ފައްޔާޒް އިސްމާއީލް

އިންތިހާބު ކާމިޔާބު ކުރާނީ 56 ޕަސަންޓުން: ފައްޔާޒު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާަސީ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނީ މަދުވެގެން 56 ޕަސަންޓް ވޯޓާ އެކު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެތައް ސަތޭކަ ބަޔަކާ އެކު މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައީސް ސޯލިހް މިއިންތިހާބު ނަގާނީ 56 ޕަސަންޓަށް ވުރެ މަދު ނޫން ވޯޓުން ކަމަށެވެ.

އޭގެފަހުން ފައްޔާޒު ހާއްސަ މެސެޖެއް ދެއްވީ އެމްޑީޕީން ވަކިވެގެން ގޮސް ދަ ޑިމޮކްރެޓްސް އުފެއްދެވި ބޭފުޅުންނަށާއި އެ ޕާޓީގެ އާންމު މެންބަރުންނަށެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް މި އިންތިހާބުގައި ލިބިވަޑައިގަންނަވާނީ ހަތަރުވަނަ އެވެ. އެހެންވެ އޭނާ އެދިވަޑައިގަތީ މިސަރުކާރުން ގައުމަށް ގެނައި އަމާންކަން އެގޮތުގައި ދެމެހެއްޓުމަށާއި ކުރީގެ އަނިޔާވެރިކަމަށް އަނބުރާ ނުދިއުމަށްޓަކައި ދަ ޑިމޮކްރެޓްސްގެ މެންބަރުން ރައީސް ސޯލިހަށް ވޯޓު ދެއްވުމަށެވެ. އެބޭފުޅުންގެ ވޯޓާ އެކު ރައީސް ސޯލިހަށް ލިބޭ ވޯޓުގެ ނަތީޖާ 60 ޕަސަންޓަށް ގެންދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިތަނުގައި މިތިބީ ވޯޓުލާ މީހުންގެ ފަސް ޕަސަންޓް. މިއިންތިހާބު ރައީސް ކާމިޔާބު ކުރައްވާނެ،" ޖަލްސާގައި ތިބި ގިނަ ބަޔަކަށް އިޝާރާތް ކުރައްވާ ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބު މިހާރުވެސް އޮތީ ނިމިފައި ކަމަށާއި ނާތީޖާ އެހާވެސް ސާފު ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ފިކުރުގައި ތިބި އެހެން ނަމަވެސް ހިޔާލުތަފާތުވެގެން މިވަގުތު އެމްޑީޕީއާ ދުރުވެ ތިއްބެވި ބޭފުޅުން ވޯޓު ބޭކާރު ނުކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އިޝާރާތް ކުރައްވާ ފައްޔާޒު ވިދާޅުވީ އެއީ ކުށްތަކާއި ޖަރީމާތަކާ ގުޅިފައިވާ ކެންޑިޑޭޓް ކަމަށެވެ.