( 31 އޯގަސްޓް 2023 އާ ގުޅޭ )
އަނެއްކާ ވެސް ޔަގީންކޮށްލުމުގެ ގޮތުން އަތުގައި އޮތް ފޯނުން ގަޑި ބަލާލީމެވެ. ދިހަގަޑި ބައިވެ އެއް މިނެޓު ހިނގައިފިއެވެ. މަގުމައްޗަށް ބޯ ނެރިގެން ހުރެ ދެ ކޮޅު ހޯދާލީމެވެ. ފައިސަލްގެ ކާރު ދުރުން ވިޔަސް ފެނޭތޯއެވެ.
"ކަމެއް ދިމާވީ ކަންނޭނގެ." އިތޫއަށް އަހަރެންގެ ހަރަކާތްތައް ފާހަގަވެގެން ބުންޏެވެ.
"އެހެންޏާ ބައިގަ ހުންނާނީ މިގޭ ދޮށުގައި." އަހަރެން ބުނެލީމެވެ.
ފަނަރަ މިނެޓު ފާއިތުވެގެން ދިއުމުން ފައިސަލްއަށް އަހަރެން ގުޅީމެވެ. އޭނާ ފޯނެއް ނުނެގިއެވެ. ކައިރީގައި ހުރި އިތޫއަށް ވެސް އެކަން އެނގުނެވެ. ޒަފަރުއަށް ގުޅާފައި ގެންނަންތޯ އޭނާ އަހާލިއެވެ. އަހަރެން ނިންމީ އަދިވެސް އިރުކޮޅަކު މަޑުކޮށްލާށެވެ. އެގާރަ ޖަހާއިރު ފައިސަލް ނައީ ވިއްޔާ ޒަފަރާއެކީ ގެސްޓްހައުސްއަށް ދާނީއޭ އަހަރެން ބުނެލީމެވެ. އަހަރެންގެ ބަހަށް އިތޫ ބޯޖަހާލީއެވެ.
"އެޔޮއް އައީ." ކުއްލިއަކަށް އަހަރެންގެ ކޮނޑުގައި އިތޫ ހިފާލިއެވެ. އަހަރެން ވެސް އަވަހަށް ބަލާލީމެވެ. ފައިސަލްގެ ކާރު މަގަށް ވަނީއެވެ. ލިބިފައިވި ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ކުޑަވިއެވެ. ކާރު އައިސް މަޑުކޮށްލީ އާންމުކޮށް މަޑުކުރާ ހިސާބު އިތޫމެންގެ ދޮރޯށްޓަށްވުރެ ތަންކޮޅެއް ފަހަތުގައެވެ.
"ދަނީ." އަހަރެން ހިނގައިގަތުމުގެ ކުރީން ބުނެލީމެވެ. އިތޫ އަހަރެންގެ ގައިގާ ބައްދާލިއެވެ. ހެނދުނުން ގުޅައްޗޭ އޭނާ ބުނެލިއެވެ.
ކާރަށް އަރައި ހަމަޖެހިލުމާއެކު ފައިސަލް ކާރު ދުއްވާލިއެވެ. އަހަރެން އޭނާއަށް ގޮވާލީމެވެ. ލަސްވީ ކީއްވެތޯ ސުވާލު ކުރީމެވެ. ސަބަބެއް ފައިސަލް ނުބުންޏެވެ. އެކަމަކު ލަސްވީތީ އޭނާ މަޢާފަށް އެދުނެވެ. އޭނާ ހީވަނީ ހަމަ ދެންމެ ފެންވަރާލައިގެން ނުކުމެގެން އައިސް އިންހެނެވެ. ކާރުތެރޭގައި ވެސް ވަނީ އޭނާ ޖަހާ ސެންޓުގެ ވަހުން ހުވަނދުލެވިފައެވެ. ފައިސަލްގެ މޫނުން ހިތްހަމަނުޖެހުމުގެ ކުޑަ ވެސް އަސަރެއް ނެތެވެ. މިރެއަކީ އަހަރެންނަށް ލިބޭނެ އެންމެ ފަހު ފުރުޞަތޭ ހިތަށް އެރިއެވެ. އެހެންވެ ވަގުތު ބޭކާރުނުކޮށް އަހަރެންގެ އަމާޒަށް ވާސިލުވާން މަސައްކަތް ފެށީއެވެ.
