ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެންމެ ބޮޑު ކާމިޔާބަކީ ތައުލީމީ ނިޒާމަށް ގެނެވުނު ބަދަލު: ރައީސް

މިވެރިކަމުގައި ހާސިލްކުރެވުނު އެންމެ ބޮޑު ކާމިޔާބަކީ ތައުލީމީ ނިޒާމަށް ގެނެވުނު ބަދަލު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިސަރުކާރުގެ އެންމެ ބޮޑު ކާމިޔާބަކީ ތައުލީމީ ނިޒާމަށް ހެޔޮ ބަދަލެއް ގެނެސް ގިނަ ބަޔަކަށް ތައުލީމު ފުރުސަތު ހޯދައިދެވުން ކަމަށެވެ. މީގެތެރެއިން މަތީ ތައުލީމު ހާސިލްކުރުމަށް ދެވުނު ފުރުސަތުތަކާ މެދު ނުހަނު އުފާވާ ކަމަށްވެސް ވިދާޅުވި އެވެ.

"ހިލޭ ޑިގްރީ އާއި ސްކޮލާޝިޕް ދިނުމަށް ސަރުކާރުން މިފެށި މަޝްރޫއު، މިއީ މުޅި ރާއްޖެއަށް ވަރަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެއް، ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތައުލީމީ ޖީލެއް ބިނާކޮށްދެވުމާ ގުޅިގެން ދެން ދައުލަތުގެ ހުންގާނުގައި ހިފަހައްޓައިގެން ގައުމު ކުރިއަށް ގެންދަން ޒުވާން ޖީލެއް އޮންނާނެ ކަމަށެވެ. ޒުވާނުންނަށް ލިބުނު އިލްމާ އެކު ރަނގަޅު ތަޖުރިބާއެއް ލިބުމުން ޒުވާނުންގެ ފަރާތުން ގައުމަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

"އެކަމުގެ އުފާވެރި އިހުސާސްތައް މިއަދުވެސް އަޅުގަނޑަށް އެބަކުރެވޭ،" ރައީސް ވިދާޅުވި އެވެ.

މިސަރުކާރުން ތައާރަފްކުރި ފްރީ ޑިގްރީ ޕްރޮގްރާމުގެ ބޭނުން 18،000 އަށް ވުރެ ގިނަ ދަރިވަރުން ބޭނުން ހިފާފައިވާ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކޮށްފަ އެވެ. ކުރިއަށް އޮތް ދައުރުގައި ސްކިލް ބޭސްޑް ސްކޯލާޝިޕް ތައާރަފްކުރުމަށާއި ހުނަރު ތަރައްގީކުރެވޭނެ ހަބްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ސްކޫލް ދަރިވަރުންނަށް ހާއްސަ ބަސް ދަތުރުގެ ހިދުމަތް ފެށުމަށާއި، މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި ހުޅުމާލޭގައި އިތުރު ސްކޫލުތައް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.