ދުނިޔެ

އދ. ގެ ކުރީގެ ސެކްރެޓްރީ ޖެނަރަލް އަވަހާރަވެއްޖެ

އދ.ގެ ކުރީގެ ސެކްރެޓްރީ ޖެނަރަލް ބްތުރަސް ގާލީ އަވަހާރަވެއްޖެ އެވެ. މިއަދުގެ ވަގުތެއްގައި ބްތުރަސް ގާލީ އަވަހާރަވީ އުމުރުފުޅުން 93 އަހަރުގަ އެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، ގާލީ އަވަހާރަވީ ފައިގެ ކަށިގަނޑަކަށް ލިބުނު ގެއްލުމަކަށް މިސްރުގެ ވެރިރަށް ގާހިރާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

އދ. ގެ ސެކްރެޓްރީ ޖެނަރަލްގެ މަގާމާ އޭނާ ހަވާލުވެލެއްވީ، 1992 ވަނަ އަހަރު އެވެ. އޭނާ ވަނީ އެ މަގާމު ފަސް އަހަރު ދުވަހު އަދާކުރައްވާފަ އެވެ. އެ ދުވަސްވަރަކީ ގަލްފް ހަނގުރާމަ ކުރެވުނު ދުވަސްވަރެވެ.

ގާލީ އަވަހާރަވުމާ ގުޅޭ އިތުރު ތަފްސީލެއް މިސްރުގެ ސަރުކާރާއި އދ. އިން ވެސް ހާމަކޮށްފައިނުވާއިރު ހޮސްޕިޓަލްގައި އެޑްމިޓްކުރުމާއެކު މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވަނީ ފޯނުން ގުޅުއްވާ ހާލު ބައްލަވާފަ އެވެ. ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އޭނާ އުފަންވެފައިވަނީ 14 ނޮވެމްބަރު 1922 ގަ އެވެ. ނިސްބަތްވަނީ މިސްރުގެ ގާހިރާގެ ނަސޯރާ ދީނުގެ އާއިލާއަކަށެވެ. ތައުލީމު ހާސިލުކުރައްވާފައިވަނީ ގާހިރާއިންނާއި ފްރާންސްގެ ވެރިރަށް ޕެރިހުންނެވެ. އޭގެ އިތުރުން އެމެރިކާއިން އިންޓަނޭޝަނަލް ރިލޭޝަން ވެސް ގާލީ ވަނީ ކިޔަވާ ވިދާޅުވެފައިވެ އެވެ.

އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ، މިސްރުގެ ފޮރިން މިނިސްޓަރު ކަމެވެ. އެއީ 1977 ވަނަ އަހަރު އެވެ. އދ. އިން ވަކިވުމަށްފަހު އޭނާ ވަނީ ފްރެންޗް ސްޕީކިން ނޭޝަން ގުރޫޕްގެ ސެކްރެޓްރީ ޖެނަރަލްގެ މަގާމު ފުރުއްވާފަ އެވެ. އެ މަގާމު އަދާކުރެއްވީ 1998 ވަނަ އަހަރުން 2002 ވަނަ އަހަރެވެ.

އެއަށްފަހު 2004 ވަނަ އަހަރު މިސްރުގެ ނިއު ހިއުމަން ރައިޓްސް ކައުންސިލްގެ ރައީސްކަން ކުރައްވާފައިވެ އެވެ. އެއީ މިސްރުގެ ލީޑަރު ހުސްނީ މުބާރަކް އުފެއްދެވި ބޮޑީއެކެވެ. އެ ބޮޑީ އުފެއްދެވީ އެމެރިކާއިން އަރަބި ގައުމުތަކަށް ޑިމޮކްރަޓިކް ރީފޯމެއް ގެނައުމަށް ބާރުއެޅުމުންނެވެ.