"މިރޭ ވެސް ނުފެންނާނެތަ؟." މާޔޫސީ ރާގެއްގައި އަހަރެން އަހާލީމެވެ.
"އެނގެއެއްނު ރޭގައި ނުދިޔައީ ކީއްވެކަން." ފައިސަލް ބުންޏެވެ.
"އެނގޭ. މިހާރު މި އަހަނީ މިރޭގެ ވާހަކަ. މިރޭ އަހަރެންނަށް ފައިސަލް ފެންނާނެތޯ. ފަޒީލު ކުއްލިއަކަށް ގެސްޓްހައުސްގައި ހުންނަން ނިންމީ ކީއްވެ؟... ޔޫގެ މަންމަ ބުނެގެންތަ؟. އަހަރެން ގެއަށް ބަދަލުނުވެގެން ދޯ. ގެސްޓްހައުސްއިން ކުއްޖަކު ގެއްލުނީއޭ ކިޔާފައި އަހަރެންނާ އެކަމާ ކޮންކަމެއް؟. ފައިސަލްގެ މަންމަ ވާހަކަދެއްކި ގޮތުން ހީވަނީ އަހަރެންނަށް ވެސް ޖެހޭނީ އެ ދަތުރުހެން. ވީނުވީއެއް ނޭނގި އަހަރެން ވެސް ގެއްލިދާނެއޭ. އެއީ ކިހާ ބޯހަމަނުޖެހޭ ވާހަކައެއް. ނޫންތަ؟." އަހަރެން ބުނެލީމެވެ. ފައިސަލްގެ ނަޒަރު އަހަރެންނަށް އަމާޒުވެލިއެވެ.
"ވެދާނެއެއްނު އެއީ ތެދަކަށް." ފައިސަލް ބުންޏެވެ.
"ކިހިނެއް؟. ފައިސަލް ވެސް މަންމައާ އެއްކޮޅަށް އެރީތަ؟. ފައިން... ފައިސަލް ވެސް ބޭނުމީ އަހަރެން ޔޫގެ މަންމައާއި ފަޒީލުއާއެކީ އުޅޭން އެގެއަށް ބަދަލުވާން ދޯ. އަދި ފާޑެއްގެ އަންހެނެއް އެގެއަށް އައިސް އަހައިފިޔޭ އަހަންނަކީ ފަޒީލު އިންނަން އުޅޭ ކުއްޖާހޯ... އަހަންނަށް ހީވަނީ އެކަންވެސް ކުރަންވީހެން. ފައިސަލްގެ މަންމަ އުފާވާނެހެން ހީވަނީ... ފައިސަލްއަށް ވަރިހަމައެއްނު." އަހަރެންގެ ވާހަކަ ނިންމާލި ހިނދު ފައިސަލް ހޭންފެށިއެވެ. ހިނިގަނޑު ނުހިފެއްޓިގެން ނިކަން ބާރަށެވެ. އޭނާގެ އެ ޢަމަލާމެދު ގަޔާނުވާކަން އަހަރެން ދައްކާލީމެވެ. ދެ އަތް އުރާލުމާއެކު ތުންއަނބުރާލީމެވެ. ރެއާ ޚިލާފަށް ފައިސަލްގެ މޫޑު މިރޭ ރަނގަޅުހެން ހީވެއެވެ.
