ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެ ހުށަހެޅުމެއް ޑރ. މުއިއްޒަށް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެ ކަމެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހު މިކަންކަމަށް އެދިވަޑައިގަތީ ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު ފުރަތަމަ ފަހަރަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

"އެއް ކަމަކީ ހެޔޮ ވެރިކަމެއް ކުރުން. އަނެއް ކަމަކީ ރައްޔިތުންގެ، މި ގައުމުގެ ތަރައްގީއަށްޓަކާ އަޅުގަނޑުމެން ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންގޮސްދިނުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ތިލަމާލެ ބްރިޖު މަޝްރޫއު ނިންމަން ކަނޑައެޅި ތާރީހަށް ނުނިންމުމުން އެކަމާ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއު ނިމުނުނަމަ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ރަނގަޅު އަސަރެއް ކުރާނެކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ މިހާރު ފަށާފައިވާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން އާ ސަރުކާރާއެކު މަޝްވަރާކުރާނެ ކަމަށެވެ.