ފިނިޕޭޖް

ޓޭލާ ސްވިފްޓްގެ ފިލްމުވެސް ރިކޯޑް މުގުރާލައިފި

ގްރެމީ އެވޯޑް ލިބިފައިވާ ޕޮޕް ލަވަކިއުންތެރިޔާ ޓޭލާ ސްވިފްޓްގެ ފިލްމު، ޓިކެޓް ސޭލްތަކުގެ ރިކޯޑް މުގުރާލައިފި އެވެ.

ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރާ "ޓޭލާ ސްވިފްޓް ދަ އެރާސް ޓުއާ ކޮންސަޓް" ފިލްމުގެ އެޑްވާންސް ޓިކެޓްތައް ވިކުނު އަދަދުތަކުން، އޭއެމްސީގެ އެއް ދުވަހު ވިކުނު ރިކޯޑާއި ފެންޑެންގޯގެ މިއަހަރުގެ ފުރަތަމަ ދުވަހުގެ ސޭލް ރިކޯޑް މުގުރާލި އެވެ.

މި ފިލްމުގެ ޑިސްޓްރިބިއުޓަރު އޭއެމްސީއިން ނެރުނު ބަޔާނެއްގައި ބުނީ "ޓޭލާ ސްވިފްޓް ދަ އެރާސް ޓުއާ ކޮންސަޓް" ފިލްމުގެ އެޑްވާންސް ޓިކެޓް ސޭލުން ފުރަތަމަ ދުވަހު 26 މިލިއަން ޑޮލަރު ލިބުނު ކަމަށެވެ. މިއީ މީގެ ކުރީގެ ފުރަތަމަ ދުވަހު ޓިކެޓް ސޭލްގެ ރިކޯޑް އޮތް "ސްޕައިޑަމޭން: ނޯ ވޭ ހޯމް" ގެ 16.9 މިލިއަން ޑޮލަރަށް ވުރެ މާބޮޑު އަދަދެކެވެ. "ޓޭލާ ސްވިފްޓް ދަ އެރާސް ޓުއާ ކޮންސަޓް" ފިލްމަށް އޮތް ބޮޑު ޑިމާންޑާ ގުޅިގެން އޭމްއެމްސީ އިން ބުނީ ފިލްމު ދައްކާ އަދަދު ވީވަރަކުން ގިނަ ކުރަމުން ދާނެ ކަމަށެވެ.

ފެންޑެންގޯގެ އެންމެ ގިނަ ޓިކެޓް ވިކުނު ފިލްމުތައް ކަމުގައިވާ "އެވެންޖާސް: އެންޑްގޭމް"، "ސްޓާ ވޯޒް: ދަ ފޯސް އަވޭކަންސް" އަދި "ސްޕައިޑަމޭން: ނޯ ވޭ ހޯމް" އާ އެއްހަމައެއްގައި "ޓޭލާ ސްވިފްޓް ދަ އެރާސް ޓުއާ ކޮންސަޓް" ފިލްމު ވެސް ގުނާލެވޭ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މީގެ އިތުރުން އެންމެ ދުވަހަކު އެއް ލަވަކިޔުންތެރިއެއްގެ 2.4 މިލިއަނަށްވުރެ ގިނަ ޓިކެޓް ވިއްކާލުމުގެ ޓިކެޓް މާސްޓާ ރިކޯޑްވެސް ޓޭލާއަށް ވަނީ ލިބިފަ އެވެ. އަދި އެއް އާޓިސްޓެއްގެ ހަތަރު އަލްބަމް އެއްފަހަރާ ބިލްބޯޑްގެ ޓޮޕް 10 އަށް އެރި ފުރަތަމަ އަންހެން ލަވަކިޔުންތެރިޔާގެ ރިކޯޑްވެސް ޓޭލާ މުގުރާލާފައިވެ އެވެ.

ޓޭލާ މިހާރުވެސް އުޅެނީ އޭނާގެ އީރާސް ޓުއާ ގައެވެ. މިއަހަރުގެ މާޗް 17 ވަނަ ދުވަހު ފެށި ޓުއާ ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮގަސްޓް 17 ވަނަ ދުވަހު އެވެ.