ބޭރު ކުޅިވަރު

ޕީއެސްޖީ ކޮޅަށް ލަނޑެއް ޖެހުމުން ޗެލްސީ އަށް ފުދިއްޖެ

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރޭ ޗެލްސީ ކޮޅަށް އެޑިންސަން ކަވާނީ ޖެހި ލަނޑުން 2-1އިން ފްރާންސްގެ ޕީއެސްޖީ މޮޅުވި ނަމަވެސް ޗެލްސީން ހިތްހަމަޖެހުން ފާޅުކޮށްފި އެވެ.

ޕެރިހުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ވެސް ޖެހީ ވެސް ޕީއެސްޖީންނެވެ. ޒްލަޓާން އިބްރަހިމޮވިޗް ލަނޑު ޖަހާފައިވަނިކޮށް ޗެލްސީ އަށް އެއްވަރުކޮށްދިނީ ޖޯން އޮބީ މިކޭލް އެވެ.

މި މޮޅާއެކު ޕީއެސްޖީ އަށް ހަމަޖެހުމެއް ލެވުނު ނަމަވެސް މީގެ ތިން ހަފުތާ ފަހުން ޗެލްސީގެ ދަނޑުގައި މި ދެ ޓީމު ކުޅޭ މެޗުން މޮޅުވެގެން ނޫނީ ޗެލްސީ އަށް މުބާރާތުގެ ކުއާޓާ ފައިނަލަށް ނުދެވޭނެ އެވެ.

ކެޕްޓަން ޖޯން ޓެރީ ނެތި ޗެލްސީ ކުޅުނު މެޗަށް ފަހު ޗެލްސީގެ ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗް ބުނީ ރަށުން ބޭރުގައ ގޯލެއް ޖެހުމުން ހިތްހަމަޖެހިފައިވާ ކަމަށެވެ.

"އަހަރުމެން މަސައްކަތް ކުރީ އެކަމަށް. އެކަން ކުރެވުމުން ހިތްހަމަޖެހޭ. ދެން ޕީއެސްޖީ ކަހަލަ ވަރުގަދަ އަދި މޮޅު ފޯވަޑުން ތިބި ޓީމަކާ ދެކޮޅަށް މިހާރަށްވުރެ ވަރުގަދަ އަށް ޕެކްކޮށްގެން ކުޅެންޖެހޭ. ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެތިބި ފޯވަޑުން ހިފާނެ. އެކަމަށް އަހަރުމެން ވިސްނަންޖެހޭ،" އިވަނޮވިޗް ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ބެންފީކާ އާއި ޒެނިތް ކުޅުނު 1-0އިން ކާމިޔާބު ކުރީ ބެންފީކާ އެވެ.