ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންނަށް ހިންގާ ދެ ދުވަހުގެ ތަމްރީނުތަކެއް ފަށައިފި އެވެ. މި ތަމްރީނުތައް ކުރިއަށް ދަނީ މާލޭގަ އެވެ.
މާލޭގައި ހިންގާ މި ތަމްރީނުތަކަކީ ހާއްސަ ހާލަތްތަކުގައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ އަމާން މާހައުލެއް ގާއިމް ކުރުމަށް ބޭނުންވާ ކަންކަން އިންތިޒާމު ކުރުމަށް ބޭނުންވާ މުހިއްމު ބައިތައް ހިމެނޭގޮތަށް ގެންދެވޭ ތަމްރީނުތަކެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ތަމްރީނުތަކުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ގިނަ ފުލުހުން ބައިވެރިވާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުންނަކީ ތަފާތު ހާލަތްތަކާ ގުޅޭގޮތުން ގިނަ ތަމްރީނުތަކެއް މާލެއާއި އަތޮޅުތަކުގައި އަދި ފުލުހުންގެ ތަމްރީނު މަރުކަޒުތަކުގައި ފުރިހަމަ ކުރަމުންދާ ބައެކެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތްކުރާ ފުލުހުންނަށް ބޭނުންވާ ތަމްރީނުތަކަށް ހާއްސަ އިސްކަމެއް ދެއްވައިގެން ހުރިހާ ފުލުހުން ހިމެނޭގޮތަށް އަހަރު ތެރޭގައި ތަމްރީނުތައް ގެންދަން އެގްޒެކެޓިވް ކޮމިޓީގެ މަޝްވަރާގެ މަތިން ކޮމިޝަނާ އޮފް ޕޮލިސް ވަނީ ނިންމަވާފަ އެވެ.