މުހައްމަދު ނާޒިމް

ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ނަގާނަން: ނާޒިމު

މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ވެރިކަމެއްގައި ކާޑެއްދޫ އެއާޕޯޓު ސަރުކާރުގެ ދަށަށް ގެންނާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ނާޒިމު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓަށް ތަރައްގީ ނާންނަ ކަމަށާއި އެއާޕޯޓް އޮތީ މީގެ 20-25 އަހަރު ކުރިން އޮތް ހާލަތުގައި ކަމަށެވެ.

އެއާޕޯޓުގެ ހާލަތު ބަދަލުކުރުމަށް އެ އެއާޕޯޓު ސަރުކާރަށް ނަގަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމިއްލަ ވިޔަފާރިވެރިންގެ ދަށުވެގެން ސަރުކާރެއް ނުހިންގޭނެ." ނާޒިމު ވިދާޅުވި އެވެ.

ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނަގައި އެ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރާނެ ކަމަށް ނާޒިމު ވިދާޅުވި އެވެ.

މީގެ އިތުރުން ހުވަދޫ އަތޮޅަށް ޓޫރިޒަމް ފުޅާކުރުމަށް ސިޓީ ހޮޓާތައް އިމާރާތްކޮށް ވަޒީފާތައް އުފައްދާނެ ކަމަށްވެސް ނާޒިމު ވިދާޅުވި އެވެ.

ކާޑެއްދޫ އެއާޕޯޓު ދޫކޮށްފައިވަނީ ވިލާ އެއާއަށެވެ.

ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ އިން އެންމެ ފުރަތަމަ ހަވާލުވީ 2013 ވަަނަ އަހަރުގެ ތެރޭގަ އެވެ. އަދި ރަސްމީކޮށް އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން އޭރު ފެށީ ޖެނުއަރީ 1، 2014 ގައެވެ. ވިލާ އެއާއަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ކުއްޔަށް ދީފައި ވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ.

އެކަމަކު އެ ކުންފުނިން ކޯޓަށް މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އަލުން އެއާޕޯޓާއި ހަވާލުވީ މިދިޔަ އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހު އެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމުގައި، އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.