"ސޮރީ..." ފައިސަލްގެ ހުނުން ހުއްޓާލުމާއެކު އަހަރެންގެ ކޯތާފަތުގައި އޭނާ އަތްތިލަ ޖައްސާލީ ހިނިތުންވެ އިނދެއެވެ. އެއާއެކު ކާރު މަޑުކުރާން އަހަރެން ބުނެލީމެވެ. ފައިސަލް ވަގުތުން ހައިރާންވިއެވެ. ދެން ވެސް އަހަރެން ކާރު މަޑުކުރާން ފައިސަލް ކައިރީ ބުނީމެވެ. ބޮކިދަނޑިއެއް ނުވާ އެ މަގުގެ އެއްފަރާތުގައި ފައިސަލް ކާރު މަޑުކޮށްލިއެވެ. އޭނާ އިނީ އަހަރެން އެފަދަ އަމުރެއް ކުރީތީ ސުވާލު އުފެދިފައެވެ. ނަމަވެސް އަހަރެންގެ މަޤްޞަދަކީ މިރޭ ފައިސަލް ދުރަށްދާން ފުރުޞަތު ނުދިނުމެވެ. އަހަރެން ސީޓުން ފޫހިއްލާލުމާއެކު ފައިސަލްގެ މޫނުގައި ދެ އަތުން ހިފަހައްޓާލުމާއެކު އޭނާއާ ގާތްވެލީމެވެ. ފައިސަލްގެ ދެ އަތުން އަހަރެންގެ ގާތްކޮށްލި ގޮތުން އޭނާގެ ހަށިގަނޑުގައި ދަހިވެތިކަމެއް އުފެދިއްޖެކަން ގައިމެވެ.
"އާނަ..." ފައިސަލްއާ ދުރަށް ޖެހި އަލުން ސީޓުގައި އަހަރެން އިށީނުމާއެކު ގޮވާލިއެވެ.
"ބާކީބައި ގެސްޓްހައުސްއަށް ދެވުނީމަ." އަހަރެން ބުނެލީމެވެ. އެއާއެކު ފައިސަލް ތުންފަތް ލޮވެލުމާއެކު ދަތްއަޅާލީ ލާނެތް ހިންޏެއް އައިސްފައި އިނދެއެވެ. އަވަހަށް އޭނާ ކާރު ދުއްވާލިއެވެ. ދުވެލި ބާރުކޮށްލި ގޮތުން ފައިސަލްގެ ކެތްތެރިކަން ގެއްލިއްޖެހެން ހީވެއެވެ. އަހަރެން ގަސްދުގައި ހީނލީމެވެ.
"މަންމަ އެކަނި ގޭގައި އުޅޭއިރު ގެސްޓްހައުސްއަށް ނިދަން ނާންނަން ފަޒީލު ކައިރީ އަހަރެން ބުނިން." ގެސްޓްހައުސްއާ ކައިރިވެފައި ވަނިކޮށް ފައިސަލް ބުނެލިއެވެ. އަހަރެން އުފާވީވަރު ދައްކާލީ ފުޅާ ހިނިތުންވުމަކުންނެވެ.
ކާރުން ދެ މީހުން ފޭބީ އެކީގައެވެ. ގެސްޓްހައުސްގެ މައި ދޮރޯށިން އެތެރެއަށް ވަދެވުމާއެކު ފައިސަލްގެ އަތްދަނޑި މައްޗަށް އަހަރެން އުފުލާލީ ނުވިސްނާ ހުއްޓައެވެ. ފައިސަލްގެ ކަރުގައި ދެ އަތް އަޅުވާލައިގެން އޭނާ އަހަރެން ގެންދާތަނެއް ބަލަން އޮތީއެވެ. މައި އިމާރާތުގެ ދޮރު ލައްޕާފައި ހުރުމުން އަހަރެން ސުވާލު އުފެދުނެވެ.
"މިރޭ ހާދަ އަވަހަށް ދޮރުލެއްޕީ. އަބްދުލްއަށް ނޭނގޭތަ އަހަރެން އަދި ނާންނަކަން." އަހަރެން އަހާލީމެވެ.
"އަބްދުލް ހިނގައްޖެ." ފައިސަލް ބުންޏެވެ.
"އޭނާގެ ރަޙުމަތްތެރީންނާއެކީ އޯވާނައިޓަކަށް ދިޔައީތަ؟." ކުރީން ވެސް އަބްދުލްގެ ރައްޓެހިންނާއެކީ ގޮސްފައިވާތީ އަހަރެން ލަފާކުރީމެވެ. ނަމަވެސް ފައިސަލްގެ ޖަވާބު އައީ ތަފާތުކޮށެވެ.
