ގދ. ތިނަދޫއަށް މިރޭ ސިޓީއެއްގެ ދަރަޖަ ދިނުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ދަތުރުފުޅެއްގައި މިރޭ ތިނަދޫއަށް ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވަނީ އަވަސް އަށް އެކަން ޔަގީންކޮށްދެއްވާފަ އެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީ އެކަން އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މިރޭ އެ ރަށުގައި ބާއްވާ ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާގައި ކަމަށް އެނގިފައިވެ އެވެ. ހުވަދު އަތޮޅުގައި ރައީސް ސޯލިހް ކެމްޕޭނަށް ވަޑައިނުގަންނަވާ ހަމައެކަނި ރަށަކީ ތިނަދޫ އެވެ.
ލ. ފޮނަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާނެ ގޮތް ގާނޫނުގައިވާ ކަމަށެވެ. އެހެންކަމުން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭކަމުގައިވާނަމަ ދޭނީ ގާނޫނުގައިވާ ހަމަތަކުގެ މަތިން ކަމުގައި ވިދާޅުވި އެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ކައުންސިލަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދަނީ އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގައި ރަޖިސްޓްރީވެފައިވާ އާބާދީ 10،000 އަށް އެރުމުންނެވެ. ގާނޫނުގައި ބުނާ ގޮތުން ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބޭ އާބާދީ އެރަށުގެ ދަފްތަރުގައި ރަޖިސްޓްރީވެފައެއް ނުވެ އެވެ.
އެންމެ ފަހުން އާންމުކުރި ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ތިނަދޫގެ އާބާދީ އަކީ 8،000 ވަރަކަށް މީހުންނެވެ. އެހެންނަމަވެސް ތިނަދޫ ކައުންސިލްގެ ރައީސް ސައުދު ވިދާޅުވި ގޮތުގައި ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް، ގާނޫނުގައިވާ ބުނާ މިންވަރަށް އެ ރަށުގައި މިހާރު ވަނީ އާބާދީ ހަމަވެފައި ކަމަށެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެ ރަށު ކައުންސިލުންނާއި ރައްޔިތުން ގެންދަނީ ތަކުރާރުކޮށް ދައުލަތުގެ ކަމާގުޅޭ އިދާރާތަކުގައި އެދެމުންނެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ އެމަނިކުފާނު ދެން އެ ރަށަށް ވަޑައިގަންނަވާނީ އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަށްފަހު ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު އޭގެފަހުން މިއަހަރުގެ ޖެނުއަރީ މަހު ތިނަދޫގެ އެމްޑީޕީގެ މެމްބަރުންނާއި ރައީސް ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށްފަހު ލަސްތަކެއް ނުވެ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ބާއްވާ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އެ ރަށަށް ކުރެއްވި ކެމްޕޭން ދަތުރެއްގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.