ފިނިޕޭޖް

ކްރިސްޓީން ޗެނޮވެތް ކައިވެނިކޮށްފި

ޓޯނީ އެވޯޑް ލިބިފައިވާ އެކްޓްރެސް ކްރިސްޓީން ޗެނޮވެތް ކައިވެނިކޮށްފި އެވެ.

ކްރިސްޓީން، 55، އޭނާގެ ލޯބިވެރިޔާ އަދި މިއުޒިޝަން ޖޯޝް ބްރާޔަންޓް، 41، އާ ކައިވެނި ކުރީ ހޮނިހިރު ދުވަހު ޓެކްސަސްގެ ޑެލާސް ގައެވެ.

ދެ ދުވަހަށް ކުރިއަށް ދިޔަ މި ކައިވެނީގެ ހަފްލާތަކުގައި 140 މެހެމާނުން ބައިވެރިވި އެވެ. މީގެތެރޭގައި ގިނަ ބްރޯޑްވޭގެ ސެލެބްރިޓީން ހިމެނެ އެވެ.

ކައިވެނި ކުރުމަށް ކްރިސްޓީން ލާފައިވަނީ ޕަމެލާ ރޯލެންޑްގެ ވެޑިން ގައުން އެކެވެ. އެ ގައުންގައި ކުދި މުތާއި މާތަކެއް ހުރިއިރު، ހުދު ހެދުން މަތީގައި މަޑު ފިޔާތޮށިކުލައިގެ ތުނި ލޭޔާއެއް އަޅާފައިވެ އެވެ. މިއީ އާންމުކޮށް މީހުންލާ ވެޑިން ޑްރެސްތަކާ ތަފާތު ހެދުމެކެވެ.

ކްރިސްޓީން ބުނީ އޭނާ މީގެ ކުރިން ކައިވެނިކުރަން ބޭނުން ނުވި ކަމަށާއި އެހެންވެ އެއްފަހަރު އެންގޭޖްވެފައިވެސް ކުރިއަށް ނުދެވުނު ކަމަށެވެ. އެހެން ނަމަވެސް ޖޯޝްއާ ދިމާވުމުން އޭނާ ދޫކޮށްލަންވީ ކީއްވެގެންތޯ ހިތަށް އެރި ކަމަށާއި ޖޯޝް އަކީ އޭނާއަށް ލިބުނު ނަސީބެއް ކަމަށްވެސް

މި ދެމަފިރިން އަލަށް ދިމާވީ 2016 ވަނަ އަހަރު ދިޔަ ކައިވެނީގެ ހަފްލާއަކުންނެވެ. އެ ހަފްލާގައި ޕާފޯމްކުރީ ޖޯޝްގެ ބޭންޑް، ބެކްރޯޑް އެންތަމް އެވެ. އޭގެ ދެ އަހަރު ފަހުން ކްރިސްޓީންއަށް ބޮޑުދައިތަ ކިޔާ ފިރިހެނެއް ކައިވެނިކުރިއިރު، އަނެއްކާވެސް ޕާފޯމް ކުރީ ޖޯޝްގެ ބޭންޑެވެ.

ކްރިސްޓީން ބުނީ އޭރު ދެމީހުންނަކީ ރަހްމަތްތެރިން ކަމަށާއި އޭގެ ފަހުން ޖޯޝްގެ ހިތްވަރާއެކު ދެމީހުން ގުޅުނީ ކަމަށެވެ.

ކްރިސްޓީން އާއި ޖޯޝްއާ ދެމެދު 14 އަހަރުގެ ތަފާތެއް ހުރުމުން ޖެހިލުންވީ ނަމަވެސް، ކްރިސްޓީން އަކީ ކޮންމެ އުމުރެއްގައިވެސް ރީތި އަންހެނެއްކަން ޖޯޝްގެ ސަބަބުން އިހްސާސްކުރާ ކަމަށް ކްރިސްޓީން ބުންޏެވެ. އަދި ކޯވިޑް-19 ގައި ކްރިސްޓީންގެ ގާތް ރަހްމަތްތެރިއެއް މަރުވުން، ޖޯޝްއާ ބޮޑަށް ގާތްވެވުނު ކަމަށް ބުންޏެވެ.

ޖޯޝް ބުނީ ދެ މީހުންގެ ލޯތްބަކީ ދެކެމުންދިޔަ ހުވަފެނެއްގެ އަސްލެއް ކަމަށެވެ. މި ދެ ލޯބިވެރިން އެންގޭޖްވީ އޮކްޓޯބަރު 27، 2021 ގައެވެ.