން ވަނީ މަޖިލީހުން ހުށަހެޅި ސިޓީގައި ޖިނާއީ ތަހުގީގެއް ފަށަން ބޭނުންވާ އަސާސީ މައުލޫމާތު ފޯރުކޮށްދީފައި ނެތް ކަމަށް ބުނެ އެ މައްސަލަ ރަޖިސްޓްރީ ކުރެވެން ނެތް ކަމަށް އަންގާފަ އެވެ.