ފިނިޕޭޖް

"ޑިއުން: ޕާޓް 2" ރިލީޒްކުރުން ފަސްކޮށްފި

ވޯނާ ބްރަދާސްގެ "ޑިއުން"ގެ ސިކުއެލް، "ޑިއުން: ޕާޓް 2" ރިލީޒްކުރުން ފަސްކޮށްފި އެވެ.

މީގެ ކުރިން އަންނަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައި އޮތް މި ފިލްމް ފަސްކުރީ ހޮލީވުޑްގައި ކުރިއަށްދާ އިހުތިޖާޖާ ގުޅިގެންނެވެ.

"ޑިއުން" ރިލީޒްކުރީ 2021 ވަނަ އަހަރު އެވެ. "ޑިއުން: ޕާޓް 2" ރިލީޒް ކުރަން މިހާރު ނިންމާފައިވަނީ އަންނަ އަހަރުގެ މާޗް 15 ވަނަ ދުވަހު އެވެ.

ޑެނީ ވިލްނޭވް ޑައިރެކްޓް ކުރި "ޑިއުން"ގެ މި ދެ ފިލްމުގައި ލީޑް ރޯލްކުޅެނީ ޓިމޮތީ ޝަލަމޭ އަދި ޒެންޑާޔާ އެވެ.

މީގެ އިތުރުން މުހިއްމު ރޯލްތަކުގައި ރެބެކާ ފާގަސަން، ޖޯޝް ބްރޯލިން، ސްޓެލަން ސާސްގާޑް، ޗާލޮޓް ރޭމްޕްލިން އަދި ޑޭވް ބޯޓިސްޓާ ހިމެނެ އެވެ. އަދި ފުރަތަމަ ފިލްމުގައި އޮސްކާ އައިސޭކް، ޖޭސަން މޯމޯއާ، ހާވިއާ ބާޑެމް އާއި ޗެންގް ޗެން ހިމެނޭއިރު، ދެވަނަ ފިލްމުގައި ފްލޮރެންސް ޕިއު، ކްރިސްޓޮފާ ވޯކަން، އޮސްޓިން ބަޓްލާ، ލިއާ ސޭޑޫ އަދި ސުހޭލާ ޔާކޫބް ހިމެނެ އެވެ.

"ޑިއުން: ޕާޓް 2" ފަށާނީ ފުރަތަމަ ފިލްމު ނިމުނު ހިސާބުންނެވެ. ޕޯލް (ޓިމޮތީ)، ޝޭނީ (ޒެންޑާޔާ) އާއި އެހެން ފްރިމެންގެ އެހީގައި އޭނާގެ އާއިލާ ނައްތާލި މީހުންގެ ކިބައިން ބަދަލުހިފުމަށް މަސައްކަތްކޮށް، އޭނާއަށް އަންދާޒާ ކުރެވޭ ބަނަ، އަނދިރި މުސްތަގްބަލެއް ވިޔަ ނުދިނުމަށް މަސައްކަތްކުރެ އެވެ.

"ޑިއުން"ގެ ދެ ފިލްމަކީ 1965 ގައި ފްރޭންކް ހާބާޓް ނެރުނު ވާހަކައަކަށް ބިނާކޮށްފައިވާ ދެ ޕާޓްގެ ފިލްމު ސީރީޒެކެވެ. މި ވާހަކައަށް މީގެ ކުރިން ފިލްމަކާއި ޓީވީ މިނީ ސީރީޒެއް ހަދާފައިވެ އެވެ.