މާލެ އާއި އެންމެ ކައިރީގައި އޮންނަ ފުނަދޫގައި ހުރި ތެޔޮ ޓޭންކްތައް އެތަނުން ނަގައި ކުޑަކުޑަ އެ ރަށުގައި ކޮންވެންޝަން ސެންޓަރެއް އެޅުމަށް ނިންމާ ސަރުކާރުން އެކަން އިއުލާންކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން އެކަން އިއުލާންކުރެއްވީ އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
ރައީސް މިރޭ މިކަން އިއުލާން ކުރީ މާލެ ސަރަހައްދު ތަރައްގީކުރުމަށް ރިޔާސީ ދެވަނަ ދައުރެއްގައި އެމަނިކުފާނު ގެންގުޅޭ ޕްލޭން ހާމަކުރެއްވުމުގެ ތެރެއިންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ފުނަދޫގައި ހުރި ތެޔޮ ޓޭންކްތައް އެތަނުން ނެގުމަށްފަހު އެރަށުގައި ހަދާނީ ކޮންވެންޝަން ސެންޓަރަކާއި ޝޮޕިން މޯލްތަކެއްގެ އިތުރުން ސިޓީ ހޮޓަލެކެވެ. ސިޓީ ހޮޓާ ތަރައްގީކުރަން ނިންމާފައިވަނީ މުނިފޫހި ފިލުވުމަށް ހާއްސަ ވަސީލަތްތަކެއް ހިމެނޭ ގޮތަށެވެ.
ފުނަދޫ ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ވެސް އަވަށްޓެރި ގައުމަކުން ހަމަޖެހިފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.
އެސްޓީއޯ އިން ފުނަދޫގައި ތެޔޮ ރައްކާކުރުމަށް ބޭނުންކުރި ތެޔޮ ޓޭންކަރުތައް އެތަނުން ނަގައި ދެން އަމަލުކުރަން ނިންމަވާފައިވާ ގޮތެއް ވެސް ރައީސް ހިއްސާކުރައްވާފައެއް ނުވެ އެވެ.
ފުނަދޫ ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވަނީ މާލެއާއި ގުޅާލެވޭ ގޮތަށެވެ.
ފުނަދޫ އަކީ ވެރިރަށް މާލެއާއި އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ވެސް ވަރަށް ގާތުގައި އޮތް ރަށަކަށް ވެފައި އެރަށުގައި ތެޔޮ ރައްކާކުރާތީ ހިނގާފާނެ އަލިފާނުގެ ހާދިސާއެއްގައި ދިމާވެދާނެ ކަމަކާ ގުޅިގެން ފުނަދޫގައި ތެޔޮ ރައްކާކުރުން ރައްކާތެރި ނޫން ކަމަށް ކަމާ ގުޅޭ ބައެއް އިދާރާތަކުން މީގެކުރިން ރައީސުންނަށް ލަފާ ދީފައިވެ އެވެ.