"ރަށަށް ދިޔައީ. މިއަދު ހަވީރު ފުރީ." ފައިސަލް ބުންޏެވެ. އަހަރެން ޖެހިލުންވިއެވެ. ތެދަށް ބުނާނަމަ ބިރުގަތީއެވެ. އެހެންޏާ އެ އިމާރާތުގެ ކޮޓަރިއެއްގައި އަބްދުލް ނިދާފައި އޮންނާނެކަން އެއީ އެނގި ޔަގީންވާ ކަމެކެވެ.
"ކުއްލިއަކަށް ރަށަށް ދާންޖެހުނީ ކިހިނެއްވީ؟." އަހަރެން އެހީމެވެ.
"ވަކި މުއްދަތަކަށް ގެނެސްފައި ތިބޭ މީހުން ދުވަސް ހަމަވީމާ ފޮނުވާލަން ދޯ ޖެހޭނީ. މިތަނަށް މީހުން ނާންނާތީ އޭނާ ވެސް ހުރީ އެހެންތަނަކަށް ބަދަލުވާން ބޭނުންވެފައި. އެހެންވެ ދޫކޮށްލީ... ދެން އޭނާގެ ވާހަކަ ބަހައްޓަބަލަ. މިރޭ މިއޮތީ އަހަރެމެންނަށް ހިތަކަށް ލިބިފައި... ކާރުގައި އާނަ ފެށި ކަންތަކަށް ނިމުމެއް ބޭނުންވެފައި އަހަރެން މިހުރީ. ކޮޓަރިއާ ހަމައަށް ދެވެންދެން ކެތެއްނުކުރެވޭނެ." ފައިސަލްގެ ފަހު ބަސްތައް އިއްވާލީ އަހަރެންގެ ކަންފަތްދޮށުގައި ސިއްރުންނެވެ. އޭނާގެ ނޭވާގެ ހޫނުކަން އިޙްސާސް ކުރެވޭނެހެން އަހަރެންގެ ކަންފަތް ކައިރިން ކޯތާފަތުގައި މޫނު ހާކާލިއެވެ.
"ފައިސަލް... މިރޭ އަހަރެން ބޭނުމީ ފައިސަލްގެ ރޫމަށްދާން. ޕްލީޒް." އަހަރެން އާދޭސްކުރަން ފެށީމެވެ.
ފައިސަލްގެ އަތްދަނޑިމަތިން ފުންމާލަން އަހަރެން އުޅުމުން ވަކިން ބާރަށް އަހަރެންގެ ގައިގާ ހިފަހައްޓާލައި ފައިސަލްގެ ގަޔާ ކައިރިކޮށްލިއެވެ. އަދި އޭނާ ހޭންފެށިއެވެ. އިހަށް އަހަރެންގެ ރޫމަށް ހިނގާށޭ ފައިސަލް ބުންޏެވެ. އަހަރެން މާޔޫސްވީ ނުހަނު ބޮޑަށެވެ. އޭނާ ދިރިއުޅޭ އެ ކުޑަގެއަށް ވަންނާނޭ ފުރުޞަތެއް އަހަރެންނަށް ދެން ނުލިބޭނޭ ހިތަށް އަރާފައެވެ. ފައިސަލްގެ އަތްދަނޑިމަތިން އަހަރެން ތިރީގައި ބަހައްޓާފައި އޭނާ ގެސްޓްހައުސްގެ ދޮރު ހުޅުވިއެވެ. އަހަރެންނަށް ކުރެވުނު ކަމެއް ނެތެވެ. ދެކޮޅު ހަދަން ވެސް ބޭނުންވިއެވެ. ނަމަވެސް ހިތަށް އަރާހާ ގޮތަކަށް ކަންކުރާކަށް އަހަރެންނަކަށް ނުކެރުނެވެ. އެތެރެއަށް ފައިސަލް ވަނީ އަހަރެންގެ އަތުގައި ހިފައިގެންނެވެ.
