އާބަންކޯ

ބިން ހިއްކަން ހުޅުމާލެ ފަޅު ހުސްކުރުމުގެ މަސައްކަތް ފަށައިފި

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ބިން ހިއްކުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި ހުރި އުޅަނދުތަކެއް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

އާބަންކޯ އިން ބުނީ މި މަސައްކަތްތަކުގެ ތެރެއިން ސައިޓް އޭގެ މަސައްކަތްތައް ވީހާވެސް އަވަހަށް ފެށުމަށް އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައިވާ ކަމަށެވެ.

"އެހެންކަމުން ސައިޓް އޭގައި އަޅާފައިވާ އަމިއްލަ ފަރާތްތަކުގެ އުޅަނދުތައް ވެސް ވީހާވެސް އަވަހަށް އެ ސަރަހައްދުން ނެގުމަކީ މި ކޯޕަރޭޝަންގެ ވަރަށް ބޮޑު އެދުމެކެވެ،" އާބަންކޯ އިން ބުންޏެވެ.

އެކުންފުނިން ބުނީ ނެގޭ އުޅަނދުތައް އެ ސަރަހައްދުގެ ބޭރުގައި އެޅުމުގު ފުރުސަތުވެސް މިހާރު ފަހިކޮށްދީފައިވާ ކަމަށެވެ. އަދި އާބަންކޯގައި ރަޖިސްޓްރީކޮށްގެން ކުޑަގިރި ފަޅު އަދި ދިޔަނެރު ފަޅުގައިވެސް އުޅަނދުތައް އެޅުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

"މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން މިއަންނަނީ ތަރައްޤީއަށް ކުރެވޭ މިފަދަ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމާ، ރައްޔިތުންނަށް މީގެން ލިބޭނެ ގެއްލުންތައް ވީހާވެސް ކުޑަ ކުރުމަށްކަން ފާހަގަކުރަމެވެ،" އާބަންކޯ އިން ބުންޏެވެ.

މާލެ ރައްޔިތުންނަށް ގޯތި ދޫކުރަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ. ހުޅުމާލެ އިން ގޯތި ލިބޭ ބައެއް މީހުންނަށް މިހާރު ވަނީ ގޯތި ހަވާލުވެސްކޮށްފަ އެވެ.