އެމަނިކުފާނާ ދިމާލަށް ކޮންމެ އެއްޗެއް ކިޔަމުން ދިޔަ ނަމަވެސް އެފަދަ ވާހަކަތަކަށް ޖަވާބު ނުދެއްވާނެ ކަމަށާއި އަމާޒަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދިނުން ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.
ހދ. މަކުނުދޫގައި ގިނަ އަދަދެއްގެ ބަޔަކާ އެކު މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ވާދަވެރިން އެމަނިކުފާނާ ދިމާލަށް ނުކިޔާ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. ނަމަވެސް ކިތަންމެ ވަރަކަށް އެއްޗެތި ކިޔަސް ޖަވާބު ނުދެއްވާނެ ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑާ ދިމާއަށް ނުކިޔަނީ ކޮން އެއްޗެއް. ކޮން އެއްޗެއް ނުކިޔަނީ؟ އަޅުގަނޑު އެއަކާ އަޅައެއް ނުލަން. ކީއްކުރަންތޯ އޭގައި ޖެހިގެން އަޅުގަނޑު ހުންނަންވީ؟ ކީއްކުރަންތޯ؟،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވާދަވެރިން އެމަނިކުފާނުގެ އަބުރަށް ހުތުރުވާ ބަސްތައް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް އެފަދަ ވާހަކަތަކަށް ޖަވާބު ދިނުމަށްވުރެ މުހިއްމީ ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުން ކަމަށެވެ. އެހެންކަމުން ވައުދުތައް ފުއްދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
"ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މަސައްކަތްތައް މާގިނަ. މީހަކު އެހެން ބުނެލާ އަދި ދައްކާ ވާހަކައަކަށް އަޅުގަނޑު ޖަވާބުދިނުމުގެ ވިސްނުމެއް ނެތް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިރޭވެސް ދެއްވި ޔަގީންކަމަކީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާނަމަ އަދި ގާނޫނީ އިމުގެ ތެރޭގައި އަމަލުކުރާނަމަ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމެވެ. އެއްވެސް ސަރުކާރަކުން ދީފައި ނުވާ މިންވަރަށް ހިޔާލުފާޅުކުރުމަށާއި ނޫސްވެރިކަމަށް މިސަރުކާރުން މިނިވަންކަން ދީފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ކެމްޕޭންގައި ރަށްރަށް ވަޑައިގަންނަވާއިރު އެ ރަށްރަށުގައި ތިބޭ އިދިކޮޅު މީހުން ގެންދަނީ އެމަނިކުފާނަށް އަމާޒުކޮށް ހުތުރު ބަސްތަކުން ހަދާފައި ހުންނަ ލަވަތައް ޖަހަމުންނެވެ. ބައެއް ޓީވީ ޗެނަލްތަކުން ވެސް އެފަދަ ލަވަތައް ދައްކަ އެވެ.