* * * * *
އެނދުން ފައިބާ ރަގުމަތިން ޓީޝާޓު ނަގައި ލީމެވެ. އަދި މަޑުމަޑުން އައިސް އަހަރެން ހުއްޓިލީ ކޮޓަރީން ނުކުމެވެން ހުރި ބެލްކަނީގެ ދޮރުކައިރީއެވެ. ފަރުދާތައް އަތުން އެއްފަރާތްކޮށްލައިގެން ހުރެ ކުޑަކޮށް ދޮރުފަތް ހުޅުވާލީމެވެ. އެއާއެކު ކޮޓަރިތެރެއަށް ދެމިގަތް ފިނިފިނި ވައިރޯޅީގެ ބީހުން އިޙްސާސް ވިއެވެ. ލިބިފައިވާ މާޔޫސްކަމާއެކު އަހަރެންގެ ބޮލުގައި ރިހުމެއް ހުއްޓެވެ. ކަންތައްވީ އަހަރެން ގަސްދުކުރި ގޮތަށް ނޫންވީމައެވެ. އަހަރެންގެ މަޤްޞަދު ހާސިލުކުރަން ނޫން ގޮތަކަށް މިހާރު ފައިސަލްއާއެކީ ގާތް ގުޅުމެއް ބާއްވާކަށް ބޭނުމެއްނޫނެވެ. ނަމަވެސް މިރޭ އަހަރެން ބޭނުންނުވާ ކަންތައްވެ އެކަމުގެ ބަދަލުގައި އަހަރެންނަށް ހާސިލުވީ މޮޅެއް ނެތެވެ. އަނެއްކާވެސް ފައިސަލްއަށް ލިބުނު އިތުރު ވީޑިއޯއެކެވެ.
"ކީއްވެ އެނދުން ފޭބީ." ފައިސަލް އައިސް އަހަރެންގެ ފުރަގަހުން ބައްދާލިއެވެ. އަހަރެންގެ ކޮނޑުގައި އޭނާ ދަތްދޮޅި އަޅުވާލިއެވެ.
"ކީއްވެ ފައިސަލްގެ ރޫމަށް އަހަރެން ގެންދަން ބޭނުންނުވަނީ. އަހަރެންނާމެދު ސީރިއަސް ނޫނީތަ؟. ފައިސަލް އަހަރެންނަށް ކަމެއް ސިއްރުކުރަނީތަ؟. އަހަރެންނަށް އެނގެން ނުޖެހޭ ކަމެއް އޮތީތަ؟." ހަރަކާތެއްނުކޮށް އެ ހުރި ގޮތަށް ހުރެ އަހަރެން ވާހަކަދެއްކީމެވެ. ފައިސަލް ޖަވާބެއް ނުދިނެވެ. އޭނާގެ ހިމޭންކަން ދިގުލައިގެން ދަންދެން އަހަރެން ނުހުރެ ވާހަކަދެއްކީމެވެ. މިފަހަރު ބޭނުންވީ ފައިސަލްއަށް ޝިފާލީގެ ވާހަކައިން އަސަރުކުރާ ވަރެއް ބަލާލުމެވެ. އެ ހިމޭންކަމުގައި އޭނާއަށް ކިހާއިރު ހުރެވޭނެބާއެވެ.
"ގެސްޓްހައުސް އިން ގެއްލުނު ކުއްޖާ ހުރީ މި ކޮޓަރީގައި ކަމަށް ފަޒީލު ބުނި... ނަން ވެސް ބުނި. ޝީއާ... ޝިފާ... އެކަހަލަ ފާޑެއްގެ ނަމެއް. މާބޮޑަކަށް ހަނދާނެއްނެތް. އަހަރެން ހިތަށް އަރަނީ މިހިސާބަށް އެމީހަކު އެރީ ކިހިނެއްބާއޭ. ގައިމު މީހަކު އެޓޭކް ކުރިނަމަ އޭނާ ހަޅޭ ވެސް ލަވާނެ ދޯ. އޭނާގެ ރައްޓެހިން ތިބީ ވެސް ދުރަކުނޫން. އެމީހުންގެ ކޮޓަރިއަށް ވެސް ކޮންމެވެސް ކަހަލަ އަޑެއް އިވޭނެ. އަނެއްކާ ކިޑްނެޕްކޮށްގެން ގެންދިޔަނަމަ ކޮންމެވެސް ކަހަލަ ނިޝާނެއް ވެސް ހުންނާނެ. އެއްވެސް ކަހަލަ ގަދަހެދުމެއް ވެސް ފެންނަން ނެތޭ ބުނީ. އެނގޭތަ، ފަޒީލު އެ އަންހެންކުއްޖާ ދެކެ ލައިކްވިކަން... ވަރަށް ރީތި ކުއްޖެއްތަ އެއީ. ފައިސަލް ވާހަކަދެއްކިންތަ؟. ފައިސަލްއަށް ކިހިނެއް ހީވަނީ." އަހަރެން ކުރި ސުވާލާއެކީ އެނބުރިލަން އުޅުމުން އެ ފުރުޞަތު ފައިސަލް ނުދިނެވެ. އަހަރެންގެ އުނަގަނޑުގައި ވަށާލެވިފައިވާ ފައިސަލްގެ ދެއަތުގެ ތެރޭ ހައްޔަރުކޮށްލީއެވެ. އަހަރެން ފައިސަލްގެ ނަމުން ގޮވާލީމެވެ.
