އިލެކްޝަންސް ކޮމިޝަން

އިންތިހާބަށް ބޭނުންވާ ވަރަށް އޮފިޝަލުން ލިބިއްޖެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ބޭނުންވާ ވަރަށް އޮފިޝަލުން ލިބިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ސެޕްޓެމްބަރު ނުވައެއްގައި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އާންމުންގެ ތަރުހީބު ލިބިފައި ނުވާ ކަމަށް އީސީ އިން ކުރިން ބުނެފައިވެ އެވެ. އެހެންނަމަވެސް މިހާރު ބޭނުންވާ ވަރަށް އޮފިޝަލުން އެ ކޮމިޝަނަށް ލިބިއްޖެ ކަމަށް އީސީން މިއަދު ބުންޏެވެ.

އިންތިހާބުގައި ހަރަކާތްތެރިވުމަށް 5،500 އޮފިޝަލުން ބޭނުންވާއިރު އެކަމަށް ކުރިމަތިލާފައިވަނީ 3،312 މީހުން ކަމަށް އީސީން ކުރިން ބުނެފައިވެ އެވެ. އެކަމަކު މިހާރު 5،500 އަށް ވުރެ ގިނަ މީހުން ލިބިފައިވާ ކަމަށް ކޮމިޝަނުން ޔަގީންކޮށްދެ އެވެ.

އޮފިޝަލުންނަށް ވެވޭނީ ވަކި ހާއްސަ ޓްރެއިނިންއެއް ހަދައިގެންނެވެ. މިހާރު ކުރިއަށް ގެންދާ ޓްރެއިނިންގައި ބައެއް މީހުންނަށް ބައިވެރި ނުވެވުނު ކަމުގައިވިޔަސް ބޭނުންވާ ވަރަށްވުރެ ގިނައިން އޮފިޝަލުން ތިބޭނެ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.

އީސީ އިން ރިޒާވްގައި ތިބޭނެ އޮފިޝަލުން ހޯދަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ވަރަށް އޮފިޝަލުން ލިބޭނެ ކަމަށް ކޮމިޝަނުން ގަބޫލުކުރެ އެވެ.