ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މަސްވެރިން ބާނާ ހުރިހާ މަހެއް ކިރޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފި އެވެ.
ޅ. ނައިފަރުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރަނީ ކަމަށް ބުނެ ނިމިދިޔަ ސަރުކާރުތަކުގައި ދައްކާފައި ހުރި ހުސް ވާހަަކަތަކެއް ކަމަށެވެ. ނަމަވެސް މިސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ އަންނަ އަހަރު ނިމުމުގެ ކުރިން ފެންނާނެ ކަމަށާއި އަދި އެ ދާއިރާ އިން ބޮޑު ބަދަލެއް ފެންނާނެ ކަމަށެވެ.
ނައިފަރު ކައިރީގައި އޮތް ފެލިވަރަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިން ބާނާ މަސް ކިރަން ހާއްސަ ކޮށްފައިވާ އެ ރަށުގެ ހާލަތު އޮތީ ވަރަށް ދެރަވަރުކޮށް ކަމަށެވެ.
"އެއީ ދެވަނަ އަށް އެންމެ ބޮޑު ސިނާއަތް [މަސްވެރިކަން އޮންނަން ޖެހޭނެ ހާލަތެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްވެރިން ބާނާ މަސް ކިރަން ހުރި ބަނދަރުތަކާއި ފެކްޓަރީ ތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އަންނަ އަހަރު ނިމުމުން މަސްވެރިން ބާނާ ހުރިހާ މަހެއް ކިރޭނެ ކަމަށާއި އަދި ރަނގަޅު އަގު ލިބޭނެ ކަމަށެވެ.
ނައިފަރާ ގުޅޭގޮތުން ރައީސް ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރެއްގައި ނައިފަރުގައި ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅައިދީ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަތޮޅު ވެރިކަން ކުރާ ރަށްތަކާއި ނައިފަރު ވަރަށް ބޮޑަށް ތަފާތުކޮށްފައިވާ ކަމަށް ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ނައިފަރުގެ ބިން ހިއްކުމަށް ފަހު އިތުރު 200 ހައުސިން ޔުނިޓް އެރަށުގައި އަޅައިދޭނެ ކަމަށެވެ. އަދި ނައިފަރުގެ ހުރިހާ މަގެއް ތާރު އަޅައިގެން ހަދައިދޭނެ ކަމަށާއި އާ ހޮސްޕިޓަލް އަޅާ ނިމުމުން ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތަކަށް ތެރަޕީ ދެވޭނެ ނިޒާމެއް އެތަނުގައި ގާއިމުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އެދިފައިވާ ގޮތަށް ނައިފަރާއި އަދި އެހެން ރަށްރަށުގައިވެސް ހުރި ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، ނައިފަރުގެ އިފްތިތާހް ސްކޫލުގައި މަލްޓި ޕާޕޯސް ހޯލެއް ހަދައިދޭނެ ކަމަށެވެ. އަދި ނައިފަރުގެ ބަނަދަރު އިތުރަށް ތަރައްގީކޮށްދީ ބޭރު ތޮށީގައި 500 މީޓަރުގެ ރިވެޓްމެންްޓް ޖެހުމަށް ފަހުގައި ކުދި އުޅަނދު ފަހަރު އެޅޭނެ ގޮތް ހަމަޖައްސާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް އެދިވަޑައިގަތީ ނައިފަރުން 50 އިންސައްތަ މަތިން ވޯޓު ހޯދައިދިނުމަށެވެ. އަދި އެ ވޯޓަކީ ބޭކަރު ވޯޓަކަށް ނުވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.