"އަހަރެން އޭނާ މަރާލީ." ފައިސަލް ބުނެލިއެވެ. އަހަރެންގެ މުޅި ހަށިގަނޑަށް ހަރުކަށިކަމެއް ވެރިވީ އިޚްތިޔާރަކާއި ނުލައެވެ. ބުނާނޭ އެއްޗެއް ކުއްލިއަކަށް ދުލަކަށް ނައެވެ. އަހަރެންނަށް ފައިސަލް އެ ބުނީ ތެދެއްކަން އެނގެއެވެ. އެކަމާ ކުރިމަތިލާނޭ ގޮތެއް ނޭނގިފައި ހުއްޓާ ފައިސަލް ހޭންފެށި އަޑު އިވުނެވެ.
"ހާދަ ވަރެއް އާނައަށް ތިވީ. ބިރުގަތީތަ؟. އަހަރެން މަރާލީއޭ ހީކުރީތަ؟." ހެމުންހެމުން ފައިސަލް ވާހަކަދެއްކިއެވެ. އަދި އަހަރެންނާ ދުރަށް ޖެހިލައި އޭނާއާ ދިމާއަށް އަނބުރާލުމާއެކު އަނެއްކާ ވެސް އޭނާގެ ދެ އަތުގެ ތެރޭ އަހަރެން ހިފަހައްޓާލައިފިއެވެ.
"ނޯ... މީހަކު މަރާކަށް ނުކެރޭނެ..." އަހަރެން ބުނެލީމެވެ. ފައިސަލް އޭރު ވެސް ހުރީ ހިނިއައިސްފައެވެ. އޭނާ އުޅޭ ގޮތުން ހީވަނީ އެއީ ކޮށްލި ސަމާސާއެއް ހެންނެވެ. ހަޤީޤަތް ނޭނގޭ މީހަކު ޝައްކެއް ނުކުރާނެކަން ޔަގީނެވެ.
"ވަރުބަލިތަ؟." އަހަރެންގެ ދަތްދޮޅީގައި ހިފައި ފައިސަލްގެ މޫނާ ދިމާއަށް އުފުލާލައިގެން ހުރެ އަހާލިއެވެ. ނޫނެކޭ ބުނަން އަހަރެން ބޯހޫރާލީމެވެ. އަހަރެންގެ އަތަށް ދަމާލުމާއެކު އޭނާއާއެކު ދާން އަހަރެންނަށް މަޖުބޫރުވިއެވެ. އަހަރެން ގޮވައިގެން ފައިސަލް އައިސް އެރީ އެނދަށެވެ. އަދި ފަރުވާތެރިކަމާއެކު އަހަރެންގެ މޫނަށް ބަލަންފެށިއެވެ.
"ކީއްވެ ތި ބަލަނީ." އަހަރެން އަހާލީމެވެ.
"އާނަގެ ލޭގެ ގުރޫޕަކީ ކޮބާ؟." ފައިސަލް އަހާލިއެވެ.
