ނޫސްވެރިންގެ ސުވާލުތަކާމެދު ރުޅިއައިސްގެން ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޕްރެސް ކޮންފަރެންސް ދޫކޮށް ހިނގައްޖެ އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ އިޓަލީގެ ރޯމާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރޮނާލްޑޯ ވެސް ވަނީ ނޫސްވެރިންނަށް ސުވާލުކޮށްފަ އެވެ.
ފަހަކަށް އައިސް ރެއާލް މެޑްރިޑުގެ ސްޓޭޑިއަމު ނޫން ދަނޑުތަކުގައި ކުޅޭ މެޗުތަކުގައި އޭނާ އަށް ގޯލު ނުޖެހޭ ވާހަކަ އެހުމުން ރޮނާލްޑޯ ވަނީ ރައްދުގައި ނޫސްވެރިޔާއާ ސުވާލުކޮށްފަ އެވެ.
"ކަލޭމެން ދައްކަބަލަ އަހަރެން ސްޕޭނުގައި ކުޅެން ފެށީއްސުރެ އަހަންނަށްވުރެ ގިނައިން އަވޭ މެޗުތަކުގައި ގޯލު ޖެހި މީހެއް،" ރޮނާލްޑޯ ސުވާލުކުރި އެވެ.
އޭނާގެ މިވާހަކަ އަށް އެއްވެސް ނޫސްވެރިއަކު އަނގައިން ނުބުނެ މަޑުންތިބުމުން "ކަލޭމެންނަށް އެމީހަކު ނުދެއްކުނު،" ކަމަށް ބުނެ ރޮނާލްޑޯ ވަނީ ރުޅިއިސްކޮށް، ކައިރީގައިއިން ކޯޗު ޒައިނުއްދީން ޒިދާނަށް ބަލާލާފައި ޕްރެސް ހޯލުން ނުކުމެފަ އެވެ. އެއިރު އޭނާ ދެއްކި ވާހަކަތައް ޔޫއޭފާގެ ތަރުޖަމާނަށް އިޓަލީގެ ބަހަށް ތަރުޖަމާވެސް ނުކުރެވެ އެވެ.
ބާސެލޯނާގެ ފޯވަޑް ލައިނުގެ ގުޅުން
މި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯ ފުރަތަމަ ރުޅިއައީ ބާސެލޯނާގެ ފޯވަޑް ލައިނާއި ރެއާލްގެ ފޯވަޑް ލައިން އަޅާކިއުމުންނެވެ. ނޫސްވެރިން އެހީ ބާސެލޯނާގެ ކާމިޔާބީއަކީ އެ ޓީމުގެ ތިން ފޯވަޑުން ކަމަށްވާ ލަޔޮނަލް މެސީ އާއި ނޭމާ އާއި ލުއިސް ސުއަރޭޒްގެ އެކުވެރިކަންތޯ އެވެ؟ އަދި އެފަދަ އެކުވެރިކަމެއް ރެއާލް މެޑްރިޑުގެ ފޯވަޑުންގެ މެދުގައި އޮތްތޯ އެވެ.
ޖަވާބުގައި ރޮނާލްޑޯ ބުނީ ބާސެލޯނާގެ ފޯވަޑް ލައިނުގެ ކަންކަން އޭނާ އަށް ނޭނގޭ ކަމަށާއި ކޮންމެ ދުވަހަކު އެކުގައި ކައިބޮއި ހަދައި އެކަކު އަނެކަކުގެ ގެއަށް އައިސް އުޅުމަކީ މާނައެއް ހުރި ކަމެއް ކަމަށް އޭނާ ނުދެކޭ ކަމަށެވެ.
"އަހަރެން ބުނަން ބޭނުންވަނީ އެއީ މުހިންމު ކަމެއްކަން ކަމެއް އަހަރެން ނުދެކެމޭ. ބެންޒެމާ އަހަރެންގެ އެޕާޓްމަންޓަކަށް ނާދޭ ކޮންމެ ދުވަހަކު. އެއީ ކުރަންޖެހޭ ކަމެއް ކަމަށް އަހަރެން ނުދެކެން. އަހަރެން މެންޗެސްޓާގައި ކުޅުނުއިރު ގިގްސް އާއި ސްކޯލްސް އާއި ފާޑިނަންޑްއާ ގާތްގުޅުމެއް ނުބާއްވަން. ގުޑްމޯނިން ކިޔާލުން އެކަނި އޮންނަނީ. ދަނޑުމަތީގައި އަހަރުމެން ވާހަކަ ދައްކަނީ. ދަނޑުބޭރުގައި ގުޅުމެއްނޯވޭ. އެކަމަކު އަހަރުމެން ޗެމްޕިއަންސް ލީގު ނެގިން،" ރޮނާލްޑޯ ބުންޏެވެ.