މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގޯތި ލިބުނު މީހުންނަށް ލުޔެއް، ކުރީގެ ބިން ދޫކޮށްލަން އިތުރު ވަގުތު

މާލޭ ރައްޔިތުންނަށް ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތި ލިބުނު މީހުންގެ ތެރޭގައި ކުރިން ބަންޑާރަ ގޯއްޗެއް ލިބިފައިވާ މީހުން، އެމީހުންނަށް ކުރިން ލިބިފައިވާ ބިންކޮޅު ދޫކޮށްލަންޖެހޭ މުއްދަތު ފަސް އަހަރު ދުވަހަށް އިތުރުކޮށްދީފި އެވެ.

ކުރިން މިމުއްދަތު އޮތީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު އެ ބިމާ ހަވާލުވެ ސޮއިކުރާތާ ދެ އަހަރުގެ ތެރޭގައި ކުރިން ލިބިފައިވާ ބިންކޮޅު ދޫކޮށްލަންޖެހޭ ގޮތަށެވެ.

ނަމަވެސް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ ގޯތި ލިބޭ މީހާ އަކީ ބަންޑާރަ ގޯއްޗެއް އޮތް މީހެއްނަމަ އެ ގޯތި ދޫކޮށްލުމަށް ކުރިން އޮތް ދެ އަހަރުގެ މުއްދަތައް ސަރުކާރުން ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު ހަމަޖައްސާފައިވަނީ ސޮއިކުރާ ތާރީހުން ފެށިގެން ފަސް އަހަރު ތެރޭގައި ކުރިން ލިބިފައިވާ ގޯތި ދޫކޮށްލާ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

"ވީމާ އެއްބަސްވުމަށް ބަދަލު ގެނެސް އާ އެއްބަސްވުން ޕޯޓަލް މެދުވެރިކޮށް ގޯތި ލިބިވަޑައިގަތް ފަރާތްތަކަށް ފެނިވަޑައިގަންނަވާނެ އެވެ،" ގޯތި އެއްބަސްވުމަށް މިހާރު ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވާ އަކްރަމް ވިދާޅުވި އެވެ.

ކުރިން އޮތް ދެ އަހަރުގެ މުއްދަތު ފަސް އަހަރަށް އިތުރުކުރި ވަކި ސަބަބެއް މިނިސްޓްރީން ބުނެފަ އެވެ. ނަމަވެސް ކުރިން ދީފައިވާ ދެ އަހަރުގެ މުއްދަތަކީ މާކުރު މުއްދަތެއް ކަމަށް ބުނެ ބައެއް އާންމުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން 18،955 މީހަކު ޝަރުތު ހަމަވިއިރު 9،003 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ. ހުޅުމާލެ އިން ދޫކުރާ ބައެއް ގޯތި މިހާރު ވަނީ ބިން ކަނޑާ ހަވާލުވެސް ކޮށްފަ އެވެ.