އަމާޒަކީ 2026 ވަނަ އަހަރު އަންނަން ވާއިރަށް 400 މިލިއަން ޑޮލަރަށް ސޮވެރިން ފަންޑު ބޮޑުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީން އިންތިމާޒުކޮށްފައިވާ ރިޔާސީ ބަހުސްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް މިރޭ ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ 2026 ވަނަ އަހަރު އަންނަ އިރު 350 އާއި 400 މިލިއަން ޑޮލަރާ ދޭތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު ބޮޑުކުރާނެ ކަމަށެވެ.
މިހާރުވެސް އެ ފަންޑުގައި ހަ ބިލިއަން ރުފިޔާ އެބަ ހުރި ކަމަށާއި ދެން ކުރައްވަން އޮތް ކަމަކީ އެ ފަންޑު ބޮޑުކުރުން ކަމަށް ވިދާޅުވި އެވެ. ދައުލަތަށް ލިބޭ އާމްދަނީ މިދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ކަމަށްވާތީ އެކަން ކުރެވޭނެ ކަމަށް ރައީސް އުއްމީދުކުރައްވަ އެވެ.
"އަޅުގަނޑު ވެރިކަމަށް އައި އިރުގައި ދައުލަތަށް ލިބެނީ 22 ބިލިއަން ރުފިޔާ. މިއަހަރު 34 ބިލިއަން ރުފިޔާ ލިބޭނެ. 2026 ވަނަ އަހަރު އަންނަ އިރުގައި 46 ބިލިއަން ރުފިޔާ ދައުލަތަށް ވަންނާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ 2026 ވަނަ އަހަރު "ޑައިރެކްޓް ލޯނު"ގެ ގޮތުގައި ދައްކަން އޮތީ 800 މިލިއަން ޑޮލަރު ކަމަށެވެ. މީގެތެރޭގައި އޭޑީއެފްޑީގެ 100 މިލިއަން ޑޮލަރު ހިމެނޭ ކަމަށާއި އެ ފަސް ކުރަން ވާހަކަ ދެކެވި އެކަމަށް މިހާރު ޖާގަ ލިބިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިތުރަށް ދެން ދައްކަން އޮތީ ކޮވިޑުގެ ތެރޭގައި ނެގި 500 މިލިއަން ޑޮލަރުގެ ސްކޫކް ކަމަށާއި މި 500 މިލިއަނުގެ ތެރެއިން 250 މިލިއަން ޑޮލަރު ދައްކާފައިވަނީ ކުރީގެ ސަރުކާރުން ނަގާފައި ހުރި ސަނީ ސައިޑް ބޮންޑަށް ކަމަށެވެ.
"ދެން ބާކީ ހުރި ފައިސާ ހޭދަ ކުރެއްވީ ދައުލަތުގެ އެކި ކަންކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވަމުންދާ ވައުދުތަކާއި އެކީގައި ވަކި ތާރީހް ތަކަކަށް ދައްކަންޖެހޭ ލޯނުތައް ދެއްކުމަށްވެސް އެއްވެސް ވަރަކަށް ދައްޗެއް ނުވާނެ ކަމަށެވެ.
ވެރިކަމުގެ ދެވަނަ ދައުރެއްގައި އާ ޓެކްސްއެއް ތައާރަފްކުރާނަންތޯ ދެންނެވުމުން ރައީސް ވިދާޅުވީ އެފަދަ ވިސްނުމެއް އަދި ނެތް ކަމަށެވެ. އެކަމަކު ޓެކްސް ނިޒާމު އިތުރަށް ފުރިހަމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.