ޑރ. މުހައްމަދު މުއިއްޒު

ވޯޓެއް ހޯދަން ބޭކާރު ވާހަކައެއް ނުދައްކާނަން: މުއިއްޒު

ވޯޓެއް ހޯދުމުގެ ބޭނުމުގައި ދޮގު ހަދައި ބޭކާރު ވާހަކަ ނުދައްކަވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޅ. ނައިފަރުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ވޯޓު ހޯދުމަށް ދޮގު ހަދައި ބޭކާރު ވާހަކަ ދައްކާ މީހަކަށް އޭނާ ނުވާނެ ކަމަށާއި އޭނާގެ އަމާޒަކީ ތަރައްގީއަށް މަސައްކަތް ކުރުން ކަމަށެވެ.

"ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމަކީ އަޅުގަނޑުގެ އަމާޒު،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިގައުމަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސްދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ވެރިކަން ލިބިވަޑައިގެންފިނަމަ ގައުމު ހިންގަވާނީ ރައީސް ޔާމިނުގެ ލަފާފުޅާ އެކު މުޅި ރާއްޖެއަށް ތަރައްގީ އަންނަ ގޮތަށް ކަަމަށެވެ.

މުއިއްޒު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ މަސްވެރިކަމުގެ ސިނާއަތަށް މުޅިން އިހްމާލުވެފައިވާ ކަމަށެވެ. އޭނާގެ ވެރިކަމެއްގައި ވަކި ރަށްތަކެއްގައި އައިސް ޕްލާންޓް ގާއިމުކޮށްދީ، މިހާރު ހުރި ވަސީލަތްތައް އިތުރަށް ތަރައްގީކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނައިފަރުގައި ނުރަދަމާގެ މަސައްކަތް ފުރިހަމަ ނުކުރެވި ފަސް އަހަރު ވެގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އޭނާ ވެރިކަމަށް ވަޑައިގެންފިނަމަ ފެނާއި ނަރުދަމާގެ މައްސަލަ ހައްލު ނުވެ ހުރި ރަށްތަކުގައި އިސްކަމެއް ދީގެން އެ މައްސަލަތައް ހައްލުކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން ރައްޔިތުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ބޮޑު ކުރީ މިސަރުކާރުގައި ކަމަށެވެ. ރައީސް ޔާމިންގެ ދައުރުގައި އެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ކަނޑައެޅީ 3،000 ރުފިޔާ ކަމަށާއި މިސަރުކާރުން ވެރިކަމާ ހަވާލުވެ ފްލެޓްތަކުގެ ކުލި 5،000 ރުފިޔާއަށް ބޮޑުކުރި ކަމަށެވެ. ފްލެޓްތަކުގެ ކުލި ބޮޑު ކުރީ މިސަރުކާރުން ފައިދާތަކެއް ނެގުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

"ރައްޔިތުންގެ އަތުން 3500 ރުފިޔާ ނަގައިގެން ވެސް ސަރުކާރަށް ފުދޭނެ، ސަރުކާރަށް އެވަަރުން ވެސް ފައިދާ ވާނެ ކަމުގެ ޔަގީންކަން އެބައޮތް،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނައިފަރުން އެކަނިވެސް 900 މީހުން ގޯތި ބޭނުންވާ ކަމަށެވެ. ނަމަވެސް ގޯތި ދޫކުރެވެން އޮތް ބިންކޮޅުންވެސް ގޯތި ދޫކުރުން ހުއްޓުވައިގެން ސަރުކާރުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ނައިފަރުގައި މިހާރު އޮތް ހުސްބިމުގައި 400 ހައުސިން ޔުނިޓް އަޅައިދީ އިތުރަށް 45 ހެކްޓަރު ބިން ހިއްކުމަށްފަހުގައި އެތަނުގައިވެސް އިތުރު ހައުސިން ޔުނިޓްތައް އަޅައިދީ އެ ބިންވެސް ތަރައްގީކޮށްދެއްވާނެ ކަމަށެވެ. އަދި މިހާރު ފްލެޓްތަކަށް ދައްކާ ކުލި، ކުޑަ ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ފުޓުބޯޅަ އަކީ ރާއްޖޭގެ ގައުމީ ކުޅިވަރު ކަމަށްވާތީ ސަރުކާރުގެ އެހީގައި ކުރިން ފުޓުބޯޅަ އޮތް ފެންވަރަށް އަނބުރާ ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ އިންވެސްޓްމަންޓެއް ކުރައްވާނެ ކަމަށެވެ. އެގޮތުން ނައިފަރުގައި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީކޮށް، ތައުލީމީ ގޮތުން ރަށް އިތުރަށް ކުރިއެރުވުމަށް ޓަކައި، ނެޝަނަލް ޔުނިވާސިޓީގެ ކެމްޕަސްއެއް ގާއިމުކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އެކި ދާއިރާތަކުން މޮޅަށް ކިޔަވައިގެން ތިބި ކުދިންނަށާއި، ރިސާޗް ކުރުމަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް ހާއްސަ ރިސާޗް ސެންޓަރެއް ނައިފަރުގައި ގާއިމުކޮށްދީ އަދި އިސްލާމީ މަރުކަޒެއް އަޅުއްވައިދެއްވުމަށް ވައުދުވެވަޑައިގެންނެވި އެވެ. އަދި "އާޓިފިޝަލް އިންޓެލިޖެންސް" ދަރިވަރުންނަށް ކިޔަވައިދޭނެ ނިޒާމެއް ތައާރަފްކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.