ހެނދުނު ފުރައްސާރަ ކޮށްފައި ހަވީރު ފިރުމާ ގޮތަށް ހާރިޖީ ސިޔާސަތު އޮވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީން އިންތިމާޒުކުރި ރިޔާސީ ބަހުސްގައި ވާހަކަދައްކަވަމުން ރައީސް ރޭ ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތު، އިންޑިއާ ފަސްޓް ވަން ޗައިނާ ޕޮލިސީއަކީ އެއީ ހެނދުނު ފުރައްސާރަ ކޮށް ހަވީރު ފިރުމާ ގޮތަށް އޮތް ސިޔާސަތެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ބައްޓަން ވެފައި އޮތީ ޑިމޮކުރެސީ ކުރިއެރުވުމަށާއި ހިއުމަން ރައިޓްސް ކުރިއެރުވުމުގެ އިތުރަށް ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ކަމަށެވެ. އަދި މި ސިޔާސަތާއި އެއްގޮތަށް މަސައްކަތް ކުރަމުންދާ ކޮންމެ ގައުމަކާއި އެކީގައި އެމަނިކުފާނު މަސައްކަތް ކުރައްވަމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ވޭތުވެގެންދިޔަ ފަސް އަހަރުގައި 180 އަށްވުރެ ގިނަ ގައުމުތަކާއި އެކީގައި ޑިޕްލޮމެޓިކް ގުޅުން މިހާރު ގާއިމް ކުރެވިއްޖެ ކަމަށާއި 80 އަށް ވުރެ ގިނަ ގައުމަށް ވިސާ އާއި ނުލާ ދަތުރުކުރެވޭކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"އަރަބި ގައުމުތަކާއި އެކީގައި ގުޅުން ކަނޑާލާފައި އޮތް އޮތުން ބަދަލު ކުރެވިއްޖެ. ކޮމަންވެލްތަށް އަލުން ރުޖޫއަވެއްޖެ. ޔޫރަޕިއަން ޔުނިއަނާއި އެކީގައި ވަރަށް ގާތް ގުޅުމެއް އުފެދިއްޖެ. އިނގިރޭސި ވިލާތާއި އެކީގައި މިހާރުވެސް މި ދަނީ ފްރީ ޓްރޭޑް އެގްރީމަންޓަކާއި އެއްބަސްވަމުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ އިސް އުފުލޭ ސިޔާސަތެއްގެ ގޮތުގައި އޮންނާނެ ކަމަށެވެ.
އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާނީ ދިވެހި ރާއްޖެއަށާއި ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ގޮތަށްކަމަށްވެސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް މަސައްކަތްކުރައްވަމުން ދާނީ އެގޮތަށް ކަމަށްވެސް ފާހަގަކުރެއްވި އެވެ.