ކުރިން ވިސާ ނެގުމަކާ ނުލައި ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެ އެވެ.
ރާއްޖެއާއި ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭއާ ދެމެދު ވިސާއާ ނުލާ ދަތުރުކުރެވޭ ގޮތް ހެދުމަށް އެއްބަސްވުމުގައި ސޮއިކުރީ މިއަދު ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީ ގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާގައި ހުންނަވާ ދިވެހި ސަފީރު އައިޝަތު އަޒީމާ އެވެ. ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާގައި ހުންނަވާ އެ ގައުމުގެ ސަފީރު އިޒަބެލް މައިސާ ދަ ގްރާސާ ދޮމިންގޮސް އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށްވެސް މިއަދުން ފެށިގެން ވިސާއާ ނުލައި އެއް ގައުމުން އަނެއް ގައުމަށް 90 ދުވަހަށް ދަތުރުކުރެވޭނެ ކަމަށެވެ.
ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭއާ ވަޒީފާ އަދާކުރުމަށާއި ކިޔެވުމަށާއި ދިގު މުއްދަތަކަށް ތިބުމަށް ދާނަމަ ވިސާ ބޭނުންވާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
ވިސާއާ ނުލާ 100 އެއްހާ ގައުމަށް ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމު މިހާރު މިވަނީ ހަމަޖެހިފަ އެވެ.