"ތީ ކޮންކަހަލަ ސުވާލެއް. އަހަރެންނަކީ ތެލެސީމިއާ މީހެއްނޫން. އެކަމާ ހާސްވާކަށް ނުޖެހޭނެ." އަހަރެން ބުނީމެވެ.
"އަހަރެންގެ ހުންނަނީ އޯ. ދެން ބުނެބަލަ. އާނަގެ ލޭގެ ގުރޫޕު." ފައިސަލް އަނެއްކާ ވެސް އޮޅުންފިލުވަން ބޭނުންވިއެވެ. އޭނާގެ ސުވާލަށް އަހަރެން ޖަވާބު ދިނީމެވެ.
"އިންސާނާގެ ކަރާއި ހަތަރެސްފައިގެ ނާރުތައް ބުރިކޮށްލިޔަސް އިންސާނާ ވަގުތުން މަރުނުވާކަން އާނައަށް އެނގޭތަ؟. އެހެން އޮވެ ލޭ ހުސްވާން ކިތައް ގަޑިއިރު ނަގާކަން އެނގޭތަ؟." ފައިސަލް ސުވާލުކުރިއެވެ. އަހަރެންގެ މޭޖެހެން ފެށިއެވެ. ހޫދު ދެއްކި ވާހަކަ މަތިން ހަނދާންވިއެވެ. ފައިސަލްއަށް ކިރިޔާ ޝައްކެއްވާ ފަދަ އެއްޗެއް އަހަރެންނަށް ބުނެވުނަސް އޭނާ ސަމާލުކަމަށް އަންނާނޭ ކަމެވެ.
"ތި ދައްކަނީ ކޮންކަހަލަ ވާހަކައެއް. އަހަރެން ތިކަހަލަ ކަންކަމަކާ ނުވިސްނަން. ޑަކްޓަރަކާ ފައިސަލް ތި ސުވާލުތައް ކުރަން އެންމެ ރަނގަޅުވާނީ." އަހަރެން ބުނީމެވެ. ފައިސަލް އަހަރެންނަށް ބަލަން އޮވެ ހީނލިއެވެ. އޭނާ އަހަރެންނަށް އެ ބަލާ ގޮތް އެއްގޮތަކަށް ވެސް ކަމަކުނުދެއެވެ. ހިނދެއްހިނދަކަށް އަހަރެންގެ ހިތުގައި އޮތް ބިރުވެރިކަން ދިޔައީ އޭނާގެ އެ ބެލުމުގެ ސަބަބުން ބޮޑުވަމުންނެވެ.
ފައިސަލް ތެދުވެ އަހަރެންގެ އުނަގަނޑާ ދިމާއިން ދެފައި ބާލައި ގައިމައްޗަށް އަރާ އިނދެ އަހަރެންގެ ކަރުގައި ދެ އަތުން ހިފާލިއެވެ. ސިހިފައި ވަގުތުން ކަރުގައި ވަށާލެވިފައިވި ފައިސަލްގެ ދެއަތުގައި އަހަރެންނަށް ހިފުނެވެ. ދެ ލޯ ބޮޑުކޮށްލަމުން ފައިސަލްއަށް ބަލަން އޮތީ އޭނާ ކުރަން އުޅޭކަމެއް ނޭނގިފައެވެ. އަހަރެންގެ ފަހުވަގުތު ޖެހުނީބާއޭ ވެސް ހިތަށް އަރަމުންދިޔައެވެ.
"މިހެން ބާރުކޮށްލުމުން ނޭވާ ހިނގާ ހޮޅި ބަންދުވާނެ. އޮކްސިޖެންއާ ނުލާ މީހާއަށް ދިރިހުރެވޭނީ ކިހާއިރަކުކަން އެނގޭތަ." ފައިސަލްގެ ވާހަކައާ އެއްވަރަށް އޭނާ އަހަރެންގެ ކަރަށް ބާރުކުރަމުންދިޔައެވެ. ދެ އަތުގެ ބޮޑުވައި އިނގިލިން ވަކިން ބޮޑަށް ކަރަށް އޮބައިލިއެވެ. އަހަރެންނަށް ނޭވާލާން އުނދަގޫވާން ފެށިއެވެ.
(ނުނިމޭ)