އިމްރާން އަބްދުﷲ

އިމްރާން 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ދައުވަތުން ޓެރަރިޒަމްގެ ދައުވާ އުފުލި، އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދާދިދެންމެއަކު ހުކުމްކޮށްފި އެވެ. ޓެރަރިޒަމްގެ ކުށް އިމްރާންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

އިމްރާނު އަބްދުﷲ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި އެއްވަނަ ދުވަހު ބޭއްވި މޭޑޭ މުޒާހަރާއިންނެވެ. ދިގު ދެމިގެން ދިޔަ ޝަރީއަތުގައި އިމްރާނުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދެ ވަނަ މާއްދާގެ (ކ)ގެ ދަށުން އުފުލާފައިވާ ދައުވާއެކެވެ. ދައުވާގައި ބުނެފައިވަނީ، މޭޑޭގައި އިމްރާނު ދެއްކެވި ވާހަކައިގެ ސަބަބުން އަނިޔާވެރިކަމަށް ބާރު ލިބި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ދިޔަ ކަމަށެވެ.

ކޯޓުން މިރޭ އިއްވި ހުކުމުގައި މޭޑޭގައި، ހިނގި ހަމަނުޖެހުންތަކަކީ އިމްރާނު އަބްދުﷲ ދެއްކެވި ވާހަކަތަކުގެ ސަބަބުން ހިނގި ހަމަނުޖެހުންތަކެއް ކަމަށް ދައުލަތުން ހުށަހެޅި ހެކިތަކުން ސާބިތުވާ ކަމަށް ވަނީ ބުނެފަ އެވެ. މިރޭ އިއްވި ހުކުމުގައި ބުނެފައިވަނީ، މޭޑޭގައި ހިންގި ހަމަނުޖެހުންތަކާއި އެ ދުވަހު ފުލުހުންނަށް ލިބުނު އަނިޔާތަކަކީ އިމްރާން އަބްދުﷲ އެ ދުވަހު ދެއްކެވި ވާހަކައިގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދުނު ނަފުރަތެއްގެ ސަބަބުން ހިނގި ކަންކަން ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ.

ޝަރީއަތަށް ފާހަގަކުރެވުނު ކަންކަން

- މޭޑޭގައި ފުލުހުންނަށް އަނިޔާކުރީ އިމްރާން ދެއްކެވި ވާހަކައިގެ ސަބަބުންކަން
- މުޒާހަރާ ބާއްވަން ފުލުހުންނަށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ އިމްރާން އަބްދުﷲ ކަން
- މުޒާހަރާގައި ހިނގި ހަމަނުޖެހުންތައް ހުއްޓުވުމަށް އިމްރާން މަސައްކަތް ނުކުރައްވާކަން
- ގްރީން ޒޯނަކަށް ދިޔުމަށް ގޮވާލައްވާފައިވާކަން
- އިމްރާންގެ ވާހަކަތަކުގެ ސަބަބުން ޕިކަޕެއް ފުލުހުންގެ ސަފު ފަޅާލާފައިވާކަން
- އިމްރާން ދެއްކެވި ވާހަކަތަކުގެ ސަބަބުން މުދަލަށް ގެއްލުންދީފައިވާކަން

އިމްރާނުގެ މައްޗަށް މިރޭ ހުކުމް އިއްވާފައިވާއިރު މައްސަލަ ބެއްލެވީ މިހާރު ކްރިމިނަލް ކޯޓުން ހިންގުން ހަވާލުކޮށްފައިވާ، ގާޒީ އަބްދުލް ޔޫސުފް ބާރީ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލު ކުރުމަށް ޖޭއެސްސީއިން ނިންމާފައިވާއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ދެން އައްްޔަން ކުރައްވާނީ ގާޒީ ބާރީ ކަމަށް ބެލެވެ އެވެ. ގާޒީ ބާރީ ވަނީ ހައިކޯޓު ފަނޑިޔާރު ކަމަށް ވެސް ކުރިމަތިލައްވާފަ އެވެ. ގާޒީ ބާރީއަކީ ނާޒިމްގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ވެސް ހިމެނިވަޑައިގެން ގާޒީ އެކެވެ. މިރޭ ހުކުމް އިއްވެވުމަށްފަހު ގާޒީ ބާރީ ވިދާޅުވީ، ހުކުމާމެދު ހިންހަމަޖެހިވަޑައިނުގަންނަވާނަމަ އިސްތިއުނާފު ކުރެއްވުމަށެވެ.

އިމްރާންގެ މައްޗަށް މި ހުކުމް އައުމުން އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމު ގެއްލުނީ އެވެ. މިރޭ އިއްވި ހުކުމަށްފަހު އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ހުކުމާމެދު އިމްރާން ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާ ކަމަށާއި ޖަލު ހުކުމެއް އައި ނަމަވެސް އިމްރާންގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އިސްތިއުނާފުގެ މަރުހަލާ އަށް ފަހު ޖަލުން މިނިވަންވެ ވަޑައިގަންނަވާނެ އިމްރާން ގަބޫލްފުޅު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވި އިރު އެމްޑީޕީ އާއި އަދާލަތަށް ނިސްބަތްވާ ބަޔަކު ފެންޓަސީ ސަރަހައްދަށް އެއްވެ އޮތެވެ. ކޯޓް ހިމެނޭ ސަރަހައްދު އޮތީ ބަންދުކޮށްފައެވެ.