ކުރިން ވިސާ ނެގުމަކާ ނުލައި ހޮންޑޫރަސް އަދި ޓޯގޯއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެ އެވެ.
މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އެވެ. ހޮންޑޫރަސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު އެޑުއާޑޯ އެންރީކޭ ރެއިނާ ގާސިއާ އެވެ. އަދި ޓޯގޯ ސަރުކާރުގެ ފަރާތުން އެ ގައުމުގެ ހާރިޖީ ވަޒީރު ޕްރޮފެސާ ރޮބަޓް ޑުސޭ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުންތަކުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށްވެސް މިއަދުން ފެށިގެން ވިސާއާ ނުލައި އެއް ގައުމުން އަނެއް ގައުމަށް 30 ދުވަހަށް ދަތުރުކުރެވޭނެ ކަމަށެވެ.
ހޮންޑޫރަސް އަދި ޓޯގޯ އަށް ވަޒީފާ އަދާކުރުމަށާއި ކިޔެވުމަށާއި ދިގު މުއްދަތަކަށް ތިބުމަށް ދާނަމަ ވިސާ ބޭނުންވާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
ފޮރިން މިނިސްޓްރީން ގެންދަނީ ވިސާއާ ނުލައި ދަތުރުކުރެވޭ ގައުމުތަކުގެ އަދަދު އިތުރުކުރުމަށްޓަކައި ގައުމުތަކާ ވާހަކަދައްކައިގެން ކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރަމުންނެވެ.