ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވެން ޖެހޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭގޮތުން ދައުލަތުން ސުޕްރީމް ކޯޓުގައި ވާހަކަ ދެއްކީ 2012 ވަނަ އަހަރު ކ. ކާށިދޫގައި ފުލުހެއް ކަމަށްވާ އާދަމް ހަލީމް މަރާލި މައްސަލައިގައި ދަށު ކޯޓާއި ހައިކޯޓުން މަރަން ހުކުމްކޮށްފައިވާ މުހައްމަދު ސަމާހުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައެވެ.
ރާއްޖޭގައި މަރަން ހުކުމްކޮށްފައިވާ ބަޔަކު އެބަ ތިއްބެވެ. އެހެންނަމަވެސް މަރުގެ މައްސަލަ ތަކުގައި އިސްލާމީ ޝަރީއަތުގެ ދަށުން ދޭންޖެހޭ އަދަބު އަދި ތަންފީޒެއް ނުކުރެ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ އާދަމް ހަލީމްގެ ވާރިސުންގެ ތެރެއިން ބާލިޣުނުވާ ކުޑަކުއްޖަކު ހުރުމާއެކު އެ ކުއްޖާ ބޮޑުވަންދެން މަރުގެ އަދަބު ފަސްކުރަން ޖެހޭނެތޯ ދައުލަތާ ސުވާލުކޮށްފަ އެވެ.
ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ވާރިސުންގެ ގޮތުގައި ތިބި ކުޑަކުދިން ބޮޑުވަންދެން މަރުގެ އަދަބު ފަސްކުރަން އިސްލާމީ ބައެއް އިލްމުވެރިންގެ ރައުޔު އެބަހުރި ކަމަށެވެ. އެހެންނަމަވެސް ސުންނަތް ޖަމާއަތުގެ ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ކުޑަކުދިން ބާލިޣުވަންދެން މަޑުކުރަން ނުޖެހޭ ކަމަށާއި ރާއްޖޭގައި އަމަލުކުރަނީ ސުންނަތް ޖަމާއަތުގައި އޮންނަ ގޮތަށް ކަމަށްވެސް ވަކީލް ވިދާޅުވި އެވެ.
ދައުލަތުގެ ޖަވާބާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ރާއްޖޭގައި ބަޔަކަށް މަރުގެ ހުކުމް އިއްވާފައިވީ ނަމަވެސް ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ. އެހެންކަމުން މަރުވި މީހާގެ ވާރިސުންގެ ގޮތުގައި ތިބި ކުޑަކުދިން ބާލިޣުވަންދެން ހުކުމް ތަންފީޒުކުރުން ފަސްނުކުރެވެންވީ ކީއްވެގެންތޯވެސް ބެންޗުން ސުވާލުއުފެއްދެވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ ރާއްޖޭގެ ގާނޫނުތަކާއި އުސޫލުތައް ލިޔެފައިވަނީ މަރުގެ އަދަބުތައް ދެވޭ ގޮތަށް ކަމަށެވެ. އެހެންކަމުން މަރުގެ ހުކުމް ތަންފީޒުކުރެވެންޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި 1953 ވަނަ އަހަރު މަރުގެ އަދަބު ތަންފީޒު ކުރި ފަހުން އެ ހުކުމް ރާއްޖޭގައި ތަންފީޒުކޮށްފައެއް ނުވެ އެވެ.