ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކޯޓަށް ހުށަހަޅަން ފަށައިފި އެވެ.
ޕީޖީ އޮފީހުން ބުނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގައި ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި އެ އޮފީހުން ކޯޓަަށް އަންގަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ހޯދާ ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
ޕީޖީ އޮފީހުން ބުނީ އެ އޮފީހުން ހޯދި މައުލޫމާތަށް ބަލާއިރު ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ ހުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ހުކުމާ އެއްގޮތަށް ޖޫރިމަނާ ނުދައްކާ މީހުންގެ މައްޗަށް އަލުން ޖަލު އަދަބު ނުވަތަ ޖޫރިމަނާ އަދަބަށްވުރެ ބުރަ އަދަބެއް ފަނޑިޔާރަށް ކަނޑައެޅޭނެ އެވެ.