ގާސިމް އިބްރާހިމް

ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި މައާފްކުރާނަން: ގާސިމް

ނިމިދިޔަ ސަރުކާރުތަކުގައި ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން ދޫކޮށްފައިވާ ހުރިހާ ފްލެޓެއްގެ ކުލި މައާފްކޮށްދިނުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ.

ގާސިމް މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް، އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ކަމުގައިވާނަމަ އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް އޭނާ ދުވަހަކުވެސް ދެކޮޅު ނުހައްދަވާނެ ކަމަށެވެ.

ރައްޔިތުންގެ ފައިސާ ބޭނުންކޮށް ހިއްކާ ބިންތައް ވަކި ބަޔަކަށް ހިލޭ ދޭއިރު އެ ހައްގުން ބައެއް ރައްޔިތުން މަހުރޫމު ވެފައިވާ ކަމަށް ގާސިމް ފާހަގަކުރެއްވި އެވެ. އަދި އެ ބިންތަކުގައި އިމާރާތްކޮށްފައިވާ އިޖުތިމާއީ ފްލެޓުތަކުން ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އަދި އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން ފައިސާ ނެގުމަކީ އެއީ އެއްވެސް އިންސާފެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމީހުން އަތުން 20 އަހަރާއި 25 އަހަރުގެ ތެރޭގައި 2.5 މިލިއަން ރުފިޔާ ނެގުމަކީ އިންސާފުވެރި ގޮތެއް ކަމަށް އެއްގޮތަކަށްވެސް ގަބޫލުނުކުރައްވާ ކަމަށެވެ.

އެކަމަކީ ކޮން ހަމައަކުން ކުރާ ކަމެއްތޯ ސުވާލުކުރައްވައި ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެކަން ބަދަލުކުރާނެ ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާއީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށް ދޭނަން." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ އޭނާގެ ވެރިކަމެއްގެ ފުރަތަމަ ދައުރުގެ ތެރޭގައި 30،000 ހައުސިން ޔުނިޓް އެޅުމަށްވެސް ވައުދުވެފަ އެވެ. މީގެތެރެއިން 15،000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވަނީ މާލެ ސަރަހައްދު ގައެވެ.